ގަތަރުގެ ޝާހީ އާއިލާ އާ ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ރާއްޖޭގައި ހަދަނީ

ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމުގައިވާ ޝެއިހް ނާއިފް ބިން އީދު އަލް ސާނީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގެ ނަމުގައި 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ) ގެ ފައިނޭންޝަލް ސެންޓަރެއް ގާއިމުކުރުމުގެ މަޝްރޫއު އިފުތިތާހުކޮށްފި އެވެ.
ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޝެއިހް ނާއިފް ނާއިފް ބިން އީދު އަލް ސާނީގެ ހާޒިރުގައި ކަމާ ގުޅޭ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްބީއެސްގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން މަރުވާން އަލްހާޖެރީ އެވެ.
ރަސްމިއްޔާތުގައި ޝެއިހް ނާއިފް ނާއިފް ބިން އީދު އަލް ސާނީގެ އިތުރުން ޔޫއޭއީ، ސައުދީ އަރަބިއްޔާ އަދި އިންޑިއާގެ ބައެއް ވިޔަފާރިތަކުން ވަނީ މަޝްރޫއުގައި ބައިވެރިވާނެކަން ހާމަކޮށް އެކަމުގެ ރަސްމީ ލިޔުން ރައީސަށް އަރުވާފަ އެވެ.
އެމްއައިއެފްސީން ނެރުނު ބަޔާނެއްގައި ބުނީ މިއީ މާލޭގައި ގާއިމުކުރެވޭ، މުޅިން ދެމެހެއްޓެނިވި، މާލީ މިނިވަން ސަރަހައްދެއް ކަމަށެވެ. މި ސަރަހައްދު ފަރުމާކުރެވިފައި ވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި ޑިޖިޓަލް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަކަށެވެ.
މި މަޝްރޫއަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަހައްދުގައި 6,500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ އެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަހައްދަށް ޒިޔާރަތްކުރާނެ ކަމަށް އެމްއައިއެފްސީން ލަފާކުރެ އެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު އިފުތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ރައީސް އޮފީސް
އެމްއައިއެފްސީން މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިގުތިސޯދު ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މުސްތަގުބަލުގެ މާލީ ދާއިރާ ގާއިމުކޮށް، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ސަރަހައްދެއްގެ ޒަރީއާއިން، އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒުގެ ގޮތުގައި ރާއްޖެ ވެގެންދާނެ ކަމަށެވެ.
އެމްއައިއެފްސީގައި ހަރަކާތްތެރިވާ ކުންފުނިތަކުން ޓެކްސް ދައްކަން ނުޖެހޭ ގޮތަށް، ގާނޫނު އަސާސީ އާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރީގެ މިލްކުވެރިކަން ލިބިގެންދާއިރު، އޭގެ ތެރޭގައި ރެސިޑެންސީ ޝަރުތުތައް ނުހިމެނޭ ކަމަށް ބަޔާނުގައިވެ އެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ފައިސާގެ އެކި ގޮތްގޮތުން މުއާމަލާތް ކުރެވޭ ބޭންކިން ހިދުމަތާއި އޮފްޝޯ ޕްރައިވެޓް ބޭންކިން ހިދުމަތް ލިބޭނެކަން ފާހަގަކޮށްފައިވެ އެވެ.
އޭގެ އިތުރުން މުސްތަގުބަލަށް އެކަށައަޅާފައިވާ ގަވާއިދުތަކުން ޑިޖިޓަލް އެސެޓްތަކާއި ގްރީން ފައިނޭންސްއަށް އެހީތެރިވެދޭނެ ކަމަށެވެ. އެކަމުގެ ސަބަބުން އެމްއައިއެފްސީއަކީ ހަމައެކަނި މާލީ މަރުކަޒަކަށްވުމުގެ ބަދަލުގައި އަންނަން އޮތް ޖީލުތަކުގެ ތަރިކައަށް އިންވެސްޓްކުރާ ފަރާތްތަކަށް މަންޒިލަކަށްވެގެންދާނެ ކަމަށެވެ.
