ޚަބަރު ސަރުކާރު

އިސްތިއުފާ ދެއްވުމާ ހަމައަށް ސީއީއޯއަށް ވާނީ މުސާރަ ދީފައި: ޑިވެލޮޕްމަންޓް ބޭންކް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ނޮއެލް ގްރެގާ: ޑިވެލޮޕްމަންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުން މިދިޔަ މާޗް މަހު ވަނީ އިސްތިއުފާ ދެއްވާފައި / ފޮޓޯ:ރައީސް އޮފީސް

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުން ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް އިސްތިއުފާދެއްވުމާ ހަަމައަށް މުސާރަ ފުރިހަމައަށް ދީފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

Ads by STELCO

ޑީބީއެމްގެ ސީއީއޯގެ މަގާމުން ނޮއެލް އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ. ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ކަމަށް ވިދާޅުވެ އޭނާ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އެޕްރީލް މަހުގެ ހަތް ވަނަ ދުވަހު މައްސަލަ ހުށަހަޅުއްވާފަ އެވެ. އޭނާ ހުށަހެޅުއްވި މައްސަލަ ޓްރައިބިއުނަލުން ވަނީ މި މަހުގެ ހަތް ވަނަ ދުވަހު ބާތިލުކޮށްފަ އެވެ.

މައްސަލަ ބާތިލުކުރި ސަބަބެއް ކަމަށް ޓްރައިބިއުނަލުގެ ނިންމުމުގައި ބުނެފައި ވަނީ މައްސަލަ ހުށަހެޅި ފަރާތަކީ ބިދޭސީ ފަރާތަކަށް ވެފައި، އެ ފަރާތަކީ އެކަށީގެންވާ ފެންވަރަށް ދިވެހި ބަހުން ވާހަކަ ދެއްކޭނެ ފަރާތަކަށް ނުވާތީވެ ތަރުޖަމާނަކު ހަމަޖެއްސުމަށް ދިން މުއްދަތުގައި އެކަން ކޮށްފައި ނުވާތީ ކަމަށެވެ.

ޓްރައިބިއުނަލަށް ނޮއެލް ހުށަހެޅުއްވި މައްސަލަ ނޫސްތަކުގައި ރިޕޯޓުކުރުމާ ގުޅިގެން މިއަދު ނެރުނު ބަޔާނުގައި ޑީބީއެމުން ބުނީ އޭނާ އިސްތިއުފާ ހުށަހެޅުއްވި ތާރީހާ ހަމައަށް ހައްގުވާ މުސާރަ ފުރިހަމައަށް ދީފައިވާ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އެހެންކަމުން ސީއީއޯގެ މަގާމުން އިސްތިއުފާ ހުށަހަޅުއްވާފައި ވަނީ އެ ބޭންކުން މުސާރަ އަދާނުކޮށްގެން ކަމަށް ނުދެކޭ ކަަމަށެެވެ.

މަގާމުން އިސްތިއުފާ ދެއްވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ނޮއެލް ރާއްޖެ ދޫކޮށް ވަޑައިގެންފައިވާ ކަމަށާއި އިސްތިއުފާ ހުށަހެޅުއްވުމަށް ފަހު އެ ބޭންކުގެ ވަޒީފާގައި އެއްވެސް ދައުރެއް އޭނާ އަދާކުރައްވާފައި ނުވާކަން ފާހަގަކުރި އެވެ.

މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ހުށަހެޅުއްވި އިސްތިއުފާ އެ ތާރީހުން ފެށިގެން އެ ބޯޑުން ބަލައިގަނެ، އެކަން ބޭންކުގެ ބޯޑަށާއި ސީއީއޯއަށް އެ މަހުގެ 23 ވަނަ ދުވަހު އަންގާފައިވާ ކަމަށް ޑީބީއެމުން ބުންޏެވެ.

ޑީބީއެމުން ބުނި ގޮތުގައި އިސްތިއުފާ ހުށަހެޅުއްވި ނޯޓިސްގެ މުއްދަތުގެ މުސާރަ އާ ގުޅޭގޮތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ނޮއެލް ހުށަހެޅުއްވި މައްސަލަ އާ ގުޅިގެން ކުރިއަށް ގެންދަން ޖެހޭ މަސައްކަތްތައް އެ ބޭންކުގެ ގާނޫނީ ވަކީލުންގެ ޓީމަކުން ކުރަމުންދާ ކަމުގަ އެވެ.

"އަދި މި މައްސަލަ ފައިސަލާ ކުރުމުގައި މި ބޭންކުން ފުރިހަމަކުރަން ޖެހޭ އެންމެހާ ގާނޫނީ އިޖުރާތްތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރަމުންދާނެ ކަމުގައި ވެސް ދަންނަވަމެވެ." ޑީބީއެމުން ބުންޏެވެ.

އެ ބޭންކުގެ މެންޑޭޓް އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން އާ ސީއީއޯއަކާއި މެނޭޖިން ޑިރެކްޓަރެއް އައްޔަންކުރުމުގެ މަސައްކަތް ޕީސީބީގެ އެއްބާރުލުމާ އެކު ކުރަމުން އަންނަ ކަމަށް ވެސް ޑީބީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" އުފައްދަވާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު އެވެ.

ޑިވެލޮޕްމަންޓް ބޭންކް ހުޅުވުމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލައިސަންސް ދީފައި ވަނީ އޮކްޓޯބަރު މަހު އެވެ. އެ އާއެކު ބޭންކް ރަސްމީކޮށް އިފުތިތާހުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ މެދުތެރޭގަ އެވެ. އެހެންނަމަވެސް ބޭންކުގެ އަމަލީ މަސައްކަތް މިހާތަނަށް ފެށިފައެއް ނުވެ އެވެ.

Ads by HDC