އިމާރާތުން ޒުވާނާ ވެއްޓުނު މައްސަލައިގައި ޕާސްޕޯޓު ހިފެހެއްޓި މީހަކު ފުރި ވާހަކަ ދޮގުކޮށްފި

މާލޭގެ ހެންވޭރުގައި ހުންނަ ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލަ އާ ގުޅިގެން ޕާސްޕޯޓު ހިފަހައްޓާފައިވާ މީހުންގެ ތެރެއިން އެކަކު ފުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.
ހ. ފެންޓެނޯއީގޭގެ ނުވަ ވަނަ ފަންގިފިލާއިން ޖެހިގެން ހުރި މިޓާޒްގޭގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮތްވާ ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އޭނާގެ ހާލު ދެރަވެގެން ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު، މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ.
އިމާރާތުން ޒުވާނާ ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ އެކު ޒުވާނާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޒުވާނުންނާއި އާންމުންގެ ގިނަ ބަޔަކު ވަނީ ފާއިތުވެދިޔަ ދެ ރޭ އިހުތިޖާޖު ވެސް ކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ދަނީ މައްސަލައިގައި ފުރުން މަނާކޮށް، ޕާސްޕޯޓު ހިފަހައްޓާފައިވާ އަންހެނަކު ފުރާފައިވާ ކަމަށް ބުނަމުންނެވެ.
އެކަން ދޮގުކޮށް، މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިޓާޒުގެ ފުރާޅު މައްޗަށް ޒުވާނާ ވެއްޓުނު މައްސަލަ އާ ގުޅިގެން ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިއާއަށް ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށެވެ.
މައްސަލައިގެ ތަހުގީގުގެ މައުލޫމާތު ދިނުމަށް އިއްޔެ އިސްކަންދަރު ބިލްޑިންގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެފައި ޒުވާނާ ވެއްޓުނު އިމާރާތުގައި އޭނާ އާއެކު އުޅުނު ރައުދު އަހްމަދު ޒިލާލުގެ އިތުރުން މައްސަލަ އާ ގުޅުންހުރި ހަތް މީހަކު ދެނެގަނެވިފައިވާ ކަމަށެވެ.
ޕްރެސްގައި ފުލުހުން ވަނީ އެ މީހުންގެ ވަނަވަރު އާންމުކޮށްފަ އެވެ. އެއީ:
- ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21އ)
- ގ. ނޯތު ބްރީޒް، އައިޝަތު ލަޔާލީ އިގްބާލް (22އ)
- މއ. މާންދޫގޭދެކުނުގެ، އިޒުދިޔާން މުހައްމަދު މައުމޫން (28އ)
- މއ. މާންދޫގޭދެކުނުގެ، ޔޫސުފް އަހްމަދު އަކްރަމް (22އ)
- ހ. މީނާޒް، ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު (28އ)
- މ. ތިލަފަޅު، އާމިނަތު ޖުނައިނާ ޖަމްޝީދު (24އ)
- ނ. ވެލިދޫ، އަލި، ހުސައިން ހަމީސް އަލީ (28އ)
- ގދ. ފަރެސްމާތޮޑާ، މާތޮޑާ އަވަށް، އޭޕްރީލް، އިޖާޒް ޖާއިޒް (24އ)





ކޮމެންޓް