ޚަބަރު ވިޔަފާރި

މި އަހަރު ވެސް އެސްޓީއޯގެ ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ފާސްކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އަަހަރީ އާންމު ޖަލްސާގައި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑު: މި އަހަރު ވެސް ހިއްސާއަކަށް 80 ރުފިޔާ ބަހަން ވަނީ ފާސްކޮށްފައި / ފޮޓޯ:އެސްޓީއޯ

މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފާސްކޮށްފި އެވެ.

Ads by STELCO

ބާސެލޯ ނަސަންދުރާގައި މިރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެސްޓީއޯގެ ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 އިންސައްތަ ވޯޓުންނެވެ. އަހަރީ އާންމު ޖަލްސާއަށް 129 ހިއްސާދާރުން ހާޒިރުވިއިރު، 67 ހިއްސާދާރުން ޕްރޮކްސީ މެދުވެރިކޮށް ޖަލްސާގައި ބައިވެރިވި އެވެ.

އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ފާސްކުރިއިރު، މިދިޔަ އަހަރު ބޭއްވި ޖަލްސާގައި 2023 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ބަހަން ފާސްކޮށްފައި ވަނީ ވެސް 80 ރުފިޔާ އެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 741 މިލިއަން ރުފިޔާ އެވެ. ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުނީގެ ސާފު ފައިދާއަކީ 846 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 15 އިންސައްތައިގެ ދަށްވުމެކެވެ. އެކަމުގެ މައިގަނޑު ސަބަބަކީ ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާ އެކު ޖުމްލަ ފައިދާ ދަށްވެފައިވުން ކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ.

އެ ކުންފުންޏަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 6 އިންސައްތައިގެ ދަށްވުމެކެވެ.

އެސްޓީއޯއިން ބުނެފައިވާ ގޮތުގައި އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ އެކު އެ ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެވި، ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ދަށްކުރުމާ އެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވުމުން ކަމުގަ އެވެ. އެހެންނަމަވެސް ކުންފުނީގެ އެހެން ވިޔަފާރިތައް ވަނީ ވަރުގަދަ މިސްރާބެއްގައި ދެމެހެއްޓިފައި ކަމުގައި ފާހަގަކޮށްފައިވެ އެވެ.

އާމްދަނީ ދަށްވުމާ އެކު، ޖުމްލަ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައި ވަނީ 2.4 ބިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 12 އިންސައްތައިގެ ދަށްވުމެކެވެ.

އެސްޓީއޯއިން ވަނީ މިދިޔަ އަހަރު އެ ކުންފުނީގެ ހިންގުމުގެ ހަރަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 8 އިންސައްތަ ދަށްކޮށްފަ އެވެ. އެހެންނަމަވެސް ޖުމްލަ ފައިދާ ދަށްވުމާ އެކު ހިންގުމުގެ ފައިދާ ދަށްވެ، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 1.1 ބިލިއަން ރުފިޔާ އެވެ.

ޖަލްސާގައި ޑިރެކްޓަރުންގެ ރިޕޯޓާއި މިދިޔަ އަހަރުގެ ފައިނޭންޝަލް ސްޓޭޓްމަންޓް ވަނީ އެޕްރޫވްކޮށްފަ އެވެ. އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާ ޑިރެކްޓަރު އިންތިހާބު ކުރުން ވެސް ކުރިއަށް ގެންދިޔަ އެވެ. އެ މަގާމަށް އެސްޓީއޯގެ ހިއްސާދާރުން ހޮވާފައި ވަނީ މއ. ޓިއުލިޕްވިލާ، މުހައްމަދު އަހުސަން ސަލީމެވެ. މިއީ ހިއްސާދާރުން ތަމްސީލު ކުރާ ޑިރެކްޓަރުގެ ގޮތުގައި އޭނާ ހޮވި ދެ ވަަނަ އަހަރެވެ.

މިރޭގެ ޖަލްސާގައި ކުރިއަށް އޮތް އަހަރަށް އެސްޓީއޯގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް އައްޔަން ކުރުމަށް ވަނީ ފާސްކޮށްފަ އެވެ. އެ ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރަކަށް މިދިޔަ އަހަރު ވެސް ހަމަޖައްސާފައި ވަނީ ޑެލޮއިޓެވެ.