މޭޑޭގައި އެމްޑީޕީން މާލޭގައި ބޮޑު އެއްވުމެއް ބާއްވަނީ

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހު، ރާއްޖޭގެ އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ހައްގުގައި މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމައި އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެކަން އިއުލާނުކޮށްފި އެވެ.
މޭޑޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރެލީ އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލިހުގެ އަލިފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރަނީ އެ އިރެއްގައި ދަތިވެފައިވާ ހައްގުތައް މަސައްކަތްތެރިންނަށް ހޯދައިދިނުމަށް ކަމަށެވެ.
އެގޮތުން މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހު ވެސް ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމާފައިވާކަން ފާހަގަކުރެއްވި އެވެ. އެ ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ރޭގަނޑު 8:30 ގައި އާޓިފިޝަލް ބީޗުންނެވެ.
ހަރަކާތާ ގުޅުންހުރި ތައްޔާރީތައް ޕާޓީގެ ގުނަންތަކުން ވަމުންދާ ކަމަށާ އަދި އެއްވުމުގައި މަސައްކަތްތެރިންގެ ހައްގުގައި އަޑުއުފުލާނެ ކަމަށް ބިގޭ ވިދާޅުވި އެވެ. އެ ޕާޓީން އަބަދުވެސް ކުރާ ކަމަކީ އެ ހާލަތެއްގައި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރަން ހުރި ކަންތައްތަކާ ގުޅޭގޮތުން ވަކާލާތުކުރުން ކަމުގައި ފާހަގަކުރެއްވި އެވެ.
"އެ ކަންތައްތަކަށް ވަކާލާތުކޮށް އަޑުއުފުލުން މައިގަނޑު ގޮތެއްގައި އަޅުގަނޑުމެންގެ ކަމަކަށް އޮންނާނީ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން އެ ކަންކަމާ ގުޅޭގޮތުން ހޯދަން ޖެހޭ ޖަވާބުތައް ލިބިގަތުމުގެ ކަންތައް އަބަދުވެސް އަޅުގަނޑުމެން ކުރަމުން ގެންދާ އުސޫލުން މި ފަހަރު ވެސް އަޅުގަނޑުމެން އެ މަސައްކަތް ކުރިއަށް ގެންދާނަން،" ބިގޭ ވިދާޅުވި އެވެ.
ބިގޭ ވިދާޅުވި ގޮތުގައި އަސާސީ ދަތި ކަމެއް ތަހައްމަލު ކުރަން ނުޖެހޭ އެއްވެސް މީހަކު މިހާރު ނެތް ކަމަށެވެ. ގިނަ ބައެއްގެ ހައްގުތަކަށް މި ސަރުކާރުން އަރައިގެންފައިވާ ކަމަށް ތުހުމަތު ކުރެއްވި އެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ އެ ޕާޓީގެ މެމްބަރު މީކާއީލު އަހްމަދު ނަސީމް ވިދާޅުވީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ޕްރައިވެޓް ސެކްޓާ ފުނޑިފައިވާ ކަމަށެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ބަންދުވެ ވިޔަފާރިތަކަށް ގެއްލުންވަމުންދާ ކަމަށެވެ.
މަސައްކަތްތެރިންނާ ގުޅުންހުރި ދެ ގާނޫނެއް 19 ވަނަ މަޖިލިހުން ފާސްކޮށްފައިވި ނަމަވެސް އެ ގާނޫނުތަކާ ގުޅިގެން ހަދަން ޖެހޭ ގަވާއިދުތައް މިހާތަނަށް އައިއިރު ހަދާފައި ނުވާ ކަމަށެވެ. އެކަމުގެ ސަބަބުން އެ ގާނޫނުތައް ތަންފީޒު ކުރުމުގައި ދަތިކަން ހުރިކަން މަސައްކަތްތެރިން ފާހަގަކުރާ ކަމަށެވެ.
އެމްޑީޕީން ވަނީ މޭޑޭގެ ހަރަކާތުގައި މަސައްކަތްތެރިންނާ އަދި އާންމުން ބައިވެރިވުމަށް އެދިފަ އެވެ.
