ޚަބަރު ޝަރުޢީ ދާއިރާ

އިތުރު 10 ދުވަހަށް ރައުދު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައުދު އަހްމަދު ޒިލާލް: ތަހުގީގަށް އެއްބާރުލުން ނުދޭ މައްސަލަ އާ ގުޅިގެން ވަނީ ހައްޔަރުކޮށްފައި / ފޮޓޯ:ފުލުހުން

މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ވަގުތެއްގައި ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލު (21އ) އިތުރު 10 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި އެވެ.

Ads by STELCO

ފެންޓެނޯއީގޭގެ 9 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮތްވާ ފެނިފައި ވަނީ އެ ދުވަހުގެ ހެނދުނު އެވެ. އޭނާ ވެއްޓުމުގެ ކުރިން، ފެންޓެނޯއީގޭގެ ސިޑިމަތީގައި ރައުދު އާއެކު އުޅުނު ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

މައްސަލަ އާ ގުޅިގެން ފުލުހުން ރައުދު ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އޭނާގެ ބަންދަށް ފުރަތަމަ ދިން ފަސް ދުވަހުގެ މުއްދަތު ހަމަވުމުން ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ.

ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އިތުރު 10 ދުވަހު ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

ރައުދު ފުރަތަމަ ހައްޔަރުކޮށް، ޓެސްޓު ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވި ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެ އެވެ. އެހެންނަމަވެސް އެފަހަރު އޭނާ ވަނީ ދޫކޮށްލާފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޔުމްނު ވެއްޓުމުގައި ރައުދު ނުވަތަ އެހެން މީހެއްގެ ބައިވެރިވުން ނެތް ކަމުގަ އެވެ. އެހެންނަމަވެސް އަލުން ރައުދު ހައްޔަރުކޮށްފައި ވަނީ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ދެމުން ނުދާކަން ފާހަަގަކޮށެވެ.

ރައުދުގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރި ފުރަތަމަ ކޯޓު އަމުރުގައިވާ ގޮތުން ފެންޓެނޯއީގޭގައި އުޅުމުގެ ތެރޭގައި ޔުމްނު އާއި ރައުދު އާ ދެެމެދު "ހަމަނުޖެހުމެއް" ހިނގި އެވެ. އެކަމަކު އެއީ ކޮންކަމަކާ ގުޅިގެން ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.

ޔުމްނު ވެއްޓުނު ރޭ މއ. މާންދޫގޭދެކުނުގޭގައި އޮތް ޕާޓީއަކަށް ދިޔަ އެވެ. އެ ޕާޓީއަށް ދިޔަ މީހުންނާއި އޭނާ އާއެކު އުޅުނު މީހުން ދެނެގަނެ، އެ މީހުންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.

އިމާރާތުން ޒުވާނާ ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ އެކު ޔުމްނުއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޒުވާނުންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ ސިލްސިލާކޮށް ކުރަމުންދާ އިހުތިޖާޖުތަކުގައި ބައިވެރިވަމުންނެވެ.

Ads by HDC