ޚަބަރު

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން: ތިން މީހުން ވެސް ހުޅުމާލެއިން ހައްޔަރުކުރީ މަސްތުވާތަކެއްޗާ ގުޅުންހުރި ތަފާތު ތިން މައްސަލައެއްގައި / ފޮޓޯ:ފުލުހުން

ހުޅުމާލެއިން މަސްތުވާތަކެތީގެ ތިން މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ހިންނަވަރު / އާވާޒް، އަހުމަދު ގާސިމް (42އ) އާއި ގދ. ގައްދޫ / ރަޖީނާގެ، އިބްރާހީމް ނިޔާޒު (36އ) އަދި ހއ. މާރަންދޫ / ސަނީބީމް، އަމްރު ޖަލީލް (20އ) އެވެ.

ފުލުހުން ބުނީ އެ މީހުންގެ ތެރެއިން އަހުމަދު ހައްޔަރުކުރީ އިއްޔެ ހަވީރު ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު ފޭސް އެކެއްގެ ހިރުނދުމަގުން އޭނާ ފެނުނުއިރު، އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހު ކަމަށެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ރަބަރު ޕެކެޓެއްގެ އިތުރުން ދެ ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

އަމްރު ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު ފޭސް އެކެއް ޕެޓްރޯލުކުރަމުން ދިޔައިރު، ރުއްގަނޑު ދޭއް ސަރަހައްދުން އޭނާ ދުއްވި ސައިކަލު ކަހާލައިގެން ވެއްޓުނު ވަގުތު ފުލުހުން ފެނުމުން ފިލަން މަސައްކަތް ކުރުމާ ގުޅިގެންނެވެ. ފުލުހުން ބުނި ގޮތުގައި 119 ނަންބަރު ފްލެޓް ކައިރިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު 48 ދަޅު ބަނގުރާ ފެނިފައިވާ ކަމުގަ އެވެ.

އިބްރާހީމް ވެސް ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރެވެ. އޭނާ ހައްޔަރުކުރީ ފޭސް ދޭއް ޕެޓްރޯލުކުރަމުން ދިޔައިރު، ހިޔާ ޓަވަރު 16 ކައިރިން ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 67 ރަބަރު ޕެކެޓު ފެނިފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ފުލުހުން ގެންދަނީ އެ މައްސަލަތައް ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance