Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހުޅުމާލޭގައި މަޖާ ގިނަ ހަރަކާތްތަކާއެކު ފެމިލީ ކާނިވަލެއް ބާއްވަނީ!

ހުޅުމާލޭގައި މަޖާ ގިނަ ހަރަކާތްތަކާއެކު ފެމިލީ ކާނިވަލެއް ބާއްވަނީ!
ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، އެޗްޑީސީއާއި ސޯޝަލް އެންޑް ފެމިލީ ޑިވޮލަޕްމަންޓް މިނިސްޓްރީ ގުޅިގެން ފެމިލީ ކާނިވަލެއް ބޭއްވުމަށް ނިންމައިފި އެވެ. އެޗްޑީސީން ބުނީ މިއީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް، ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ އާއިލާތަކުން އެއްތަނަކަށް އެއްވެ، ކުދި ބޮޑު އެންމެންވެގެން ހިތްގައިމު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭ ގޮތަށް ރާވާފައިވާ ހަރަކާތެކެވެ. އެގޮތުން، ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހުޅުމާލޭ ހިޔާ ޕާކުގަ އެވެ. މި ކާނިވަލްގައި ކުޑަކުދިންނަށް ހާއްސަކޮށް ރޮބޯމޭންގެ ހުށަހެޅުމާއި އެކި ކަހަލަ ގޭމް ސްޓޯލްތަކާއި އިންފްލޭޓަބަލް ކާނިވާ ގޭމްސް  ބެހެއްޓިފައި ހުންނާނެ އެވެ. އަދި އާއިލާ އެންމެންނަށް އިވެންޓުގެ ތެރެއިން 360° ފޮޓޯއާއި ވީޑިއޯ ނެގޭ ގޮތަށް ބޫތު ބެހެއްޓިފައި ހުންނާނެ ކަމަށާއި، ހަމައެހެންމެ މި އިވެންޓުގެ ތެރެއިން ހިލޭ ޑެންޓަލް ޗެކަޕް ހެދުމުގެ ފުރުސަތުވެސް ހުރިހާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބިންޏެވެ. ކާނިވަލްގައި ކުރިއަށްދާނެ ހަރަކާތްތައް:
  • ރޮބޯމޭން ޕާފޯމެންސް
  • އެކްޓިވިޓީ ސްޓޯލްތައް
  • ގޭމް ސްޓޯލްތައް
  • އިންފްލޭޓަބަލް ކާނިވާ ގޭމްސް
  • ފޮޓޯ/ވީޑިއޯ ބޫތު
  • ފޯމް ޕާޓީ
  • ފަޔާ ވެހިކަލް (ފޮޓޯ ނެގުމަށް)
  • ޓްރެފިކް ޕާކް
  • ޑެންޓަލް ޗެކަޕް
މި ކާނިވާ ކުރިއަށްގެންދަނީ އައިލެންޑް ބެވަރޭޖެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އުރީދޫ މޯލްޑިވްސްގެ ވަރަށް ބޮޑު އެހީތެރިކަމާއެކު އެވެ. އެގޮތުން ކާނިވަލުގައި ފޯމް ޕާޓީ ކުރިއަށްގެންދަނީ އުރީދޫގެ ފަރާތުންނެވެ. އަދި މި ކާނިވަލްގައި އައިލެންޑް ބެވަރޭޖެސްގެ ފަރާތުން ކުރިއަށްގެންދާ ވަރަށް ހާއްސަ ހަރަކާތްތަކެއްވެސް އޮންނާނެ އެވެ. އޭގެ އިތުރުންވެސް މި ކާނިވަލް ކުރިއަށްގެންދަނީ ގިނަ ބައެއްގެ ބައިވެރިވުމާއި އެއްބާރުލުމާއެކު އެވެ. އެގޮތުން، ފުލުހުންނާއި، އެމްއެންޑީއެފް، އެޗްޕީއޭ، ޓްރީޓޮޕް ހޮސްޕިޓަލް، ތެލެސީމިއާ ސޮސައިޓީ، މޯލްޑިވްސް އިސްލާމިކް ބޭންކް، މަމްސް އެންޖީއޯއާއި، ކިޑްސް ޒޯން، ޑޫ ގުޑް އެންޖީއޯގެ އިތުރުން އެޗްއާރުސީއެމް ހިމެނޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. މި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކަކާއެކު ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށްވެސް އެޗްޑީސީން ވަނީ ނިންމާފަ އެވެ. އެގޮތުން، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް ކުރިއަށްގެންދާ މި ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި އޮންނާނެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް