ސަން ސިޔާމުގެ އެމްޑީއޭ ސަރުކާރު ކޯލިޝަނުން ވަކިވެއްޖެ

ސަރުކާރު ކޯލިޝަނުން ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ގެ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ވަކިވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އޮތް 9،000 އަށް ވުރެ ގިނަ މެމްބަރުންގެ މައްޗަށް އެކުލެވޭ އެމްޑީއޭއިން ރައީސް މުއިއްޒަށް ތާއިދުކޮށް، ކޯލިޝަން ހެދީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގަ އެވެ.
މި ސަރުކާރުގެ ބައެއް ނިންމުންތަކާ އެމްޑީއޭއިން ދެކޮޅެވެ. ޕާޓީގެ ރައީސް ސިޔާމާއި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްގެ ކަންބޮޑުވުންތައް ދޭތެރެ ދޭތެރެއިން މަޖިލިހުގެ ތަޅުމުގައި ފާޅުކުރެ އެވެ.
މިދިޔަ ފެބްރުއަރީ މަހު އެ ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އައްބާސް ވިދާޅުވެފައި ވަނީ އެމްޑީއޭ އާއެކު އެކުލަވާލާފައިވާ އެއްބަސްވުމަށް އަމަލު ކުރުމަށް ރައީސަށް ދަންނަވާފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރާ ނަމަ ކޯލިޝަނުން ވަކިވާން ޖެހިދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފަ އެވެ.
ރައީސް އޮފީހުގައި އިއްޔެ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައި ވަނީ އެމްޑީއޭއިން ކޯލިޝަނާ ވަކިވެފައި ވަނީ އެކި ކަންކަމުގެ ތެރެއިން އުފެދުނު ބައެއް ހިޔާލު ތަފާތުވުންތަކާ ގުޅިގެން ކަމަށެވެ. އެހެންނަމަވެސް ކަމުގެ ތަފުސީލު ދެއްވާފައެއް ނުވެ އެވެ.
ވިޔަފާރިވެރިޔާ ސިޔާމުގެ އަތުން ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް 40 މިލިއަން ރުފިޔާ ނެންގެވި ކަމަށް ބުނެ ދެކެވޭ ވާހަކަތައް ރައީސް ވަނީ ރޭ ވެސް ދޮގުކުރައްވާފަ އެވެ.
ރައީސްގެ އެ ވާހަކަފުޅާ ގުޅޭގޮތުން އެމްޑީއޭގެ އިސް އޮފިޝަލަކު މިއަދު "ދެން" އަށް ވިދާޅުވީ ކޯލިޝަން އެއްބަސްވުމަކީ އޭރުގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސް މުއިއްޒު އާއި އެ ޕާޓީ ރައީސް ސިޔާމް އާ ދެމެދު ވެވުނު އެއްބަސްވުމެއް ކަމަށެވެ. އެހެންނަމަވެސް އެ އެއްބަސްވުމަށް ފުރަތަމަ ދުވަހުން ފެށިގެން ވެސް ވެފައިވާ ސަރުކާރުން އިހުތިރާމު ކުރަމުން ނުދާ ކަމަށެވެ.
"ކޯލިޝަން އެގްރިމެންޓުގައި ބުނާ ގޮތަށް އެމްޑީއޭއިން މަޝްވަރާކުރަން ޓީމެއް ނެގި ނަމަވެސް، އެ އެގްރިމެންޓުގައި ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޕީއެންސީގެ ފަރާތުން މަޝްވަރާ ކުރާކަށް އެއްވެސް ބޭފުޅަކު އައްޔަނެއް ވެސް ނުކުރޭ. ހަމަޖައްސައެއް ވެސް ނުދެއްވާ. ފޮނުވި އެއްވެސް މެސެޖަކަށް ރިޕްލައިއެއް ވެސް ނުދެއްވާ. އެހެންވީމާ ކޯލިޝަން އެގްރިމެންޓް ރޫޅާލީ ކަމެއް ވެސް ނޭނގެ،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މިހާރު ވެސް އެމްޑީއޭގެ ގައުމީ ކައުންސިލުގެ މެމްބަރުން ހިމެނޭހެން 18 ވަރަކަށް ބޭފުޅުން ސަރުކާރުގެ އެކި މަގާމުތަކުގައި އެބަ ތިއްބެވި ކަމުގަ އެވެ. އެއީ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާ އަދި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާ އަދި ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގަ އެވެ.
