މާދަމާއިން ފެށިގެން ބަންދުތަކުގައި ކުއްޔަކާ ނުލައި އުއްދޫއަށް ޕިކްނިކް ދެވޭނެ

ދ. އަތޮޅުގެ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖެއްސި ދ. އުއްދޫއަށް މާދަމާއިން ފެށިގެން ބަންދުތަކުގައި ކުއްޔަކާ ނުލައި ޕިކްނިކް ދެވޭނެ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އުއްދޫއަކީ ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރީގެ އުސޫލުން ބޭނުންކުރި ރަށެކެވެ. ނަމަވެސް އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރަށް އަނބުރާ ލިބުމާ އެކު، އެ ރަށަކީ ދަތުރުދާ ރަށެއްގެ ގޮތުގައި މިދިޔަ ފެބްރުއަރީ މަހު އޮތީ ހަމަޖައްސާފަ އެވެ.
އެގޮތަށް ހަމަޖައްސަވާފައިވާކަން އިއުލާނުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ފެބްރުއަރީ މަހު ދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު މީދުއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަަކަފުޅުގަ އެވެ.
ލޯކަލް ގަވަމަންޓް މިނިސްޓްރީން މިދިޔަ މަހު ބުނެފައި ވަނީ އެ މިނިސްޓްރީގެ ޓީމަކުން އުއްދޫއަށް ދަތުރުކޮށް ރަށުގެ ހާލަތު ބަލާފައިވާ ކަމަށެވެ. ދަތުރުދާ ރަށެއްގެ ގޮތުގައި ހުޅުވައިލާއިރު، ގެންނަން ޖެހޭ ބަދަލުތަކާއި އިންތިޒާމުތައް ހުންނަން ޖެހޭ ގޮތް ދެނެގަނެވިފައިވާ ކަމަށެވެ.
އެ ޓީމުން އެކުލަވާލާ ރިޕޯޓުގެ އަލީގައި ގެންނަން ޖެހޭ ބަދަލުތައް ގެނެސް ރައީސް ނިންމަވާފައިވާ ގޮތަށް ގިނަ ދުވަސްތަކެއް ނުވެ، އަތޮޅުގެ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި އުއްދޫ ހަމަޖެހިގެންދާނެ ކަމަށް އޭރު ބުނެފައިވެ އެވެ.
ލޯކަލް ގަވަމަންޓް މިނިސްޓަރު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މާދަމާއިން ފެށިގެން ހަފުތާ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގައި ދ. އަތޮޅުގެ ރައްޔިތުންނަށް ކުއްޔަކާ ނުލައި އުއްދޫއަށް ޕިކްނިކް ދެވޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމުގަ އެވެ.
އެކަމާ ގުޅޭގޮތުން ލޯކަލް ގަވަމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އުއްދޫއަށް ދަތުރު ދެވޭނީ އެ ދުވަސްތަކުގެ ހެނދުނު 6 އިން އިރުއޮއްސި 6 އަށް ކަމަށެވެ.
އުއްދޫއަށް ދަތުރުދާ ފަރާތްތަކުން އެ ރަށުގެ ސާފުތާހިރު ކަމަށާއި ހެދިފައިވާ ގަވާއިދުތަކަށް އިހުތިރާމްކޮށް، ރަށުގެ ރީތި ވެށި އެގޮތުގައި ބޭއްވުމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ޔަގީންކުރާ ކަމަށް ބުންޏެވެ.
ދަތުރުދާ ފަރާތްތަކުން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަން އެދޭ ނަމަ ދުރާލާ އެކަން އެ މިނިސްޓްރީ އާ ހިއްސާކުރަން އެދޭ ކަމަށް އިއުލާނުގައިވެ އެވެ. އިތުރު މައުލޫމާތު ހޯދުމަށް 9108899 ނުވަތަ 7777848 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.
