ޚަބަރު ސަރުކާރު

އުޖޫރަ އިތުރުކޮށް، މަސައްކަތްތެރިންނަށް ކަންކަން ފަސޭހަކޮށްދިނުމުގައި ކާމިޔާބީ ހޯދާނަން: ރައީސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައީސް ވިދާޅުވީ ހިދުމަތްތެރިން ދަފްތަރުކޮށް، ހިޔާވަހިކަމުގެ ސްކީމްތަކާއި ބޭންކުން ލޯނު ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމުގައި ކާމިޔާބީ ހޯދާނެ ކަމަށް / ފޮޓޯ:ރައީސް އޮފީސް

ވަޒީފާ އަދާކުރާ މީހުންނަށް ލިބޭ އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށާއި އެކި ދާއިރާތަކުގެ ހިދުމަތްތެރިން ދަފްތަރުކޮށް، ހިޔާވަހިކަމުގެ ސްކީމްތަކާއި ބޭންކުން ލޯނު ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގައި ބޮޑު ކާމިޔާބެއް ހޯދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by MPL

އެމަނިކުފާނު އެހެން ވިދާޅުވީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތޯބުގަ އެވެ.

ރައީސްގެ ހިތޯބުގައި ވިދާޅުވީ ރާއްޖޭގެ ތާރީހު ދިރާސާ ކުރައްވާ ލިޔުއްވި ކޮންމެ މުއައްރިހަކު ވެސް، ދިވެހިންގެ މުރާލިކަމާއި މަސައްކަތްތެރި ކަމަށް ތައުރީފު ކުރައްވާފައިވާ ކަމަށެވެ. ކާބަފައިން ދޫކޮށްފައިވާ އާސާރީ ތަރިކަތަކުން މިއަދު ވެސް ދިވެހިންގެ ފަންނުވެރި ކަމަށާއި ގައުމު ބިނާކުރަން ކުރި ބުރަ މަސައްކަތަށް ހެކިދޭ ކަމަށެވެ.

ދިވެހިން އެދޭ ތަމައްދުން ހާސިލު ކުރެވޭނީ އެންމެ ދިވެއްސަކު ވެސް މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށް ނުލަން މުޅި މުޖުތަމައު ގުޅިގެން ގައުމީ މަސައްކަތްތަކެއް ފަށައިގެން ކަމުގައި ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މެއި މަހުގެ ފުރަތަމަ ދުވަސް މުޅި ދުނިޔޭގައި ފާހަގަކުރެވެމުން ދިޔަ ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކޮންމެ ދުވަހަކީ ވެސް މަސައްކަތްތެރިންގެ ދުވަހެއް ކަމުގަ އެވެ.

"ކޮންމެ ދުވަހަކު ވެސް މި ގައުމު ކުރިއަށް ފިޔަވަޅުތަކެއް މި އަޅަނީ މަސައްކަތްތެރީންގެ ސަބަބުން ކަމެވެ. އެހެންކަމުން މަސައްކަތްތެރީންގެ އަޑު އެހުމުގައި އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކު ވެސް ސަރުކާރު ދެމި އޮންނާނަމެވެ." ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަ ކުރުމަށް މަސައްކަތުގެ އަހުލާގާއި ހުނަރު ދަސްކޮށްދިނުން ތައުލީމީ މަންހަޖުގައި އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި ވަޒީފާ އަދާކުރާ ބިދޭސީން ރަނގަޅަށް ބެލެހެއްޓި، ގާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާން ޖެހޭ ކަމަށެވެ.

ރައީސް ވަނީ ކޮންމެ ކުއްޖަކީ ވެސް މަސައްކަތަށް އަަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑު ކުރުމަށް ސަމާލުކަން ދިނުމަށް ބެލެނިވެރިންނަށް އިލްތިމާސް ކުރައްވާފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ކުރެވޭ އިގުތިސޯދީ މަސައްކަތްތައް އިތުރުކުރުމަށާއި ވަޒީފާގެ ފުރުސަތުތައް ގިނަ ކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމުގަ އެވެ.

"ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށާއި އެކި ދާއިރާތަކުގެ ހިދުމަތްތެރީން ދަފްތަރުކޮށް ހިޔާވަހިކަމުގެ ސްކީމްތަކާއި ބޭންކުން ލޯނު ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް އިރާދަކުރެއްވިއްޔާ ބޮޑު ކާމިޔާބެއް އަޅުގަނޑުމެން ހޯދާނަމެވެ." ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.

ރާއްޖެ މިއަދު މި ދެކޭ ހިސާބަށް ގެނެސްދިނީ މަސައްކަތްތެރިން ކަމަށާ އަދި މާދަމާ ގައުމު ދާން އުންމީދު ކުރާ އުސްމިންތަކަށް ވާސިލުކޮށްދޭނީ ވެސް މަސައްކަތްތެރިން ކަމުގައި ފާހަގަކުރެއްވި އެވެ.

"ދިވެހި އުންމަތުގެ ހަކަތައަކީ، ބުންވަރަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި މި ގައުމުގެ ހީވާގި ހިދުމަތްތެރީންނެވެ." ހިތޯބު ނިންމަވާލައްވަމުން ރައީސް ވިދާޅުވި އެވެ.