61 ރިސޯޓުގެ މަސައްކަތް ހުރީ މަޑުޖެހިފައި، މި އަހަރު 1،290 އެނދު މާކެޓަށް ނެރެވޭނެ: ތޯރިގު

61 ރިސޯޓުގެ މަސައްކަތް ހުރީ މަޑުޖެހިފައި ކަމަށާއި މި އަހަރުގެ ތެރޭގައި 1،290 އެނދު މާކެޓަށް ނެރެވޭނެ ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ މިވަގުތު ދިވެހި ބްރޭންޑްތަކުގެ ނަމުގައި 65 ރިސޯޓު އޮޕަރޭޓް ކުރަމުންދާ ކަމަށެވެ. އަދި އިންޓަނޭޝަނަލް ބްރޭންޑްތަކުން 110 ރިސޯޓު ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ކަމަށެވެ.
މިވަގުތު ފަތުރުވެރި ކަމަށް 156 ތަނެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ތޯރިގު ވިދާޅުވި އެވެ. އޭގެ ތެރެއިން 61 ތަނުގެ މަސައްކަތް އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިވާކަން ފާހަަގަކުރެއްވި އެވެ.
ޓޫރިޒަމް މިނިސްޓަރު ވިދާޅުވި ގޮތުގައި މަޑުޖެހިފައިވާ ތަންތަނުގެ މަސައްކަތްތައް އަލުން ފަށައިގެން ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭ މަޝްވަރާތައް ކުރިއަށް އޮތް ތަނުގައި ކުރާނެ ކަމުގަ އެވެ.
"މި އަހަރުގެ ތެރޭގައި ޖުމްލަ 1،290 އެނދު މާކެޓަށް ނެރެވޭނެ ކަމަށް އަޅުގަނޑުމެންނަށް އިންޑަސްޓްރީއަށް މައުލޫމާތު ލިބިފައި އޮތީ،" ތޯރިގު ވިދާޅުވި އެވެ.
މި ސަރުކާރު ހަވާލުވުމަށް ފަހުގައި ކްލޯޒްޑް ބިޑިންގެ ދަށުން ފަތުރުވެރި ކަމަށް 10 ތަނެއް ހަވާލުކޮށްފައިވާ ކަމަށާ އަދި އޯޕަން ބިޑިންގެ ދަށުން ތިން ތަނަކަށް އިއުލާނުކުރެވިފައިވާ ކަމުގަ އެވެ. އެއީ ހއ. ކެލާ ފަޅު ތެރޭގައި ދެ ރަށަކާއި ކ. ކާށިދޫ ފަޅު ތެރޭގައި ރަށެއް ތަރައްގީ ކުރުމަށް ކަމުގަ އެވެ.
އޭގެ އިތުރުން ކްރޮސް ސަބްސިޑީގެ ދަށުން ފަތުރުވެރި ކަމަށް ތިން ތަނެއް ހަވާލުކުރެވިފައިވާކަން ވެސް ތޯރިގު ފާހަގަކުރެއްވި އެވެ.
