މަސްތުގެ ހާލަތުގައި ނުރައްކާތެރިކޮށް ކާރު ދުއްވި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި، މަސްތުގެ ހާލަތުގައި ނުރައްކާތެރިކޮށް ކާރު ދުއްވި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައިވޭ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް، ހެޑްލައިޓް ނުދިއްލާ ހަތަރު ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ފާހަގަކުރެވުނު ކަމަށެވެ. އަދި އެ ކާރު މަޑުކުރަން އެންގުމުން މަޑުނުކޮށް ގޮސްފައިވާތީ، އެހެނިހެން ބީޓްތަކުގެ ސަމާލު ކަމަށް އެކަން ގެނައި ކަމަށެވެ.
އެ މައުލޫމާތާ ގުޅިގެން ހުޅުމާލެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންގެ ޕެޓްރޯލް ބީޓްތަކުން ކާރު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހައިވަކަރު މަގުން ޓްރީޓޮޕް ހޮސްޕިޓަލާ ދިމާލަށް ދަތުރު ކުރަމުންދާ މަންޒަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ކާރު މަޑުކުރުމަށް އިޝާރާތް ކުރުމުން މަޑުނުކޮށް، ބަމްޕަރުތަކަށާ އަދި ގޯޅި އަޅާއިރު ވެސް ދުވެލި މަޑު ނުކޮށް ނުރައްކާތެރިކޮށް ދަތުރު ކުރަމުން ގޮސްފައިވާ ކަމުގަ އެވެ.
އެގޮތަށް ދުއްވަމުން ގޮސް ކާރު މަޑުކޮށްފައި ވަނީ ރަބަރުގަސްމަގު، ފްލެޓް ނަންބަރު 97 ކައިރިއަށް ކަމުގަ އެވެ. އަދި ފުލުހުން ކާރު ކައިރިއަށް ދިއުމުން އަނެއްކާވެސް ކާރު ދުއްވާލުމަށް އުޅެފައިވާކަން ފާހަގަކުރި އެވެ.

ނުރައްކާތެރިކޮށް ދުއްވުމުން ހުއްޓުވި ކާރު: ޑްރައިވަރު ހައްޔަރުކޮށް ކާރު ވަނީ ޓޯކޮށްފައި / ފޮޓޯ:ފުލުހުން
އެ މައްސަލަ އާ ގުޅިގެން ކާރު ދުއްވި ހމ. ފްލެޓް ނަންބަރު 07-1-4 / މާލެ، މުހައްމަދު މާއިސް (23އ) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތިން ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކާރު ހުއްޓުވިއިރު، ކާރުގެ ކަނާތްފަރާތު ފަހަތު ފުރޮޅުގެ ޓަޔަރު ނެތް ކަމަށާއި ޓަޔަރު ފެނިފައި ވަނީ 103 ނަންބަރު ފްލެޓް ކައިރިން ކަމަށެވެ. އަދި ކާރަށް އިތުރު ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
މައްސަލަ އާ ގުޅިގެން، ކާރު ޓޯކޮށް ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
