ރައީސްގެ އާއިލާ ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ސިޔާސީ ދައުވާތަކެއް އުފުލަނީ ބިރުދައްކަން: އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ދަރިކަލުންނާއި އާއިލާ ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން އިދިކޮޅު ޕާޓީތަކަށާއި މީހުންނަށް ސިޔާސީ ދައުވާތަކެއް އުފުލަނީ އަޑުކަނޑުވާލައި ބިރުދެއްކުމުގެ ގޮތުން ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.
އެމްޑީޕީން ސިލްސިލާކޮށް މާލޭގައި ބާއްވަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ދަރިކަލަކަށް ތުހުމަތުކޮށް އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލުގެ އިތުރުން ޕާޓީ އާ ދެކޮޅަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ވަނީ ދައުވާ އުފުލާފަ އެވެ.
ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭގޮތުން ރައީސްގެ އާއިލާގެ ފަރާތުން ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ރެހެންދި ޗެމްބާސްއިން ބުދަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރި ކުރެވިފައި އޮތުމުގެ ހައްގު ނިގުޅައިގެންފައިވާތީ އެވެ. މައްސަލައިގައި މަންދީ އާއި އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒުގެ މައްޗަށް ވަކިވަކިން ދައުވާ ހުށަހަޅާފަ އެވެ.
މަންދީ އާއި އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒުގެ މައްޗަށް ވަކިވަކިން ދައުވާ ކުރަން ފެމިލީ ކޯޓަށް ވެސް ވަނީ މައްސަލަ ހުށަހަޅާފަ އެވެ. އެއީ ގާނޫނު އަސާސީ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަމުގެ ގާނޫނުގެ އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާތީ އެވެ.
އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނުގައި ވަނީ ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަތަކެއް ދައްކާފައިވާ ކަމަށް ތުހުމަތުކޮށް، ޕާޓީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒާ އަދި ޕާޓީގެ މެމްބަރު މަންދީގެ މައްޗަށް ދައުވާ އުފުލުން ކުށްވެރިކޮށްފަ އެވެ.
ދައުވާތަކަކީ ރައީސްގެ ހުދުމުހުތާރުކަމާ ދެކޮޅަށް އަޑު އުފުލަމުންދާ ފަރާތްތަކުގެ އަޑު ކަނޑުވާލައި، ސިޔާސީ ޕާޓީތަކަށާއި ސިޔާސީ މީހުންނަށް ބިރުދެއްކުމަށް ރައީސްގެ އެންގެވުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ކުރައްވާ ދައުވާތަކެއް ކަމަށް އެމްޑީޕީން ތުހުމަތުކުރި އެވެ.
"މި ޕާޓީން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި އެއްވެސް ކުޑަކުއްޖެއްގެ ނަމެއް ހާމަކޮށްފައި ނުވާނެ އެވެ. ވަކިން ހާއްސަކޮށް، ދައުވާ އުފުލާފައިވާ މި ޕާޓީގެ މެމްބަރު މަންދީގެ ވާހަކައިގައި ވެސް އެއްވެސް ކުއްޖެއްގެ ނަމެއް ގެނެސްފައި ނުވާކަން އެ މުޒާހަރާގެ ރެކޯޑިންތަކުން ސާފުކޮށް އެނގެ އެވެ." ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނި ގޮތުގައި ރައީސްގެ ދަރިކަލެއްގެ ނަން މީޑިއާގައި ތިލަކޮށް، އެ ކުއްޖާގެ ކަރާމާތް ނަގާލާފައި ވަނީ ފަސްޓް ލޭޑީގެ ސާޖިދާގެ ފަރާތުން ގާނޫނީ ވަކީލު އާޒިމާ ކަމުގަ އެވެ. މީގެކުރިން ވެސް ސާޖިދާ ވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި އެ ކުއްޖާގެ ޒާތީ ދިރިއުޅުމާ ގުޅޭ މައުލޫމާތު އާންމުކޮށް މީޑިއާއެއްގައި ދައްކަވާފައި ކަމުގަ އެވެ.
"ރައީސްގެ ބޭފުޅަކާ ބެހޭ ގޮތުން މި ޕާޓީގެ ޗެއާޕާސަން އެއްވެސް ތަނެއްގައި އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާނެ އެވެ. ޗެއާޕާސަން ފައްޔާޒު ފާޑު ވިދާޅުވީ މަންދީގެ ވާހަކައަށް މުއައްސަސާތަކުން އެހާ އަވަހަށް ބަޔާންތައް ނެރުނުއިރު ގައުމުގައި ހިނގަމުންދާ ބޮޑެތި ކަންކަމުގައި މުއައްސަސާތަކުން ހިމޭނުން އޮންނަ ކަމުގެ މައްޗަށެވެ." ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނީ މި މައްސަލައިގައި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ އިސް ބޭފުޅުން ވެސް ފުލުހަށް ހާޒިރުކުރަމުންދާއިރު، ރައީސް ބޭނުންފުޅު ވަނީ އިދިކޮޅު ކޮންމެ މީހެއްގެ މައްޗަށް ދައުވާ އުފުލައި އެ މީހެއްގެ އަޑުކަނޑުވާލުމަށް ކަމަށެވެ.
ސިޔާސީ ބޭނުމުގައި އާއިލާ ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ދައުވާ އުފުލި ނަމަވެސް ރައީސްގެ ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް ފަސްޖެހުމެއް ނެތި އެ ޕާޓީން ތެދުވާނެ ކަމުގެ ޔަގީންކަންދޭ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ އާއި ފައްޔާޒުގެ އިތުރުން އެ ޕާޓީ އާ ދެކޮޅަށް ދައުވާކުރަން މައްސަލަ ކޯޓުތަކަށް ހުށަހަޅާފައިވާއިރު، އެމްޑީޕީން ވަނީ ދަރިކަލުންގެ ކަރާމާތް ނަގާލީ ފަސްޓް ލޭޑީ އާއި ވަކީލު ކަމަށް ބުނެ، އެ މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅަން ނިންމާފަ އެވެ.
