ދެ ފަނޑިޔާރުން ވަކިކުރާ މައްސަލައިގެ ކޮމިޓީ ސިއްރުކޮށްފި

ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލަ ދިރާސާކުރަމުންދާ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގެ ވަކި ހިސާބަކުން ސިއްރުކުރަން ނިންމައިފި އެވެ.
ދެ ފަނޑިޔާރުން ވަކިކުރުމަށް އެ ކޮމިޝަނުން ނިންމާފައި ވަނީ މަސާޖު ޕާލާއަކުން އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
އެ މައްސަލަ ބެލުމަށް ފަހު ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހަށް ފޮނުވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ.
މައްސަލަ އާ ގުޅިގެން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ނާޒިލް ވަނީ ޖޭއެސްސީން މައްސަލަ ނިންމި ގޮތުގައި އިޖުރާއީ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން އިސްމާއީލް ހައްޔަރުކުރިއިރު ހުރި ހާލަތު ކަމަށް ޖޭއެސްސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތާއި މައްސަލަ ނިންމި ގޮތުގައި ފުށުއެރުންތަކެއް ހުރި ކަމަށް ނާޒިލް ވިދާޅުވި އެވެ.
ރިޕޯޓުގައިވާ އިބާރާތްތަކަށް ހަވާލާދެއްވާ ތަފުސީލީ ގޮތެއްގައި ނާޒިލް ވާހަކަ ދައްކަވާތީ ހުޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވަނީ ލައިވްކޮށް ކުރިއަށްދާ ބައްދަލުވުމެއްގައި އެފަދަ ވާހަކަތައް ދެއްކެވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެ، އެ މޭރުމުން ވާހަކަ ދައްކަވާ ނަމަ ބައްދަލުވުން ސިއްރު ކުރުމަށް ހުށަހަޅުއްވާފަ އެވެ.
ޝާޑު ވިދާޅުވީ ޖުޑިޝަރީ ކޮމިޓީއަށް ލިބޭ ބާރަކީ ޖޭއެސްސީން އިޖުރާތްތައް ފުރިހަމަކުރި ގޮތް ބެލުން ކަމަށާއި އެކަން ކުރުމުގައި ތަހުގީގު ރިޕޯޓުގައި ބަޔާންކޮށްފައިވާ ތަފުސީލުތަކަށް ދާން ނުޖެހޭ ކަމަށެވެ. އިސްމާއީލަށް ކުރި ތުހުމަތާ ގުޅިގެން ރިޕޯޓުގައި ހިމަނާފައިވާ ކަންކަން އާންމުކުރުމަކީ އޭނާގެ މަސްލަހަތު ހިމެނޭ ކަމެއް ކަމުގައި ފާހަގަކުރެއްވި އެވެ.
އޭނާގެ ވާހަކައަށް ފަހު، އެ ހުށަހެޅުއްވުމަށް އެއްވެސް މެމްބަރަކު ތާއީދުކުރައްވާފައެއް ނުވެ އެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ފުރުސަތެއް ހޯއްދަވައި ތަހުގީގު ރިޕޯޓުގައިވާ ތަފުސީލަށް ވަޑައިގަތުމަށް ނާޒިލް މަސައްކަތް ކުރެއްވުމުން ފަރެސްމާތޮޑާ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަޝްރަފް ރަޝީދު ވަނީ ޝާޑުގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވާފަ އެވެ. އޭނާގެ ކުރިން ވާހަކަ ދެއްކެވި ކުރެންދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު މުހައްމަދު ޝާމިން ހަބީބު ވެސް ވަނީ އިސްމާއީލުގެ މައްޗަށް ސާބިތުނުވާ ތުހުމަތެއްގެ ތަފުސީލަށް ދާ ނަމަ ކޮމިޓީ ސިއްރުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އެ ހުށަހެޅުމަށް ވޯޓަށް އަހަނިކޮށް، ކޮމިޓީގައި ތިއްބަވާ އެމްޑީޕީއަށް ނިސްބަތްވާ ނާޒިލް އާއި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ވަނީ ބައްދަލުވުން ބޮއިކޮޓް ކުރައްވައި ކޮމިޓީ ހިނގަމުން ދިޔަ ކޮޓަރިން ނުކުމެވަޑައިގެންފަ އެވެ. ބައްދަލުވުން ދޫކުރައްވާ ނުކުމެވަޑައިގަންނަވަމުން މެމްބަރުން ވިދާޅުވެފައި ވަނީ ސިއްރުން ކުރިއަށް ގެންދާ މަޝްވަރާއެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.
ޝާޑުގެ ހުށަހެޅުން ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ ފަސް މެމްބަރުންގެ ވޯޓާ އެކުގަ އެވެ. އެ ޕާޓީއަށް ނިސްބަތްވާ ކުރެންދޫ ދާއިރާގެ މެމްބަރު ޝާމިން ވަކިގޮތަކަށް ވޯޓު ދެއްވާފައެއް ނުވެ އެވެ.
އެގޮތަށް ފާސްވުމާ އެކު ކޮމިޓީގެ ލައިވް ސްޓްރީމް ވަނީ މެދުކަނޑާލާފަ އެވެ.
