ޚަބަރު ސަރުކާރު

ޓިކްޓޮކްއިން ފައިސާ ހޯދޭނެ ގޮތްތައް ފަހިކުރަން މަޝްވަރާކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ގިނަ ބައެއްގެ މެދުގައި މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓިކްޓޮކް މެދުވެރިކޮށް ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ފައިސާ ހޯދޭނެ ގޮތްތައް ފަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

Ads by MPL

އިކޮނޮމިކް މިނިސްޓްރީން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ޓިކްޓޮކްގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ރާއްޖޭގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ބޭފުޅުންނާ ބައްދަލުކޮށް، ޓިކްޓޮކްގައި ކޮންޓެންޓް އުފައްދާ ދިވެހިންނަށް ޑިޖިޓަލް މަނިޓައިޒޭޝަންގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކަމުގައި އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރި އެވެ.

ޓިކްޓޮކް ކޮންޓެންޓަރުންނަށް އެ ޕްލެޓްފޯމް މެދުވެރިކޮށް ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމަަށް މަޝްވަރާތައް ކުރަމުންދާ ކަމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެގޮތުން ޓިކްޓޮކް މަނިޓައިޒްކުރުމަށް ރީޖަނަލް އޮފީސްތަކާ މަޝްވަރާކުރެވެމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އޭރު ވިދާޅުވެފައިވެ އެވެ. އަދި ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންދާކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.

ސައީދު ވިދާޅުވެފައިވާ ގޮތުގައި ބައެއް ކޮންޓެންޓުތަކުން ފައިސާ ރިސީވް ކުރެވޭނެ ނިޒާމެއް ނެތީ އެ ފަރާތްތަކުގެ ޕްރިއޯރިޓީ ލިސްޓުގައި ރާއްޖެ ނެތުމުގެ އިތުރުން ރާއްޖޭގެ މާކެޓް ކުޑަވުމުން ކަމުގަ އެވެ. ސަރުކާރުން ކުރި މަސައްކަތުން ވީޗެޓް-ޕޭ ތައާރަފުކޮށްފައިވާއިރު، އެހެނިހެން ޕްލެޓްފޯމުތައް ވެސް ރާއްޖޭގައި ބޭނުންކުރެވޭނެ މަގު ހަމަޖައްސަމުންދާ ކަމަށް ވިދާޅުވި އެވެ.