ޚަބަރު ސަރުކާރު

ހުޅުމާލޭގެ އާ މާސްޓާ ޕްލޭނުން ތިން ލައްކަ މީހުންނަށް ފެންވަރު ރަނގަޅު ދިރިއުޅުމެއް ހޯދޭނެ: ރައީސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ހުޅުމާލޭގެ އާ މާސްޓާ ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމުން ގާތްގަނޑަކަށް ތިން ލައްކައެއްހާ މީހުންނަށް ފެންވަރު ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އެތައް ގޮތަކުން ފަހިވެގެންދާނެ ކަމަށް ރައީސް ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by MPL

އެމަނިކުފާނު އެހެން ވިދާޅުވީ ހުޅުމާލެ ރިވައިސްޑް މާސްޓާ ޕްލޭން އަދި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ބަދަލު ގެނެވިފައިވާ ރަސްމީ ވެބްސައިޓް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ހުޅުމާލެ ރިވައިސްޑް މާސްޓަ ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމުން ގާތްގަނޑަކަށް ތިން ލައްކައެއްހާ މީހުންނަށް ފެންވަރު ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އެތައް ގޮތަކުން ފަހިވެގެންދާނެ ކަމަށެވެ. ޕްލޭން ހަގީގަތަކަށް ހެދުމުގައި ހުރިހާ ފަރާތްތަކެއްގެ ވިސްނުން އެއްގޮތްކޮށް، ބުރަ މަސައްކަތްތަކެއް ކުރުމަށް އެދިވަޑައިގެންނެވި އެވެ.

ގްރޭޓާ މާލޭ ސަރަހައްދުގައި ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް މި މާސްޓާ ޕްލޭނުން މަގުފަހިކޮށްދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ މާލެ ސިޓީގައި އޮތް ތޮއްޖެހިފައިވާ ނުތަނަވަސް ކަމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ހުޅުމާލޭގެ ތަރައްގީގެ ކަންކަން ކުރިއަށް ގެންދަން ވާނީ އެ ކަންކަމުން ފިލާވަޅު ލިބިގަނެގެން ކަމަށެވެ. އަދި ރިވައިސްޑް މާސްޓާ ޕްލޭނާ އެކު އެ ފުރުސަތު ފަހިވާކަން ފާހަގަކުރެއްވި އެވެ.

ރައީސް ވަނީ މި ޕްލޭން ހަގީގަތަކަށް ހެދުމަށް ޓަކައި ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އެ ރަސްމިއްޔާތުގައި އިފުތިތާހު ކުރެވުނު އެޗްޑީސީގެ އާ ވެބްސައިޓަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން އެ ވެބްސައިޓަކީ އެޗްޑީސީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ބަދަލު ގެނެވިފައިވާ ވެބްސައިޓެއް ކަމަށާއި ހެޔޮވެރިކަން ކަށަވަރު ކުރުމުގެ މޭރުމުން ހުޅުވިގެން ދިޔަ މުހިންމު ދޮރޯއްޓެއް ގޮތުގައި ސިފަކުރެއްވި އެވެ.

އެޗްޑީސީގެ ވެބްސައިޓް ތަރައްގީ ކޮށްފައި ވަނީ އާންމުންނަށް ބޭނުންވާ ހިދުމަތްތައް ލުއިފަސޭހަކަމާ އެކު އަވަހަށް ލިބިގަނެވޭނެ ގޮތަކަށެވެ. އެގޮތުން ގެނެސްފައިވާ ބަދަލުތަކާ އެކު ބިލްޑިން އެޕްރޫވަލްސް އަދި ބިޑް އެޕްރޫވަލްސްގެ ދުވެލި ހަލުވިވާނެ އެވެ. އެ އާއެކު ކުންފުނީގެ މަސައްކަތްތަކުގެ ހާމަކަން އިތުރުކުރުމުގެ ގޮތުން ވެބްސައިޓުގައި ވިސްލްބްލޯވާ ޕޯޓަލްއެއް ވެސް ވަނީ ހިމަނާފަ އެވެ.

