އާމްދަނީ 6.9 އިންސައްތަ މައްޗަށް ގޮސް، ގްރީން ޓެކްސް ދެ ގުނަ އިތުރުވެއްޖެ

މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 6.9 އިންސައްތައިން އިތުރުވެ، ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ދެ ގުނަ ވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރަމުން އަންނަ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުގައިވާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުލަތަށް ވަނީ ގާތްގަނޑަކަށް 12.4 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 11.6 ބިލިއަން ރުފިޔާ އެވެ.
ހުސްވި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހަމައަށް ޓެކްސްގެ ގޮތުގައި 9.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 9.4 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މި އަހަރު 2.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ލިބުނީ 1.98 ބިލިއަން ރުފިޔާ އެވެ.
މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް އެންމެ ގިނައިން އާމްދަނީ ލިބުނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް (ޓީޖީއެސްޓީ) މެދުވެރިކޮށެވެ. އެގޮތުން ޓީޖީއެސްޓީން 3.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި ލިބިފައި ވަނީ 3.6 ބިލިއަން ރުފިޔާ އެވެ.
ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 617.7 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލިބުނީ 361.9 މިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން:
- އެއާޕޯޓް ސާވިސް ޗާޖް/ޑިޕާޗާ ޓެކްސް: 490.5 މިލިއަން ރުފިޔާ (މިދިޔަ އަހަރު 380.7 މިލިއަން ރުފިޔާ)
- އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 492.8 މިލިއަން ރުފިޔާ (މިދިޔަ އަހަރު 389.1 މިލިއަން ރުފިޔާ)
ނިމުނު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހަރަދުގެ ގޮތުގައި 10.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިދިޔަ އަހަރުގެ ހޭދަކޮށްފައި ވަނީ 13.2 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ހޭދަވި 9.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވި 804.5 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.
ދައުލަތުގެ ރިކަރަންޓް ހަރަދުގެ މައިގަނޑު ބައިތަކުގެ ތެރެއިން މުސާރަ އާއި އިނާޔަތްތަކާ އަދި ޕެންޝަނަށް 3.7 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިދިޔަ އަހަރު އެކަމަށް ހަރަދުކުރީ 3.3 ބިލިއަން ރުފިޔާ އެވެ. އިދާރީ ހަރަދުތަކަށް 5.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 6.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް މިހާތަނަށް ވަނީ 1.9 ބިލިއަން ރުފިޔާއިން އަރަނިވެފަ އެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް ހުރީ 1.6 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފަ އެވެ. އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ހުރީ 3.5 ބިލިއަން ރުފިޔާއިން އަރަނިވެރިވެފަ އެވެ.
