މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ބިންގާ އަޅައިފި

ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމުގައިވާ ޝެއިހް ނާއިފް ބިން އީދު އަލް ސާނީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން ގާއިމުކުރާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގެ ބިންގާ އަޅައިފި އެވެ.
ހުޅުމާލެ އާބަން އައިލް ސަރަހައްދުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްއައިއެފްސީގެ ރަމްޒީ ބިންގާ އިފުތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ރައީސް، ޝެއިހް ނާއިފް ބިން އީދު އަލް ސާނީ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރު ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ރައީސް، ޝެއިހް ނާއިފް ބިން އީދު އަލް ސާނީ ވިދާޅުވީ މި މަޝްރޫއާ އެކު ރާއްޖޭގެ އިގުތިސޯދީ މިސްރާބު އާ އުސްމިންތަކަކަށް ވާސިލުކޮށްދިނުމާ އެކު، ޒަމާނީ އިޖާދީ ކުރިއެރުންތަކަށް ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގައި ފައިނޭންޝަލް ޓޫރިޒަމް ފުޅާވެ، ޓޫރިޒަމާއި އެ ނޫން ދާއިރާތަކަށް އިންވެސްޓަރުން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެެވެ.
އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ސީއީއޯ ނަދީމް ހުސައިން ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ ހަމައެކަނި އުމްރާނީ ތަރައްގީގެ މަޝްރޫއެއް ނޫން ކަމުގަ އެވެ. ޒަމާނީ ޓެކްނޮލޮޖީ އާއި އިގުތިސޯދީ ކުރިއެރުން ވެސް މަޝްރޫއިން ރަމްޒުކޮށްދޭނެ ކަމުގަ އެވެ. މަޝްރޫއު ހަގީގަތަކަށް ހަދައި، ފައިދާ ރާއްޖެއަށް ހޯދައިދޭން އެ ކުންފުނިން އެހީތެރިކަން ފޯރުކޮށްދޭނެކަން ވެސް ފާހަގަކުރެއްވި އެވެ.
އެމްއައިއެފްސީގެ ރަމްޒީ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މުސްތޮފާ ވިދާޅުވީ މި މަޝްރޫއަކީ ކުރިއަށް އޮތް 50 އަހަރު ރާއްޖޭގެ އިގުތިސޯދު ކުރިއަށް ގެންދިއުމަށް މުހިންމު މަޝްރޫއެއް ކަމަށެވެ. މަޝްރޫއިން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބި، އިތުރު އިންވެސްޓަރުންނާ އެކު އިގުތިސޯދީ ގޮތުން ބޮޑު ބަދަލެއް ފެންނާނެ ކަމަށެވެ.
ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ) ގެ ފައިނޭންޝަލް ސެންޓަރެއް ގާއިމުކުރުމާ ގުޅޭ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެމްއައިއެފްސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ މާލޭގައި ގާއިމުކުރެވޭ، މުޅިން ދެމެހެއްޓެނިވި، މާލީ މިނިވަން ސަރަހައްދެއް ކަމަށެވެ. މި ސަރަހައްދު ފަރުމާކުރެވިފައި ވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި ޑިޖިޓަލް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަކަށް ކަމަށެވެ.
މި މަޝްރޫއަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަހައްދުގައި 6,500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ އެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަހައްދަށް ޒިޔާރަތްކުރާނެ ކަމަށް އެމްއައިއެފްސީން ލަފާކުރެ އެވެ.
އެމްއައިއެފްސީން މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިގުތިސޯދު ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މުސްތަގުބަލުގެ މާލީ ދާއިރާ ގާއިމުކޮށް، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ސަރަހައްދެއްގެ ޒަރީއާއިން، އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒުގެ ގޮތުގައި ރާއްޖެ ވެގެންދާނެ ކަމަށެވެ.
އެމްއައިއެފްސީގައި ހަރަކާތްތެރިވާ ކުންފުނިތަކުން ޓެކްސް ދައްކަން ނުޖެހޭ ގޮތަށް، ގާނޫނު އަސާސީ އާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރީގެ މިލްކުވެރިކަން ލިބިގެންދާއިރު، އޭގެ ތެރޭގައި ރެސިޑެންސީ ޝަރުތުތައް ނުހިމެނޭ ކަމަށް ބަޔާނުގައިވެ އެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ފައިސާގެ އެކި ގޮތްގޮތުން މުއާމަލާތް ކުރެވޭ ބޭންކިން ހިދުމަތާއި އޮފްޝޯ ޕްރައިވެޓް ބޭންކިން ހިދުމަތް ލިބޭނެކަން ފާހަގަކޮށްފައިވެ އެވެ.
އޭގެ އިތުރުން މުސްތަގުބަލަށް އެކަށައަޅާފައިވާ ގަވާއިދުތަކުން ޑިޖިޓަލް އެސެޓްތަކާއި ގްރީން ފައިނޭންސްއަށް އެހީތެރިވެދޭނެ ކަމަށެވެ. އެކަމުގެ ސަބަބުން އެމްއައިއެފްސީއަކީ ހަމައެކަނި މާލީ މަރުކަޒަކަށްވުމުގެ ބަދަލުގައި އަންނަން އޮތް ޖީލުތަކުގެ ތަރިކައަށް އިންވެސްޓްކުރާ ފަރާތްތަކަށް މަންޒިލަކަށްވެގެންދާނެ ކަމަށެވެ.
އެމްއައިއެފްސީން ބުނި ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް ނިންމުމަށް ރޭވިފައިވާ މި މަޝްރޫއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވާސިލުވެވޭނެ ކަމުގަ އެވެ. މި މަޝްރޫއުގެ މަގުސަދަކީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީޑީޕީ) ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުން ކަމުގަ އެވެ. އެ އާއެކު، ފަސް ވަނަ އަހަރާ ހަމައަށް އެއް ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތީ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމުގަ އެވެ.
