ޚަބަރު ސިޔާސީ

އަދާލަތާ ގުޅިވަޑައިގަތުމަށް ޝަހީމް ފޯމު ހުށަހަޅުއްވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

އަދާލަތު ޕާޓީ އާ އަލުން ގުޅިވަޑައިގަތުމަށް އެ ޕާޓީގެ މެމްބަރުކަމުގެ ފޯމް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހުށަހަޅުއްވައިފި އެވެ.

Ads by MPL

އަދާލަތާ އަލުން ގުޅިވަޑައިގެންނެވުމަށް ނިންމަވާފައިވާކަން ޝަހީމް އިއުލާނު ކުރެއްވީ މިދިޔަ ބުދަ ދުވަހު އެވެ. އެ ޕާޓީގެ ފަރާތުން އެންމެ ފުރަތަމަ އޭނާ ކެބިނެޓަށް ހުވާކުރެއްވި ދުވަހުގެ ފޮޓޯއަކާ އެކު ކުރެއްވި ޕޯސްޓުގައި ޝަހީމް ވިދާޅުވެފައި ވަނީ ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި އަދާލަތު ޕާޓީ އާ އަލުން ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެެވެ.

މި އަހަރު ފަހުކޮޅުގައި އެ ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާނެ ކަަމަށް ވެސް ޝަހީމް ވިދާޅުވެފައިވެ އެވެ.

މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވަނީ އަދާލަތު ޕާޓީ އާ އަލުން ގުޅިވަޑައިގަތުމަށް ފޯމު ހުށަހަޅުއްވާފައިވާކަން އިއުލާނު ކުރައްވާފަ އެވެ.

"މާތް ﷲ ގެ ހަޒްރަތުން ވާގި އެދި އަދާލަތު ޕާޓީއަށް މެމްބަރުކަމުގެ ފޯމު ހުށަހަޅައިފިން،" ޝަހީމް ވިދާޅުވި އެވެ.

އަދާލަތާ ގުޅިވަޑައިގަތުމަށް ޝަހީމް ނިންމެވުމުން އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ގިނަ ދީނީ އިލްމުވެރިން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފަ އެވެ. އެހެންނަމަވެސް ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް ދޫކުރައްވައި ޝަހީމް ޕާޓީގެ ލީޑަރުކަން ހޯއްދަވަން މަސައްކަތް ކުރައްވާ ނަމަ އެ ކަމަށް މަރުހަބާ ދަންނަވާނެ ކަމަށެވެ.

އެކަމަށް ރައްދު ދެއްވާ ޝަހީމް ވިދާޅުވެފައި ވަނީ އަދާލަތު ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވުމަށް މިނިސްޓަރުކަން ދޫކުރަން ނުޖެހޭނެ ކަމަށެވެ. އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރުމަށް ދުސްތޫރު މަނާ ނުކުރާ ކަމަށެވެ. އަދާލަތުގެ ރައީސް ކަމަށް އިންތިހާބުވެއްޖެ ނަމަ އެ ޕާޓީގެ ކޮންގްރެސްއިން ނިންމާ ގޮތަކަށް ޕާޓީ އާއެކު ކުރިއަށް ދާނެ ކަމަށެވެ.

އަދާލަތު ޕާޓީން ސިޔާސީ ހަޔާތް ފެއްޓެވި ޝަހީމް އެ ޕާޓީން ވަކިވެވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމާ ދެކޮޅަށް އެ ޕާޓީން ނުކުތް ހިސާބުންނެވެ. އޭގެ ކުރިން އަދާލަތުގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގައި ހުންނެވުމަށް ފަހު އެ މަގާމުން އޭނާ އިސްތިއުފާ ދެއްވި އެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް ޕީޕީއެމާ ގުޅިވަޑައިގެން ޔާމީނުގެ ރަނިންމޭޓަކަށް އެ ފަހަރު ވަޑައިގެންނެވި އެވެ.

ޝަހީމަކީ އެންމެ ގިނަ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ބޭފުޅާ އެވެ. ރައީސް މުއިއްޒާއި ޔާމީނުގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު އަދާކުރެއްވި އެވެ.

އަދާލަތު ޕާޓީއަކީ މި ސަރުކާރު ފިޔަވައި މީގެކުރިން އުފެދުނު ކޮންމެ ސަރުކާރެއްގައި ވެސް ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ހިއްސާވި ޕާޓީއެކެވެ. ނަޝީދާއި ޔާމީނުގެ ވެރިކަމުގެ ވަކި ހިސާބަކުން ކޯލިޝަނުން ވަކިވި ނަމަވެސް އެމްޑީޕީގެ މިދިޔަ ވެރިކަމުގެ ދައުރު ނިމެންދެން ވެސް އަދާލަތުން އެއްގޮތެއްގައި ދެމިއޮތެވެ. ދެ ވަނަ ދައުރަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރެއްވިއިރު، އަދާލަތުން މަސައްކަތް ކޮށްފައި ވަނީ އެމްޑީޕީ އާއެކުގަ އެވެ.