ރާއްޖެ އާއި މެލޭޝިއާ އާ ދެމެދު މަތީ ފަންތީގެ މަޝްވަރާތައް ބާއްވައިފި

ދެ ގައުމުގެ އެންމެ އިސް ލީޑަރުން އިސްކޮށްތިއްބަވައިގެން ރާއްޖެ އާއި މެލޭޝިއާ އާ ދެމެދު މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމުގެ ދައުވަތަކަށް މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ މަޝްވަރާތައް ބާއްވަވާފައި ވަނީ ޕޫތުރާ ޕަރްދާނާ، ޕޫތުރާޖަޔާގަ އެވެ.
ރައީސް އޮފީހުން ބުނީ ރަސްމީ މަޝްވަރާތަކުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދެ ގައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ފުރުސަތުތައް ހޯދަމުންދާ މި ދަނޑިވަޅުގައި، ދިގު މުއްދަތަކަށް ގުޅުން ބަދަހިކުރެވޭނެ މަގުތަނަވަސް ކުރުމަށް ރާއްޖެ އާއި މެލޭޝިއާ އާ ދެމެދުގައި ހަރުދަނާ ގުޅުންތަކެއް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ކަމަށެވެ.
މަޝްވަރާތަކުގައި މެލޭޝިއާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުން އެއްބާރުލުން ދިނުމުގެ ގޮތުން ރައީސް ފާހަގަކުރެއްވި މައިގަނޑު ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި ކަމަށެވެ. އަދި ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް އެ ދާއިރާތަކުން ވިސްނުންފުޅު ގެންގުޅުއްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނި ގޮތުގައި ރައީސްގެ ދަތުރުފުޅުގެ ތެރެއިން މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރެވުނުއިރު، އެކަމުން ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމަށާ އަދި އިތުރު ދާއިރާތަކުން އެއްބާރުލުންދީ، ގުޅުން ބަދަހިކުރެވިގެންދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް މެލޭޝިއާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަމުގަ އެވެ.
ދިވެހިންގެ ވިސާ އާ ގުޅުންހުރި ކަންކަން ކުރިއަށް ގެންދިއުމުގައި މެލޭޝިއާއިން ހަމަޖައްސާފައިވާ ލުއިފަސޭހަކަން ފާހަގަކުރައްވައި، ރައީސް ވަނީ އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައި ކަމުގަ އެވެ. އަދި ޑިޖިޓަލް ދާއިރާގެ ރޮނގުން ކުރިއަރާ ދިއުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުންދިނުމުގެ ގޮތުން މެލޭޝިއާގެ އީޖާދީ އުފެއްދުންތެރިކަން ރާއްޖެއަށް ގެނައުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް އަދި ސައިބަ ސެކިއުރިޓީ ފަދަ ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ ފައިދާ ދެ ގައުމަށް ވެސް ކުރާނެކަން ފާހަގަކުރައްވައި، އެ ރޮނގުން އިތުރު ގުޅުންތައް ހަރުދަނާ ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވި ކަމުގަ އެވެ.
ރާއްޖެ އާއި މެލޭޝިއާ އާ ދެމެދު އޮތް ގުޅުމަކީ ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާވެ، ބަދަހިވެގެންދާނެ ގުޅުމެއް ކަމުގެ އުންމީދު އެބައޮތްކަން ދެ ގައުމުގެ ލީޑަރުން ފާހަގަކުރެއްވި ކަަމަށް ރައީސް އޮފީހުން ބުންޏެވެ.
ދެ ގައުމުގެ ދެމެދު ކުރިއަށް ގެންދިޔަ މަތީ ފަންތީގެ މަޝްވަރާތަކަށް ފަހުގައި ފަހުމުނާމާތަކާއި އެކްސްޗޭންޖް އޮފް ނޯޓްސްގައި ވަނީ ސޮއިކޮށްފަ އެވެ.
ދެ ގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުންތަކަކީ:
- ގުޅުން ބަދަހިކުރަން މަޝްވަރާކުރުން - ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަރްޔަމް ޝަބީނާ. މެލޭޝިއާގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ދަތުކް މުހައްމަދު އަލާމިން.
- ހާރިޖީ ދާއިރާއިން މުވައްޒަފުން ތަމްރީނުކުރުން - ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަރްޔަމް ޝަބީނާ. މެލޭޝިއާގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ދަތުކް މުހައްމަދު އަލާމިން.
- ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން - ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަރްޔަމް ޝަބީނާ. މެލޭޝިއާގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ތުއާން ހައިރުލް ފިރްދައުސް އަކްބަރު ހާން.
- ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުން - ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް. މެލޭޝިއާގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ގައުމުގެ ހެލްތު މިނިސްޓަރު ޑރ. ޒުލްކެފްލީ އަހްމަދު.
- ކުޅިވަރުގެ ދާއިރާ ކުރިއެރުވުން - ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް. މެލޭޝިއާގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ގައުމުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ޕުއަން ހަނާ ޔޭ.
