އެޕްރީލް މަހު މީރާއަށް 2.6 ބިލިއަން، 22.7 އިންސައްތަ އިތުރު

މިދިޔަ އެޕްރީލް މަހު އެ އޮތޯރިޓީއަށް 2.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ކަމަށާއި އެއީ މިދިޔަ އަހަރުގެ އެ މަހު ލިބުނު އާމްދަނީއަށް ވުރެ 22.7 އިންސައްތަ އިތުރު އަދަދެއް ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މީރާއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އެޕްރީލް މަހު، އެ އޮތޯރިޓީއަށް 2.6 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފަ އެވެ. އެއީ 2024 ވަނަ އަހަރުގެ އެޕްރީލް މަހު ލިބުނު އާމްދަނީއަށް ވުރެ 22.7 އިންސައްތަ އިތުރު އަދަދެކެވެ. އަދި ނިމިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވަރަށް ވުރެ 1.6 އިންސައްތަ އިތުރު އަދަދެކެވެ.
މީރާއިން ބުނީ 2024 ވަނަ އަހަރުގެ އެޕްރީލް މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު، ހުސްވި މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށެވެ. އޭގެ އިތުރުން 2024 ވަނަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު މި އަހަރުގެ އެ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 4.8 އިންސައްތައިން އިތުރުވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އާމްދަނީ ވަނީ އިތުރުވެފައި ކަމަށެވެ.
އޭގެ އިތުރުން މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުވުމާ އަދި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެއާޕޯޓު ޓެކުހާއި ފީ ގެ އާމްދަނީ އިތުރުވުމަކީ ވެސް އެޕްރީލް މަހުގެ ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތައް ކަމަށް މީރާއިން ބުންޏެވެ.
އެ އޮތޯރިޓީން ބުނި ގޮތުގައި އެޕްރީލްއަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށް ވުރެ 1.6 އިންސައްތަ އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމުގަ އެވެ. އޭގެ އިތުރުން މިދިޔަ ޖެނުއަރީގައި ލިބިފައިވާ އާމްދަނީގެ 14.8 އިންސައްތައަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާކަމުން، އެއީ ވެސް އެ މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ އެއް ސަބަބު ކަމުގައި ފާހަގަކުރި އެވެ.
އެޕްރީލް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. އެގޮތުން އެ މަހު މީރާއަށް،
- ޖީއެސްޓީ: 1.65 ބިލިއަން ރުފިޔާ (63.4 އިންސައްތަ)
- ގްރީން ޓެކްސް: 226.7 މިލިއަން ރުފިޔާ (8.7 އިންސައްތަ)
- އާމްދަނީން ނަގާ ޓެކްސް: 176.5 މިލިއަން ރުފިޔާ (6.8 އިންސައްތަ)
- އެއާޕޯޓު ޑިވެލޮޕްމަންޓް ފީ: 155.3 މިލިއަން ރުފިޔާ (6 އިންސައްތަ)
- ޑިޕާޗާ ޓެކްސް: 153.2 މިލިއަން ރުފިޔާ (5.9 އިންސައްތަ)
- ޓޫރިޒަމް ލޭންޑް ރެންޓް: 9.4 މިލިއަން ރުފިޔާ (3.6 އިންސައްތަ)
ނިމުނު މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި 125.09 މިލިއަން ޑޮލަރު ހިމެނެ އެވެ.