ބައްދަލުވުމުގައި ހޮޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) ވަނީ ޖޭއެސްސީން މައްސަލަ ބަލާފައި ވަނީ ރަނގަޅަށް ކަމުގައި ފާހަގަކުރައްވައި މައްސަލައިގައި ގޮތެއް ނިންމުން އަވަސް ކުރުމަށް މަޖިލިހުގެ ތަޅުމަށް ފޮނުވުމަށް ހުށަހަޅުއްވާފަ އެވެ. ބައްދަލުވުން ސިއްރުކުރުމަށް ނިންމިއިރު، އެ ހުށަހެޅުމަށް ވޯޓަށް އަހާފައެއް ނުވެ އެވެ.
މައްސަލަ އާ ގުޅިގެން އިއްޔެ ވެސް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ޖުޑިޝަރީ ކޮމިޓީއަށް ފަނޑިޔާރުންނާއި ޖޭއެސްސީ ހާޒިރުކުރަން މަޓޭ ހުށަހެޅުއްވި އެވެ. އެހެންނަމަވެސް އެ ހުށަހެޅުން ފާސްވެފައެއް ނުވެ އެވެ.
ދެ ފަނޑިޔާރުންގެ މައްސަލަ
އިސްމާއީލް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ޖޭއެސްސީން ފަށާފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ. އެ މައްސަލަ އާ ގުޅިގެން ދެ ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް މައްސަލަ ތަހުގީގުކުރި ކޮމިޓީން ވަނީ ނިންމާފަ އެވެ.
ކޮމިޓީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓާ މެދު ގޮތް ނިންމުމަށް ޖޭއެސްސީން ބޭއްވި ބައްދަލުވުމުގައި ކޮމިޝަނުން ނިންމީ އެ ކޮމިޓީން ބެލި އަޒްމިރަލްދާ އާއި މަހާޒުގެ ސުލޫކީ މައްސަލައިގެ ރިޕޯޓު ބަލައިގަތުމަށާއި އެ ރިޕޯޓުގައި ބަޔާންކުރާ ފިޔަވަޅުތައް ފަނޑިޔާރުންގެ މައްޗަށް އެޅުމަށެެވެ.
ރިޕޯޓުގައި ވަނީ އިސްމާއީލް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް ބަންދުގެ މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހީމް ޒިހުނީއަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުއްވިކަން ސާބިތުވާ ކަަމަށް ކަނޑައަޅާފަ އެވެ. އެކަމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި އަޒްމިރަލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލިހަށް ހުށަހަޅަން މައްސަލަ ބެލި ކޮމިޓީން ވަނީ ނިންމާފަ އެވެ.
ޖޭއެސްސީން މައްސަލަ ބަލާފައި ވަނީ އޮންނަ އުސޫލާ ހިލާފަށް ކަަމަށް ވިދާޅުވެ، މަޖިލިހަށް ހާޒިރުވެވަޑައިގެން ކަންބޮޑުވުންތައް ހިއްސާކުރެއްވުމުގެ ފުރުސަތަކަށް އަޒްމިރަލްދާ އާއި މަހާޒު ވެސް ވަނީ އެދިވަޑައިގެންފަ އެވެ. ދެ ފަނޑިޔާރުންގެ އިތުރުން ކޮމިޓީއަށް ހާޒިރުވެ ކަންބޮޑުވުން ހިއްސާކުރަން ބާ ކައުންސިލުން ވެސް ވަނީ ފުރުސަތަކަށް އެދިފަ އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން އެގޮތަށް އެދި މަޖިލިހަށް ފޮނުވައި ތަޅުމުން ނަގާ ވޯޓަކުންނެވެ. މަޖިލިހަށް ހުށަހަޅައިގެން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މީގެކުރިން ވަނީ ވަކިކޮށްފަ އެވެ.
މި މައްސަލައިގެ އިތުރުން އަޒްމިރަލްދާ އާއި މަހާޒު އަދި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ބެއްލެވި މައްސަލައެއްގައި ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުއޫދު ހުތުރުބަހުން ވާހަކަ ދެއްކެވިއިރު ދެ ފަނޑިޔާރުން ތިއްބެވި މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
އަޒްމިރަލްދާގެ ދިފާއުގައި އޭނާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސް ބަޔާން ނެރުއްވުމަކީ ފަނޑިޔާރު މީޑިއާތަކާ ވާހަކަ ދައްކައި ހިނގަމުންދާ މައްސަލައަކަށް މައްސަލައިގެ ބޭރުން ރައްދު ދިނުން ކަމަށް ބަލައި ސުލޫކީ މައްސަލައެއްގެ ގޮތުގައި ދަނީ ބަލަމުންނެވެ.
އަޒްމިރަލްދާ އާއި މަހާޒު މަގާމުން ސަސްޕެންޑްކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. މައްސަލަ އާ ގުޅޭ ތަފުސީލެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.
އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ. މައްސަލަ އޭސީސީގައި ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
އެ މައްސަލައިގެ އިތުރުން ޝާމިލް ދޮގު މައުލޫމާތު ދެއްވި ކަމަށް ތުހުމަތުކުރައްވާ ފުލުހަށް ވެސް މައްސަލައެއް ހުށަހެޅުއްވި އެވެ. އެހެންނަމަވެސް މައްސަލަ ބަލައިގެންފައެއް ނުވެ އެވެ.
މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ.
