ޚަބަރު ސަރުކާރު

ޓެކްސީ ލައިނެއް ތައާރަފުކުރަނީ ވަކި ވިޔަފާރިއެއް ކެޕްްޗާކުރާކަށް ނޫން: އަމީން

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސްގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް

މާލެ ސަރަހައްދުގައި ޓެކްސީ ލިބުން ދަތިވަނީ ރަޖިސްޓްރީކޮށްފައި ހުރި ގިނަ ޓެކްސީ އުޅަނދުތައް ހިދުމަތަށް ނުނިކުންނާތީ ކަމަށާއި، ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކުރަނީ އެއްވެސް ވިޔަފާރިއެއް "ކެޕްޗާ" ކުރުމުގެ ބޭނުމުގައި ނޫން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މާލެ ސަރަހައްދުގައި ޓެކްސީ ލައިނުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ.

އިލެކްޓްރޯނިކް ޓެކްސީ (އީވީ) މެދުވެރިކޮށް އެމްޓީސީސީން ފަށާ ހިދުމަތް ދޭނީ "އޫބާ" އާއި "ގްރޭބް" ކޮންސެޕްޓުގައި އެ ކުންފުނިން ތައްޔާރުކޮށްފައިވާ އަމިއްލަ ސޮފްޓްވެއާއެއް މެދުވެރިކޮށެވެ. ޓެކްސީ ލައިންގެ ހިދުމަތް ފަށާނީ 100 ޓެކްސީ އާއެކު އެވެ.

އެކަމަކު ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކުރާތީވެ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކެއް އެބައޮތެވެ. އެ މީހުން ބުނަނީ ޓެކްސީ ފްލީޓެއް ތައާރަފުކުރުމަކީ ޓެކްސީ ދުއްވާ ފަރާތްތަކާއި ޓެކްސީ ސެންޓަރުތައް ހިންގާ ފަރާތްތަކުގެ އިތުރުން ކުއްޔަށް ކާރު ދުއްވާ ފަރާތްތަކުގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ޕްރެސްގައި އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އަމީން ވިދާޅުވީ ވަޒީފާތަކުގައި އުޅޭ މީހުންވެސް އިތުރު އާމްދަަނީއެއް ހޯދަން ޓެކްސީކުރަމުންދާ ކަމަށެވެ. އޭގެ ސަބަބުން މާލޭގައި ޓެކްސީތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

އެކަމަކު ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކުރުމުން އަމިއްލަ ވެހިކަލެއްގައި ޓެކްސީކުރަން ނުޖެހި، މެއިންޓެނެންސްއާއި ޓެކްސީއަށް ފެޓްރޯލް އަޅަން އަމިއްލައަށް ހަރަދުކުރަން ނުޖެހި، ރަނގަޅު ނިޒާމެއް ގާއިމުކުރެވިގެން ދިޔުމުން ޓެކްސީގެ އަދަދު މަދުވާނެ ކަމަށެވެ.

އެއަށް ފަހު ތަފާސްހިސާބުތައް ހިއްސާކުރަމުން އަމީން ވިދާޅުވީ މާލޭ ސަރަހައްދުގައި 1،590 ޓެކްސީ މިހާރުވެސް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އެކަމަކު އޭގެ ތެރެއިން ޓެކްސީކޮށް އުޅެނީ މަދު އުޅަނދެއް ކަމަށެވެ.

"20 ޕަސެންޓް ނުވަތަ 25 ޕަސެންޓް ހިދުމަތަށް ނިކުމެ ކޮންޓިނުއަސްލީ އުޅެންޏާ ޓެކްސީ ނުލިބިގެން އުޅޭކަށް ނުޖެހޭނެ، އެކަމަކު ރިއަލިޓީއަކީ ޓެކްސީ ބޭނުންވާއިރު ޓެކްސީ ނުލިބިގެން ވަރަށް ދަތިކޮށް މީހުން އުޅެނީ،" އަމީން ވިދާޅުވި އެވެ.

ސަރުކާރުން އެންމެ ފުރަތަމަ ގެންނަ ޓެކްސީތަކާއެކު ހިދުމަތް މިހާރަށްވުރެ ރަނގަޅު ކުރެވޭނެ ކަމަށާ އަދި ވަކި ހާއްސަ މިންގަނޑެއް އެކުލަވާލެވޭނެ ކަމަށެވެ. ޓެކްސީގެ ގަވާއިދަށް މީގެ ކުރިން އެއްވެސް ގޮތަކަށް އަމަލުނުކުރެވޭ ތަނުގައި ޓެކްސީގެ ހިދުމަތްތައްވެސް މިހާތަނަށް ހަރުދަނާވެފައިނުވާ ކަމަށް ވިދާޅުވި އެވެ.  އެހެންވެ ޓެކްސީ ލައިނެއް ތައާރަފުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

"މިއުޅެނީ ވަކި ވިޔަފާރިއެއް ކެޕްޗާކޮށްގެން ނަގާކަށް ނޫން. ސްޓޭންޑަޑެއް މެއިންޓެއިން ކުރީމަ އަބަދުވެސް ފްލޯކުރާނެ ދެން ތިބި ބަޔަކު،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އެމްޓީސީސީން ނެރޭ ސްޓެންޑަޑް މެދުވެރިކޮށް ޓެކްސީ ޑްރައިވަރުންނާއި ޓެކްސީތައް މޮނިޓާކުރެވޭނެ ކަމަށެވެ.

Ads by HDC