Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

60 އަށް ވުރެ ގިނަ ޓީމާ އެކު އެންމެ ފޯރިގަދަ މަސްރޭސް މާދަމާ ހުޅުމާލޭގައި

60 އަށް ވުރެ ގިނަ ޓީމާ އެކު އެންމެ ފޯރިގަދަ މަސްރޭސް މާދަމާ ހުޅުމާލޭގައި
ފަސްދޮޅަހަށް ވުރެ ގިނަ ޓީމާ އެކު "މައި ހުޅުމާލެ" މަސްރޭސް މާދަމާ ހުޅުމާލޭގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މި މަސްރޭހަކީ ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، އެ ކުންފުންޏާއި އުރީދޫ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން ބޮޑެތި ފައިސާގެ އިނާމުތަކެއް ލިބޭ ގޮތަށް މަސްރޭހެއް ބޭއްވުމަށް ނިންމައި، މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ރަޖިސްޓްރީވާން ހުޅުވާލި ފުރުސަތުގައި ޖުމްލަ 64 ޓީމަކުން ފޯމު ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިން ފަށާ މި ރޭސް ކުރިއަށް ދާނީ މާދަމާ ހަވީރު 4 އިން ފެށިގެން ރޭގަނޑު 10 ޖެހުމާ ހަމައަށެވެ. ރޭހުގައި ބައިވެރިވެގެން އެއް ވަނައަށްދާ ޓީމަކަށް 21،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ އެވެ. އޭގެ އިތުރުން އެންމެ ބޮޑު މަސް ބާނާ ފަރާތަކަށް 5،000 ރުފިޔާ އަދި އެންމެ މޮޅު ކެޔޮޅަށް ވެސް 5،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. [caption id="attachment_283319" align="alignnone" width="1024"] މީގެކުރިން ބޭއްވި މަސްރޭހެއް: މާދަމާ ބާއްވާ ހުޅުމާލެ މަސްރޭހުގައި 64 ޓީމަކުން ވާދަކުރާނެ / ފޮޓޯ:އެޗްޑީސީ[/caption]

ސްކޭޓް ސްކޭޕް

އެޗްޑީސީން ވަނީ "މައި ހުޅުމާލެ" މަސްރޭސް ކުރިއަށްދާ ވަގުތުގައި، ސްކޭޓްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން "ސްކޭޓް ސްކޭޕް" އެއް ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ. މިއީ ރޯލަ ބްލޭޑާސް އާއި ސްކޭޓް ބޯޑާސް އަދި ސްކޫޓަ ރައިޑަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު 4 އިން ފެށިގެން ރޭގަނޑު 10 ޖަހަންދެން ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކުގަ އެވެ. ބައިވެރިންނަށް ސެޓްފިކެޓް ލިބޭ ގޮތަށް ކުރިއަށްގެންދާ މި ހަރަކާތުގައި އޮންލައިންކޮށް ރަޖިސްޓްރީވުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. މާދަމާ މެންދުރުފަހު 2 ޖެހުމާ ހަމައަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން މި ހަފުތާގެ ނިޔަލަށް އަދިވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ. އެގޮތުން އަންނަ ހުކުރު ދުވަހުގެ ހެނދުނު ސައިކްލިން ޗެމްޕިއަންޝިޕް ބާއްވާއިރު، އެ ދުވަހުގެ ހަވީރު ހެލްތު ކޭމްޕެއް އޮންނާނެ އެވެ. އަދި ހޮނިހިރު ދުވަހު ބީޗް ފެސްޓެއް ކުރިއަށް ގެންދިއުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް