ޚަބަރު ސަރުކާރު

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އިޒްދިޔާން ވަކިކޮށް، ދާއޫދު ސަސްޕެންޑްކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ދާއޫދު އަހްމަދު: ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ޑިޖިޓަލް ސްޓެރެޓެޖީގެ މަގާމުން ވަނީ ސަސްޕެންޑްކޮށްފައި

މާލޭގެ ހެންވޭރުގައި ހުންނަ ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލަ އާ ގުޅުންހުރި ކަމަށް ތުހުމަތުކުރާ ޒުވާނުންގެ ތެރެއިން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ޑިޖިޓަލް ސްޓެރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހްމަދު ޒިލާލް ސަސްޕެންޑްކޮށް، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން މަގާމުން ވަކިކުރައްވައިފި އެވެ.

Ads by STELCO

ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮތްވާ ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އޭނާގެ ހާލު ދެރަވެގެން ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު، މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ.

އިމާރާތުން ޒުވާނާ ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ އެކު ޒުވާނާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޒުވާނުންނާއި އާންމުންގެ ގިނަ ބަޔަކު މަޖީދީ މަގުގައި ހުންނަ ފުލުހުންގެ ސާޖެންޓް އާދަމް ހަލީމް ބިލްޑިން ކުރިމަތީގައި ރޭ ވަނީ އިހުތިޖާޖުކޮށްފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ދާދިދެންމެއަކު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނެވި އިޒްދިޔާން އެ މަގާމުން މިއަދު ވަކިކުރައްވާފައިވާ ކަމަށެވެ.

އެ ޕޯސްޓަށްފަހު ކުރެއްވި އިތުރު ޕޯސްޓެއްގައި ހީނާ ވިދާޅުވީ "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ" ގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ދާއޫދު، އެ ކޮމިޓީން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމާ ގުޅިގެން ރައީސް އެ ކޮމިޓީން މިއަދު އޭނާ ވަކިކުރައްވާފައިވާ ކަމަށެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ޑިޖިޓަލް ސްޓެރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު، މިއަދުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް މަގާމުން ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް ހީނާ ވިދާޅުވެފައިވެ އެވެ.

ޒުވާނާ ވެއްޓުނު މައްސަލައިގެ އިންކުއަރީއެއް ކުރިއަށް ގެންދިއުމަށް މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ވަނީ ހުށަހަޅާފަ އެވެ. މައްސަލައިގެ އިންކުއަރީއެއް ހެދުމަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގެވެ.

މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީގައި އަޒާން ވިދާޅުވީ މައްސަލަ އާ ގުޅިގެން ފުލުހުން އަމަލުކޮށްފައި ވަނީ މި ބާވަތުގެ އެހެން މައްސަލަތަކުގައި އަމަލުކުރަމުންދާ ގޮތްތަކާ ހިލާފަށް ކަމަށެވެ.

މައްސަލައިގައި ޖުމްލަ ގޮތެއްގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުން ހިމެނޭ ގޮތަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން ކަމުގައި ފާހަގަކުރެއްވި އެވެ.

އަޒާން ވަނީ މައްސަލައިގެ މައުލޫމާތު ފުލުުހުންނަށް ލިބުނު ހިސާބުން ފެށިގެން އަމަލުކޮށްފައިވާ ގޮތުގެ އިންކުއަރީއެއް 241 ކޮމިޓީ މެދުވެރިކޮށް ކުރިއަށް ގެންގޮސްދިނުމަށް އެދިވަޑައިގެންފަ އެވެ.

މައްސަލަ އާ ގުޅިގެން ފުލުހުން ވަނީ އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. ކެމެރާ އާއި ފޯނު ވެސް ނުވެއްދޭ ގޮތަށް ބޭއްވި އެ ބައްދަލުވުމުގައި ސީސީޓީވީ ފުޓޭޖުތަކެއް ވެސް ފުލުހުން ދެއްކި ކަމަށް، އެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ބުނެ އެވެ.

ބައްދަލުވުމުގައި ފުލުހުން ވަނީ ޒުވާނާ އާއި އޭނާ އާއެކު އުޅުނު ފިރިހެން މީހާ ވެސް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބުނެފަ އެވެ. އެ ޒުވާނާގެ ޕާސްޕޯޓު ފުލުހުން ވަނީ ހިފަހައްޓާފަ އެވެ.

އިމާރާތުން ޒުވާނާ ވެއްޓުނީ ފެންލައިޓަކުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ އިމާރާތަށް ދެ ޒުވާނުން ދިއުމުގެ ކުރިން މާލޭގެ މައްޗަންގޯޅީގައި ހުރި ގެއަކާއި ފަހުން ވަން އިމާރާތާ ކައިރީގައި ހުރި އެހެން ގެއަކަށް ވެސް އެ ޒުވާނުން ގޮސްފައިވެ އެވެ.

ފުލުހުން ދީފައިވާ މައުލޫމާތު:

  • މާލޭގެ މެދުތެރޭގެ ސަރަހައްދެއްގައި ހުންނަ ގެއަށް ވަދެފައި ވަނީ މެންދަމު 12:30 އެހާކަންހާއިރު.
  • އެ ގެއިން ނުކުމެފައި ވަނީ ފަތިހު 3:40 އެހާކަންހާއިރު.
  • އޭގެ ތެރެއިން 4 މީހަކު، ހެންވޭރު އަމީނީމަގުގައި ހުންނަ ގެއަކަށް ވަދެފައި ވަނީ 4:00 އެހާކަންހާއިރު. އެ ގެއިން ނުކުމެފައި ވަނީ އޭގެ 10 ވަރަކަށް މިނެޓު ފަހުން.
  • އެއަށްފަހު، ވެއްޓުނު އަންހެން މީހާ އާއި އިތުރު ފިރިހެނަކު ގޮސްފައި ވަނީ އެ ހާދިސާ ހިނގި ގެއަށް.

ފުލުހުން ބޭއްވި އެ ބައްދަލުވުމަށް ފަހު ވެސް މައްސަލަ ހޫނުވެފައި ވަނީ މާލޭގެ މެދުތެރޭގައި ހުރި ގެއެއްގައި މަސްތުވާތަކެތި ބޭނުންކުރުމާއި ގައިރު ގާނޫނީ ކަންކަން ހިނގާފައިވާ ކަމަށް ފެންނަން އޮތްއިރު، އެ ކަން ފުލުހުން ތަހުގީގު ކުރަން ނޫޅޭ ކަމާއި އެހެން މައްސަލަތަކާ ތަފާތުކުރުންތަކެއް ފާހަގަވާތީ އެވެ.

Ads by HDC