ޚަބަރު ސަރުކާރު

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ބްރޯޑްކޮމް--

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން މެމްބަރެއްގެ މުއްދަތު ހަމަވާތީ އެ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Ads by STELCO

ރައީސް އޮފީހުން އާންމުކޮށްފައިވާ އިއުލާނުގައިވާ ގޮތުން މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 29 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.

ބްރޯޑްކޮމްގެ މެމްބަރަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުމާއި ސިވިލް ސާވިސްގެ ނުވަތަ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެން ވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމުގެ އިތުރުން ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިގްރާރު އަދި ކުށާއި ދަރަނީގެ ރެކޯޑުގެ އިތުރުން ވަނަވަރު ރައީސް އޮފީިހަށް ހުށަހެޅުމަށް އެދިފައިވެ އެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައި ވަނީ އެ ކޮމިޝަނުގެ މެމްބަރު އާމިނަތު އަމީނާ (އަނާ) ގެ ދައުރު ހަމަވާތީ އެވެ. އޭނާގެ ދައުރު ހަމަވަނީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ހަ ވަނަ ދުވަހު ވެސް ހުޅުވާލި އެވެ. އޭރު ހުޅުވާލީ މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލިހުން ވަކިކުރަން ނިންމާފައިވަނިކޮށް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމު ހުންނެވި މުހައްމަދު ފަޒީން ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ބްރޯޑްކޮމްގައި މި ވަގުތު 6 މެމްބަރުން ތިބެ އެވެ. ކޮމިޝަނުގެ ރައީސަކީ ސަފާ ޝަފީގެވެ.

Ads by Ooredoo