ޚަބަރު ސަރުކާރު

ރައީސްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް ކުރީގެ ރައީސް ވަހީދު އައްޔަންކުރައްވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައީސް މުއިއްޒު، ކުރީގެ ރައީސް ވަހީދަށް ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓުގެ މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވަނީ / ފޮޓޯ:ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓުގެ މަގާމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އައްޔަންކުރައްވައިފި އެވެ.

Ads by STELCO

ވަހީދު ވަނީ ނައިބު ރައީސް ކަމުގެ މަގާމާއި ރައްޔިތުންގެ މަޖިލިހާއި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ މެމްބަރު ކަމުގެ އިތުރުން ތައުލީމީ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. އެމަނިކުފާނަކީ ޔުނިސެފުގައި ވެސް އިސް މަގާމުތަކެއްގައި ހިދުމަތްކުރެއްވި ބޭފުޅެކެވެ.

ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓުގެ މަގާމަށް ވަހީދު އައްޔަންކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ. އެ މަގާމަށް އެމަނިކުފާނު އައްޔަންކުރެއްވުމަށް ފަހުގައި ރައީސް ވަނީ ވަހީދު އާ ބައްދަލުކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވަހީދަކީ ވަރަށް ގާބިލު ބޭފުޅެއް ކަމުގައި ފާހަގަކުރައްވައި ރާއްޖޭގެ ހާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާ އެކު މަސައްކަތްކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށެވެ.

އަދި އިގުތިސޯދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ގައުމުތަކާ އެކު މަޝްވަރާކުރައްވައި، އެ ރޮނގުން ކާމިޔާބީ ހާސިލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް އެ އޮފީހުން ބުންޏެވެ. އަދި މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ރައީސްގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގައި ފާހަގަކުރެއްވި ކަމުގަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވަހީދު ވަނީ ސަރުކާރަށް ހިދުމަތްކުރެއްވުމުގެ ފުރުސަތު ދެއްވި ކަމަށް ޝުކުރު އަދާކުރައްވާފައި ކަމަށާއި އެމަނިކުފާނުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަގީންކަން ރައީސްއަށް އެރުވި ކަމުގަ އެވެ.

ވަހީދު އެ މަގާމަށް އައްޔަންކުރައްވާފައި ވަނީ މުސާރަ ލިބިވަޑައިނުގަންނަވާ ގޮތަށް ކަމަށް އެ އޮފީހުން ބުންޏެވެ.

ވަހީދަކީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކުރީގެ ރައީސް މުހަައްމަދު ނަޝީދުގެ ރަނިންމޭޓެވެ. އިންތިހާބު ކާމިޔާބުވުމުން އެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި އެވެ. ނަޝީދުގެ ވެރިކަން 2012 އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ނިމުމަކަށް އައުމާ ގުޅިގެން ދައުރުގެ ބާކީ އޮތް ބައިގައި ވެރިކަން ކުރައްވާފައި ވަނީ ވަހީދެވެ.

ރައީސްގެ މަގާމުގައި ހުންނަވައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ނަމަވެސް ލިބިވަޑައިގަތީ ފަސް އިންސައްތަ ވޯޓެވެ. އިންތިހާބުގެ ފުރަތަމަ ބުރު ބާތިލުކުރުމާ އެކު އިންތިހާބުގައި އަލުން ވާދަކުރައްވާފައެއް ނުވެ އެވެ.

އެފަހުން އޭރު ސަރުކާރު ހިންގަމުންދިޔަ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅިވަޑައިގެންނެވި އެވެ. އެ ވެރިކަން ނިމި އިދިކޮޅުގައި އެ ޕާޓީ ހަރަކާތްތެރިވިއިރު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް 2020 ވަނަ އަހަރު ވަހީދު ހަމަޖެއްސެވި އެވެ.

އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ކަނޑައެޅި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެއްވޭ ހާލަތުގައި އެ ޓިކެޓު ހޯއްދެވުމަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ވަހީދު ހިމެނިވަޑައިގަންނަވަ އެވެ.

އެހެންނަމަވެސް ކޯލިޝަނުގެ ސެނެޓް މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޓިކެޓު ހޯއްދަވާފައި ވަނީ ރައީސް މުއިއްޒެވެ.

އެކަމާ ގުޅިގެން ވަހީދު ވަނީ ޖުމްހޫރީ ޕާޓީ އާ ގުޅިވަޑައިގެން، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމަށް އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް ކެމްޕެއިން ކުރައްވާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!