ބްރޯޑްކޮމްއަށް އައްޔަންކުރަން 6 ނަމެއް، ރައީސްގެ ލިސްޓުގެ ކުރީގައި ޒަމްއަތު

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ހަ ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފި އެވެ.
ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ 20 ވަނަ ދުވަހު ހުޅުވާލީ އެ ކޮމިޝަނުގެ މެމްބަރު އާމިނަތު އަމީނާ (އަނާ) ގެ ދައުރު ހަމަވާތީ އެވެ. އޭނާގެ ދައުރު ހަމަވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް މިއަދުގެ މަޖިލިހުގެ ޖަލްސާއަށް ރައީސް ވަނީ ފޮނުއްވާފަ އެވެ. ނަންތައް ހުށަހަޅުއްވާފައި ވަނީ އެމަނިކުފާނު އިސްކަންދެއްވާ ތަރުތީބުންނެވެ. އެ ނަންތަކަކީ:
- ޒަމްއަތު އަހްމަދު ވަހީދު
- އިބްރާހިމް އަޝްރަފް
- މޫސާ ރިލްވާން
- ޒީނާ ޒާހިރު
- އަލީ ޔޫސުފް
- ޝިމްލާ އަހްމަދު
ބްރޯޑްކޮމްއަށް މެމްބަރަކު އައްޔަންކުރުމުގެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
އަނާގެ މަގާމާ އެކު ބްރޯޑްކޮމްއިން ވަނީ އިތުރު މެމްބަރެއްގެ މަގާމު ވެސް ހުސްވެފަ އެވެ. އެ މަގާމު ހުސްވެފައި ވަނީ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމު ހުންނެވި މުހައްމަދު ފަޒީން ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފަޒީނުގެ އިސްތިއުފާ އާއެކު ހުސްވި މަގާމަށް 10 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންގެ ތެރޭގައި އަނާގެ މަގާމަށް ކުރިމަތިލެއްވި ފަސް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ މައްސަލަ މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.
ބްރޯޑްކޮމްގައި މި ވަގުތު 6 މެމްބަރުން ތިއްބަވަ އެވެ. އެއީ އަނާގެ އިތުރުން ސަފާ ޝަފީގާއި ޝިފްލާ އިބްރާހީމާއި އާމިނަތު ނުޒުހާ އާއި އާމިނަތު ސަރާހަތު އިއްޒަތު އަދި މުހައްމަދު އަބްދުﷲ އެވެ. ކޮމިޝަނުގެ ރައީސަކީ ސަފާ ޝަފީގެވެ.
