ޚަބަރު

އުތުރު ތިލަފަޅުގައި ހޯޕް އައިލެންޑް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް އުތުރު ތިލަފަޅުގައި އަޅަން ނިންމާފައިވާ "ހޯޕް އައިލެންޑް" ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

Ads by STELCO

ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެކަމަށް ޝައުގުވެރިކަން ހުރިނަމަ "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" އަންނަ އާދިއްތަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް އެދިފަ އެވެ.

އެ ޕްރޮޖެކްޓް ކުރިއަށްގެންދަން ނިންމާފައިވަނީ ކްރޮސް ސަބްސިޑޭޝަން މޮޑެލްގެ ދަށުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ބުނެފައިވާ ގޮތުން ހޯޕް އައިލެންޑު ގައި އެއްފަހަރާ 400 ކުދިން ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ އެވެ.

އެތަނުގައި ރިހެބިލިޓޭޓްވާ ކުދިން 18 އަހަރުވުމުން ފުލުހުން ނުވަތަ ސިފައިންގެ ހިދުމަތަށް ވެއްދުން އަދި ވަކި މުއްދަތަކަށް ފަހު އެކުދިން ބޭނުންވާ ދާއިރާ އަށް ނިކުތުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށްވެސް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތުގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ނެރުއްވި ގަރާރުގައިވާ ގޮތުން އެ މަޝްރޫއަށް  ބޭނުންވާ 15 ހެކްޓަރުގެ ބިން ހިއްކުން 1 މިލިއަން ޑޮލަރު އަދި އެ ރަށް ތަރައްގީކުރުމަށް 15 މިލިއަން ޑޮލަރު ހޭދަކުރާނެ އެވެ.