ޚަބަރު

ހައްޖުވެރިން ފުރާތީ، އެއާޕޯޓުގައި ބާރުބޮޑުވާނެތީ ފުލުހުންގެ އިލްތިމާސެއް

. ، ދެން އޮންލައިން
ރާއްޖެއިން މީގެ ކުރިން ހައްޖަށް ދިޔަ މީހަކު ފުރަން އެއާޕޯޓުގައި/ ފޮޓޯ: ދެން

އަންނަ ހޯމަ ދުވަހުން ފެށިގެން މިއަހަރު ރާއްޖެއިން ހައްޖަށްދާ، ހައްޖުވެރިން ފުރާއިރު އެއާޕޯޓުގެ ޓްރެފިކަށް ބާރުބޮޑުވާނެތީ، އެކަމަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި އެވެ.

Ads by MPL

ފުލުހުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ 4 ދުވަހު އޮމާންކަމާއެކު ޓްރެފިކް ފްލޯ ކުރިއަށް ގެންދިޔުމަށް އިތުރު ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރިވާނެ ކަމަށެވެ.

އެހެން އެ ދުވަސްތަކުގައި ފުރާ މީހުންވެސް ދުރާލައި އެއާޕޯޓަށް ގޮސް ފުރުމުގެ އިންތިޒާމުތައް ނިންމާލުމަށް ފުލުހުން އިލްތިމާސްކުރި އެވެ. އަދި ހައްޖުވެރިންނާއެކު އެއާޕޯޓަށްދާ ގާތްތިމާގެ މީހުންނާއި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުންވެސް ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ރާއްޖެއިން ހައްޖުވެރިން ފުރަން ހަމަޖެހިފައިވަނީ އަންނަ ހޯމަ، އަންގާރަ އަދި ބުރާސްފަތީގެ އިތުރުން ހުކުރު ދުވަހެވެ.

މިއަހަރު ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ފުލައިޓު ހޯމަ ވަނަ ދުވަހު ފުރާއިރު އެ ފްލައިޓުގައި 235 ހައްޖުވެރިން ސައުދީއަށް ދާނެ އެވެ.

ހައްޖުވެރިންގެ ދެވަނަ ފުލައިޓު އަންގާރަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު 2 ވަނަ ފުލައިޓުގައި 257 ހައްޖުވެރިން ދަތުރުކުރާނެއެވެ. އަދި ތިން ވަނަ ފުލައިޓު ބުރާސްފަތި ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު އެ ފުލައިޓުގައި 250 ހައްޖުވެރިން ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަންގާރަ އަދި ބުރާސްފަތި ދުވަހު ގައި ހައްޖުވެރިން ދަތުރުކުރާނީ ގައުމީ އެއާލައިން މޯލްޑިވިއަންގައެވެ. މިއީ އަހަރުތަކެއް ފަހުން ދިވެހިންގެ އަމިއްލަ ގައުމީ އެއާލައިނުގައި ހައްޖަށް ދާ އަހަރެކެވެ.

ޙައްޖުވެރިންގެ ފަހު ފުލައިޓު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ. އެ ފުލައިޓުގައި 250 ހައްޖުވެރިން ސައުދީއަށް ދާނެ އެވެ.

މިއަހަރު ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު ސައުދީ ސަރުކާރުން ދީފައިވާއިރު، ރާއްޖެއިން ހައްޖުވެރިން ފުރާއިރު ސައުދީގެ އިމިގްރޭޝަންވެސް ނިމޭނެކަން ފާހަގަކޮށްލެވެ އެވެ.