އެމްއައިއެފްސީން ބުނި ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް ނިންމުމަށް ރޭވިފައިވާ މި މަޝްރޫއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވާސިލުވެވޭނެ ކަމުގަ އެވެ. މި މަޝްރޫއުގެ މަގުސަދަކީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީޑީޕީ) ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުން ކަމުގަ އެވެ. އެ އާއެކު، ފަސް ވަނަ އަހަރާ ހަމައަށް އެއް ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތީ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމުގަ އެވެ.
އެމްއައިއެފްސީގެ އެންމެ މައި މަރުކަޒަކީ 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެކެވެ. ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ކޮންވެންޝަން ވެނިއުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި ސަގާފީ ހަރަކާތްތަކާއި އާ އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބޭއްވޭނެ އެވެ.
އެކަމުގެ ސަބަބުން ރާއްޖެ ވެގެންދާނީ މުހިންމު ބައްދަލުވުންތަކުގެ މަރުކަޒަކަށް ކަމަށް ބަޔާނުގައި ބުންޏެވެ. ނަތީޖާއެއްގެ ގޮތުން މިހާރު ވެސް ކުރިއަރާފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ބާރެއް ލިބިގެންދާނެކަން ފާހަގަކުރި އެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު އިފުތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ރައީސް އޮފީސް
މަޝްރޫއުގެ ޕްލޭންގައި ބައިނަލްއަގުވާމީ މައި އޮފީސްތަކާއި ސަރަހައްދީ އޮފީސްތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ފާހަގަކުރެވޭ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކާއި މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކާއި ފުރިހަމަ އަދި ތަފާތު ރީޓެއިލް ތަޖުރިބާއަކާއި އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި މިސްކިތެއްގެ އިތުރުން އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތައް ހިމެނެ އެވެ.
އެމްއައިއެފްސީގައި މޫސުމަށް އަންނަ ބަދަލުތަކާ ރަހުމަތްތެރި، ދެމެހެއްޓެނިވި ވަސީލަތްތައް ހުންނާނެ އެވެ. އިމާރާތްތަކާއި އާންމު ތަންތަނަށް ހަކަތަ ފޯރުކޮށްދޭނީ އިއާދަކުރަނިވި ހަކަތައިންނެވެ. އެ އާއެކު، ހިނގާ މީހުންނަށް ފަސޭހަވާނެ، ހުޅުވިފައިވާ މާހައުލެއް ދެމެހެއްޓުމަށް ހުރިހާ ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ވަސީލަތްތައް ހުންނާނީ ބިމުގެ އަޑީގަ އެވެ.
އޭގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ވަސީލަތްތަކާއި ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތަކާއި ފުޅާ ދާއިރާއެއްގައި ގަސްގަހާގެހި އިންދާފައިވާ ސަރަހައްދުތަކުގެ ތެރެއިން ހިޔާ ލިބޭ މަގުތައް ވެސް ހުންނާނެ އެވެ. އެންމެ ޒަމާނީ އޮފީސް ޖާގަތަކާ އެކު، އެމްއައިއެފްސީގައި ފާހަގަކޮށްލެވޭ ފިހާރަތަކާއި މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކާއި ސަގާފީ ތަންތަން ވެސް ހުންނާނެ އެވެ.
ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ތަރައްގީގެ މި މަޝްރޫއު ފަރުމާކޮށްފައި ވަނީ މާސްޓަ ޕްލޭނަ އާކިޓެކްޓް ޖިއާނީ ރަނާއުލޯ އެވެ. މުޅި މާސްޓަ ޕްލޭނުން ފެށިގެން ވަކިވަކި އިމާރާތްތަކާ ހަމައަށް ކޮންމެ ސްޓްރަކްޗަރެއް ވެސް ފަރުމާކޮށްފައި ވަނީ ރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށެވެ.