ޚަބަރު ސަރުކާރު

ޓެކްސް ނެގުމުގެ ނިޒާމު ހަރުދަނާކޮށް ހާމަކަން ބޮޑު ގޮތެއްގައި ބެލެހެއްޓުމަކީ މުހިންމު ކަމެއް: ޒަމީރު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އަށް ވަނަ އޭޝިއާ އިނީޝިއޭޓިވް ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޒަމީރު ވާހަކަ ދައްކަަވަނީ / ފޮޓޯ:މީރާ

ޓެކުހާ ގުޅޭ ގޮތުން އެއްބާރުލުން ދިނުމުގެ ދާއިރާގައި ރާއްޖެއިން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށާއި ޓެކްސް ނެގުމުގެ ނިޒާމު ހަރުދަނާކޮށް ހާމަކަން ބޮޑު ގޮތެއްގައި ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިއަދު ފެށި އަށް ވަނަ އޭޝިއާ އިނީޝިއޭޓިވް ބައްދަލުވުމުގައި ދެއްވި ކީނޯޓުގައި ޒަމީރު ވިދާޅުވީ ގްލޯބަލް ފޯރަމް އަދި އޭޝިއާ އިނީޝިއޭޓިވްގައި ރާއްޖެ ބައިވެރިވެ ޓެކްސް ނިޒާމު ހަރުދަނާކޮށް، އިންކްލޫސިވް ގްރޯތު އިތުރު ކުރުމާ އެކު ހަމަހަމަކަން ކަށަވަރު ކުރުމަށް މުހިންމު ވަސީލަތްތަކެއް ލިބިފައިވާ ކަމަށެވެ.

ހާމަކަން ބޮޑު ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ރާއްޖެއިން ހޮންކޮންގް އާއެކު ޑަބަލް ޓެކްސް އެވޮއިޑަންސް އެގްރީމެންޓެއްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.

އެއްބަސްވުމާ ގުޅޭގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި އެއް އާމްދަނީއަކުން ދެ ފަހަރަށް ޓެކްސް ނެގުން ހުއްޓުމަކަށް ގެނެވޭނެ ކަމަށެވެ. އަދި ދެ ގައުމުގެ ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުވެ، ޓެކުހަށް މަކަރު ހެދުމުގެ ދޮރުތައް ބަންދު ކުރެވޭނެކަން ފާހަަގަކުރި އެވެ.

އެ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުވެގެންދާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ކުޑަ ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތައް އަޅުގަނޑުމެން ގަބޫލުކުރަން. އެހެންނަމަވެސް އޭޝިއާ އިނީޝިއޭޓިވް ފަދަ މަންސަތަކުން އަޅުގަނޑުމެންގެ އަޑު އިތުރަށް ގަދަވެ، އެކުގައި ކުރިއަށް ދިއުމުގެ ފުރުސަތު ލިބިގެންދޭ،" ޒަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި އޭޝިއާ އިނީޝިއޭޓިވްގެ ކޯ-ޗެއާގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަމުންދާ ދައުރަކީ ވަރަށް މުހިންމު ޒިންމާއެއް ކަމަށާއި މި ޒިންމާ އަދާކުރުމަށް ފުރިހަމައަށް މަސައްކަތް ކުރާނެ ކަމުގަ އެވެ. އަދި ގްލޯބަލް ފޯރަމުގެ މެމްބަރެއްގެ ހައިސިއްޔަތުން ގާބިލުކަން އިތުރު ކުރުމާއި އެކުގައި މަސައްކަތް ކުރުމާއި އެންމެންގެ ބައިވެރިވުން އޮންނަ މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެއްވި އެވެ.

އަށް ވަނަ އޭޝިއާ އިނީޝިއޭޓިވް ބައްދަލުވުމުގެ ތެރެއިން / ފޮޓޯ:މީރާ

ކުރިއަށް ހުރި ގޮންޖެހުންތަކާ ކުރިމަތިލުމުގައި އެކުގައި މަސައްކަތް ކުރުމުގެ ބާރާއި ލީޑަޝިޕްގެ ހަރުދަނާކަމާ އެކު، ދެމެހެއްޓެނިވި ކުރިއެރުން ހޯދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ޒަމީރު ވިދާޅުވި އެވެ. ދުނިޔޭގެ އިގުތިސޯދީ ހާލަތު ހުރި ގޮތުން ގައުމުތަކުން އިގުތިސޯދީ ސިޔާސަތުތައް އަލުން ބައްޓަން ކުރަމުންދާ މި ދަނޑިވަޅުގައި ރާއްