ޚަބަރު ސަރުކާރު

ލޭބަ މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މަސައްކަތްތެރިންތަކެއް މަސައްކަތުގައި ހަރަކާތްތެރިވަނީ: ލޭބަ މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުން / ފޮޓޯ:ދެން އިމޭޖްސް

މަސައްކަތްތެރިންނަށް ދެމުން އަންނަ އެންމެ ކުޑަ އުޖޫރަ، މިނިމަމް ވޭޖް ރިވިއު ކުރުމާއި ލޭބަ މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ފާހަގަކުރަމުން މިދާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ދެއްވި ހިތޯބުގައި ލޭބަ މިނިސްޓަރު ވިދާޅުވީ މަސައްކަތްތެރިންގެ މަސައްކަތުގެ އަގުވަޒަން ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން މިއަދަކީ މަސައްކަތްތެރިންގެ ގަދަރު މަތިކޮށް، އަބުރުވެރި މަސައްކަތުގެ މާހައުލެއް ގާއިމުކުުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ފުދުންތެރި ރާއްޖެއެއް ބިނާކުރުމުގައި ޖަމާއަތުގެ މަސްއޫލިއްޔަތުގެ ވަރުގަދަކަން މިއަދު ހަނދާނަށް ގެންނަން ޖެހޭ ކަމަށެވެ.

"މަސައްކަތްތެރިންނަކީ ގައުމު ތަރައްގީކޮށް ކުރިއެރުވުމުގެ މައި ތަނބު. ގައުމުގެ އިގުތިސޯދު ވަރުގަދަވެ، ދުވެލި ބާރުވުމުގެ ފަހަތުގައި ވަނީ މަސައްކަތްތެރިންގެ ތެދުވެރިކަމާއި އިހުލާސްތެރި ބުރަ މަސައްކަތްކަން ގަބޫލުކުރަން ޖެހޭ. މުޖުތަމައު ކުރިއަރުވައި، ފާގަތި މުސްތަގުބަލެއް ހޯދައިދިނުމުގެ އާރުކާޓީންނަކީ އަޅުގަނޑުމެންގެ މަސައްކަތްތެރީންކަން އެއީ އެންމެން ދަންނަ ހަގީގަތެއް،" ހައިދަރު ވިދާޅުވި އެވެ.

މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ ޝިއާރަކީ "ރިވޮލިއުޝަނަލައިޒިން ސްކިލްސް އެންޑް ޓްރެއިނިން: ބިލްޑިން އަ ރެސިލިއަންޓް މޯލްޑިވްސް ވޯކްފޯސް ފޮ އިންކްލޫސިވް އިކޮނޮމިކް ގްރޯތް" އެވެ.

އެ ޝިއާރަށް އަލިއަޅުއްވާލައްވާ ހައިދަރު ވިދާޅުވި ގޮތުގައި ޝިއާރުން ހާމަކޮށްދެނީ ކޮންމެ ދިވެއްސަކަށް ވެސް މަސައްކަތުގެ މައިދާނުގައި ކުރިއަށް ދިއުމަށް ބޭނުންވާ ހުނަރާއި ވަސީލަތްތަކާ އަދި ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަން ކަމުގަ އެވެ. އެގޮތުން "އެންމެނަށް ވަޒީފާ" ސިޔާސަތުގެ ދަށުން ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ކަމުގަ އެވެ.

"2،000 އަށް ވުރެ ގިނަ ދިވެހީންނަށް ހުނަރު ދަސްކޮށްދިނުމާއި 300 ޒުވާނުންނަށް ހާއްސަ ތަމްރީނު ދިނުމާއި ނެޝެނަލް ކެރިއާ ސާވިސް މެދުވެރިކޮށް ވަޒީފާ އާ ގުޅޭ އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުން ހިމެނޭ. މި ހުރިހާ މަސައްކަތަކީ ވެސް އަންނަން އޮތް ޖީލުތަކަށް އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް އެޅޭ ވަރުގަދަ ބިންގަލެއް،" ހައިދަރު ވިދާޅުވި އެވެ.

ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ހައިދަރު "ދެން" އަށް އިންޓަވިއުއެއް ދެއްވަނީ / ފޮޓޯ:ދެން އިމޭޖްސް

ލޭބަ މިނިސްޓަރު ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް، އިޖުތިމާއީ މަޝްވަރާތައް އިތުރުކުރުމާ އަދި މަސައްކަތުގެ މާހައުލު ރައްކާތެރިކުރުމުގެ އާ ބާބެއް ފެށިގެން ދިޔައީ އިންޑަސްޓްރިއަލް ރިލޭޝަންސް އާ ގުޅޭ ގާނޫނާއި އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް ގާނޫނު މިދިޔަ އަހަރު ތަސްދީގު ކުރެވުނު ހިސާބުން ކަމަށެވެ.

އެ ގާނޫނުތަކާ އެކު ޓްރޭޑް ޔޫނިއަންތައް ރަޖިސްޓްރީކުރަން ފެށި، ސަރުކާރާއި ވަޒީފާދޭ ފަރާތްތަކުގެ އިތުރުން މަސައްކަތްތެރިން ބައިވެރިވާ ލޭބަ އެޑްވައިޒަރީ ބޯޑު ގާއިމުކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި މަސައްކަތުގެ މާހައުލުގެ ސިއްހަތާއި ރައްކާތެރިކަމާ ބެހޭ ކައުންސިލެއް ވެސް އުފައްދާފައިވާ ކަމަށް ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވި ގޮތުގައި ވަޒީފާ އާ ގުޅޭ ހިލާފުތައް އަވަހަށް ހައްލު ކުރުމަށް ޓްރައިބިއުނަލްގައި އާ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނެއް ގާއިމުކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި އިޖުތިމާއީ އިންސާފަށް މަސައްކަތްކުރާ ގްލޯބަލް ކޯލިޝަނުގެ މެމްބަރަކަށް ވެސް ރާއްޖެ ވެފައިވާ ކަމުގަ އެވެ.

"އަދި އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަނާ ގުޅިގެން ޑީސެންޓް ވޯކް ކަންޓްރީ ޕްރޮގްރާމް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާއިރު، މިނިމަމް ވޭޖް ރިވިއު ކުރުމާއި ލޭބަ މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ހައިދަރު ވިދާޅުވި އެވެ.

ލޭބަ މިނިސްޓަރު ވިދާޅުވީ ކުރިއަށް ދާން ވާނީ ސަރުކާރާއި މަސައްކަތްތެރިންނާ އަދި ވަޒީފާ ދޭ ފަރާތްތައް އެކުގައި ކަމަށެވެ. އިންސާފުވެރިކަމާއި އެކުވެރިކަމާ އެކު މަސައްކަތުގެ މާހައުލުގައި އިޖުތިމާއީ އަދާލަތު ގާއިމުކުރެވިފައިވާ ރާއްޖެއެއް ބިނާކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަން ވެސް ފާހަގަކުރެއްވި އެވެ.

Ads by Ooredoo