ކޯލިޝަން އެއްބަސްވުން ރޫޅާލި ވާހަކައެކޭ އެއްގޮތަށް އިންތިހާބުގެ ކެމްޕެއިނަށް ނެންގެވި ކަމަށް ބުނާ ފައިސާ އާ ގުޅޭގޮތުން ވެސް ރައީސް އިތުރުފުޅު ހައްދަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ފައިސާ ނެގުމަށް އެކުލަވާލި އެއްބަސްވުމަކީ، ރައީސް އާއި އެ ޕާޓީގެ ރައީސް ސިޔާމް އާ ދެމެދު ވެވުނު "ވަން ޓު ވަން" އެއްބަސްވުމެއް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ އެއްބަސްވުމުގައިވާ ގޮތުން މިދިޔަ ޖުލައި މަހުން ފެށިގެން ބޭންކް ރޭޓުން އިންޓްރެސްޓް އަރަމުންދާ ކަމަށެވެ. ނެންގެވި ކަމަށް ބުނާ އަދަދަކީ ރަނގަޅު އަދަދެއްކަން ވެސް ފާހަގަކުރެއްވި އެެވެ.
"މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އިންޓްރެސްޓް އަރަމުން ދަނީ އެ ފައިސާ ދައްކަން. އެއީ ގާނޫނީ ގޮތުން ލީގަލް އެގްރިމެންޓެއްގެ ތެރެއިން. ސީދާ ރައީސުލްޖުމްހޫރިއްޔާ ނަންގަވާފައި ހުރި ފައިސާ. 40 މިލިއަން،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ދެއްކެވި ގިނަ ވާހަކަފުޅުތަކަކީ ހަގީގަތާ ހިލާފަށް ދެއްކެވި ވާހަކަފުޅުތަކެއް ކަމުގަ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް އިއްޔެ ބޭއްވެވި ބައްދަލުވުން ގާތްގަނޑަކަށް 15 ގަޑިއިރަށް ދެމިގެންދިޔަ އެވެ. ހެނދުނު 10 ޖެހިއިރު ފެށި ބައްދަލުވުން ނިމިފައި ވަނީ ރޭ މެންދަމު އެކެއް ޖަހަން ގާތްވެފައިވަނިކޮށެވެ.
ބައްދަލުވުމުގެ ރައީސް ވަނީ ސަރުކާރުން އެކި ދާއިރާތަކުން ކޮށްފައިވާ މަސައްކަތްތަކާއި ކުރިއަށް ރާވާފައިވާ ކަންކަމާ ގުޅޭ މައުލޫމާތުތައް ހިއްސާކުރައްވާފަ އެވެ. އެފަހުން ވަނީ ސަރުކާރުގެ ސިޔާސަތުތަކާއި ކުރިއަށް ގެންދާ މަޝްރޫއުތަކާއި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާއި ސޯޝަލް މީޑިއާގައި ދައުރުވާ އެކި ކަންކަމާ އަދި ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.
މިނިސްޓަރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ އިތުރުން ސަރުކާރަށް ތާއީދުކުރާ އާންމުން ދަނީ ރައީސް ދެއްކެވި ނަމޫނާ ފާހަގަކޮށް ސޯޝަލް މީޑިއާގައި ތަފާތު ޕޯސްޓުތައް ކުރަމުންނެވެ. އަދި ކަމުގައި ހިޔާލު ތަފާތު ފަރާތްތަކުން ދަނީ އެ ފަރާތްތަކުގެ ޝުއޫރުތައް ވެސް ފާޅުކުރަމުންނެވެ.
