ބްރޯޑްކޮމްގެ މެމްބަރު ކަމަށް ރިލްވާން އައްޔަންކުރައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް މޫސާ ރިލްވާން އައްޔަންކުރައްވައިފި އެވެ.
ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމު ހުންނެވި މުހައްމަދު ފަޒީން ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފަޒީނުގެ އިސްތިއުފާ އާއެކު ހުސްވި މަގާމަށް 10 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
އެ ބޭފުޅުންގެ ނަންތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވުމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މައްސަލަ ދިރާސާ ކުރުމަށް ފަހުގައި ތަޅުމަށް ފޮނުވާފައި ވަނީ 75 އިންސައްތައަށް ވުރެ މަތިން މާކްސް ލިބުނު ފަސް ނަމެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި މަޖިލިހުގެ ޖަލްސާގައި ރިލްވާން ބްރޯޑްކޮމްއަށް އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.
ރައީސް އޮފީހުން ބުނީ ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް ރިލްވާން އިއްޔެ އައްޔަންކުރައްވާފައިވާ ކަމަށެވެ.
ރިލްވާން ވަނީ 2016 ވަނަ އަހަރު ޕޮލިޓިކަލް ސައިންސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗެލާސް ހާސިލުކުރައްވާފަ އެވެ. މީޑިއާ އާއި މީޑިއާ ހިންގުމުގައި 2009 ވަނަ އަހަރުން ފެށިގެން އަމަލީ ގޮތުން ރިލްވާން ވަނީ ހަރަކާތްތެރިވެ ވަޑައިގެންފަ އެވެ.
އޭގެ އިތުރުން ބައިނަލްއަގުވާމީ އިދާރާތަކާއި ސަރުކާރުގެ މިނިސްޓްރީތައް ގުޅިގެން މުޅި ރާއްޖޭގައި ހިންގި ފެންނާރު މަޝްރޫއާއި މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރެޒިލިއެންސް ޕްރޮޖެކްޓް އަދި ސްޓްރެންތެނިން ލޯ-ކާބަން އެނާޖީ އައިލެންޑް ސްޓްރެޓެޖީސް (އެލްސީއީއައި) މަޝްރޫއުގައި އަމަލީ ދައުރެއް ރިލްވާން އަދާކުރައްވާފައިވެ އެވެ.