މުހިންމު ބޮޑެތި ބަދަލުތަކާ އެކު އެޗްޑީސީގެ އަޕްގްރޭޑް ކުރެވިފައިވާ ވެބްސައިޓް، ރަސްމީކޮށް އިފުތިތާހު ކޮށްދެއްވީ ސިޓީސް، ލޯކަލް ގަވަމަންމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.

ސަރުކާރުގެ އެކި ކުންފުނިތަކުގެ ހިންގުމުގެ ނިޒާމާއި އެ ތަންތަނުގެ އިސްވެރިންނާއި ޓީމަށް ގެންނަވާ ބަދަލުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވި ގޮތުގައި އެކަމުގެ މަގުސަދަކީ ގުޑް ގަވަނަންސް ނުވަތަ ހެޔޮވެރިކަން ކަށަވަރު ކުރުން ކަމަށާއި ދެފުށް ފެންނަ، ކޮރަޕްޝަން ނައްތާލެވިފައިވާ ނިޒާމެއްގެ ތެރެއިން ކުންފުނިތަކުގެ ހިންގުން ޔަގީން ކުރުން ކަމުގަ އެވެ. އެގޮތުން އެޗްޑީސީން މިހާރު ވަނީ އެ ބަދަލުތަކުގެ ފުރިހަމަ ފައިދާ ފެންނަން ފަށާފައި ކަމުގައި ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކާއި މުއައްސަސާތަކަކީ ކޮރަޕްޝަނާ ދުރުން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ހިންގާ ތަންތަނަށް ވުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފަ އެވެ. ކޮރަޕްޝަން ހިންގުމަށް އެއްވެސް މީހަކަށް ފުރުސަތެއް ނުދެއްވާނެ ކަމަށާއި ކޮރަޕްޝަނަކީ އެއްވެސް ސުވާލެއް ނެތި ހުއްޓުމަކަށް ގެނައުމަށް ބޭނުންފުޅުވާ ކަމެއް ކަމުގަ އެވެ.

ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ވާނީ ކޮރަޕްޝަނުގެ ވަބާއިން ސަލާމަތް ވެވުނު ވަރަކުން ކަމުގައި ރައީސް ވިދާޅުވި އެވެ. އާމްދަނީއަކީ ހެޔޮ ގޮތުގައި ހޯދާ އެއްޗަކަށް ވާން ޖެހޭ ކަމަށާއި އެ އިމުން ބޭރުން ހިނގާ ކަމަކަށް ފުރުސަތު ދެވިގެން ނުވާނެކަން ހަނދާން ކޮށްދެއްވި އެވެ. އެޗްޑީސީންނާއި މިނިސްޓްރީތަކާ އަދި ކުންފުނިތަކުން ކޮރަޕްޝަނާ ދެކޮޅަށް ފަށާފައިވާ މަސައްކަތްތައް ބަލައިގަންނަކަން ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ހުޅުމާލޭގެ ހުރިހާ ފިޔަވައްސެއްގައި ފުއްދަވައިދެއްވަން ވައުދުވެ ވަޑައިގެންފައިވާ ހުރިހާ ކަމެއް، އެޗްޑީސީގެ އެއްބާރުލުމާ އެކު ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

މީގެ 24 އަހަރު ކުރިން އެކުލަވާލެވުނު ހުޅުމާލެ މާސްޓާ ޕްލޭނަށް ޒަމާނީ މުހިންމު ބަދަލުތަކެއް ގެނެސް މިއަދު އިފުތިތާހު ކުރެވުނުއިރު، ހުޅުމާލޭގެ ރިވައިސްޑް މާސްޓާ ޕްލޭނަކީ އާންމު ދިރިއުޅުން އާ ހަރުފަތަކަށް އުފުލާލެވި، ވިޔަފާރި އާއި އިގުތިސޯދީ ފުދުންތެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްގީގެ ވެއްޓެއް ކަށަވަރު ކޮށްދޭނެ ޕްލޭނެއް ކަމަށް ސަރުކާރުން ބުނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!