ޚަބަރު ސަރުކާރު

އަަހަރުގެ މިހާތަނަށް 3.8 މިލިއަން ގަސް އެތެރެކުރި، ގަވާއިދާ ހިލާފުވެގެން ހިފެހެއްޓި 4،408 ގަސް ނައްތާލި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭން ބޭރުން 3.86 މިލިއަން ގަސް އެތެރެކުރިއިރު، ގަވާއިދާ ހިލާފަށް އެތެރެކުރި ޝިޕްމަންޓުތަކުގައި ހުރި 4،408 ގަސް ނައްތާލާފައިވާ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފި އެވެ.

Ads by STELCO

އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނީ އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ގަސްގަހާއިގެއްސާއި ގަހުގެ ބައިތަކުގެ 405 ޝިޕްމެންޓް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ. އެއީ 3،869،648 ގަސްގަހާއިގެއްސާއި ގަހުގެ ބައިތަކެވެ.

އެ ތަކެތީގެ ތެރެއިން ގަސްގަހާއިގެހި ރާއްޖެ އެތެރެކުރުމަށް އޮންނަ ގަވާއިދުތަކާ ހިލާފަށް 37 ޝިޕްމެންޓެއް ވަނީ އެތެރެކޮށްފަ އެވެ. އެއީ 4،732 ގަސްގަހާގެއްސާއި ގަހުގެ ބައިތަކެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނި ގޮތުގައި އެގޮތަށް ގަވާއިދާ ހިލާފަށް އެތެރެކުރި ޝިޕްމެންޓުތަކުގެ ތެރެއިން ދެ ޝިޕްމެންޓެއްގެ ލިޔެކިޔުންތައް ހަމަކޮށްފަައިވާ ކަމުގަ އެވެ. އެއީ 324 ގަސްގަހާގެއްސާއި ގަހުގެ ބައިތައް ކަމުގަ އެވެ.

ތަކެތި ނައްތާލުމުގެ އުސޫލުގެ ތެރެއިން 35 ޝިޕްމެންޓުގެ ގަސްގަހާއިގެއްސާއި ގަހުގެ ބައިތައް ނައްތާލެވިފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ފާހަގަކުރި އެވެ. އެއީ 4،408 ގަސްގަހާއިގެއްސާއި ގަހުގެ ބައިތަކެވެ.

ރާއްޖެއިން ބޭރުން މިގޮތަށް ގަސްގަހާއިގެއްސާއި ގަހުގެ ބައިތައް އެތެރެކުރާއިރު، ގަވާއިދުތަކާއި އުސޫލުތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.