ބާސާގެ އެތައް ފޭނުންނެއް ރޮއްވާލުމަށްފަހު، ސުވަރޭޒް އެޓްލެޓިކޯ މެޑްރިޑަށް
ބާސެލޯނާގެ ތަރި ލުއިސް ސުއަރޭޒް އެކުލަބު ދޫކޮށްލުމަށްފަހު އެޓްލެޓިކޯ މެޑްރިޑަށް ބަދަލު ވެއްޖެއެވެ.
ބާސެލޯނާއިން ވަނީ ސުއަރޭޒް ވާދަވެރި އެޓްލެޓިކޯ މެޑްރިޑާއި ގުޅުނުކަން ޔަގީން ކޮށްދީފައެވެ. ކޮވިޑް-19ގެ ސަބަބުން މާލީގޮތުން ދަތިތަކާއި ކުރިމަތިވެފައިވާ އެޓްލެޓިކޯ މެޑުރިޑުން ސުވަރޭޒް ގެންދިޔައީ ފްރީ ޓްރާންސްފާއެއްގައެވެ.
ބާސެލޯނާއާއި ސުވަރޭޒްއާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ސުވަރޭޒްގެ ކޮންޓްރެކްޓްގައި ބާސެލޯނާގައި މަޑުކުރުމަށް ބާކީ އެއް އަހަރު އޮތް ނަމަވެސް މި ސީޒަނުގައި ބާސެލޯނާއާއި ހަވާލުވި ކޯޗު ކޯމަން އޭނާގެ ޕްލޭންގައި ސުވަރޭޒް ނުހިމެނޭނެ ކަމަށް ވަނީ ބުނެފައެވެ.
6 ސީޒަނަށްފަހު ބާސެލޯނާ ދޫކޮށްލި ސުވަރޭޒް ގެންދިއުމަށްޓަކައި އެޓްލެޓިކޯ މެޑްރިޑުން ބާސެލޯނާއަށް 6 މިލިއަން ޔޫރޯ ދައްކަން ޖެހޭނެއެެވެ.
ސުވަރޭޒް ވަނީ ޔުވެންޓަސްއަށް ބަދަލުވުމަށް އެޓީމާއެކު ވެސް ގިނަ މަޝްވަރާތަކެއް ކޮށްފައިކަމަށް ރިޕޯޓްތަކެއް ބުނެއެވެ.
ބާސެލޯނާގައި ފާއިތުވެދިޔަ 6 އަހަރު ހުރި ސުވަރޭޒް އެޓީމުން ވަކިވެގެން ދާން ނިންމާފައިވާއިރު ބާސެލޯނާއިން ވަނީ އޭނާއަށް ޝުކުރު އަދާކޮށްފައެވެ. އަދި ކުރިމަގުގައި ކާމިޔާބަށް ވެސް އެދިފައެވެ.
ލިވަރޕޫލްގައި ދެއްކި މޮޅު ކުޅުމާއެކު ވިދާލި އުރުގުއޭގެ ތަރި ސުވަރޭޒް ބާސެލޯނާއަށް ބަދަލުވީ 2014 ވަނަ އަހަރުގައެވެ. ސުވަރޭޒް ވަނީ ބާސެލޯނާއަށް ކުޅުނު 283 މެޗުގައި 198 ގޯލް ކާމިޔާބު ކޮށްދީފައެވެ. އެއީ ބާސެލޯނާގެ ތާރީހުގައިވެސް އެޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން 3 ވަނަ ކުޅުންތެރިޔާއެވެ. 2015-16 ގެ ސީޒަނުގައި 69 ގޯލް ކާމިޔާބުކޮށް ސުވަރޭޒް ވަނީ ޔޫރަޕްގެ ރަންބޫޓް ވެސް ހޯދާފައެވެ،
ބާސެލޯނާއާއެކު ސުވަރޭޒް 4 ލަލީގާ ކާމިޔާބު ކުރިއިރު އެއިން ކޮންމެ ލީގެއް ކާމިޔާބު ކުރުމުގައި ވެސް އޭނާ އަދާކުރި ދައުރު ބޮޑެވެ. މިދިޔަ ސީޒަނުގައި ސުވަރޭޒް ވަނީ ބާސެލޯނާއަށް 36 މެޗުގައި 21 ގޯލް ކާމިޔާބު ކޮށްދީފައެވެ. އަދި ސީޒަންގެ މެެދެެއްހާ ހިސާބުން އޭނާވަނީ އިންޖަރީވެ ކުޅުމާ ދުރަށް ދާން ޖެހިފައެވެ.
ސުވަރޭޒް ބާސެލޯނާ ދޫކޮށް ދިއުމުން، ބާސެލޯނާގެ ގިނަ ސަޕޯޓަރުންނެއް ދަނީ މީސްމީޑިއާގައި ހިތާމަ ފާޅު ކުރަމުންނެވެ.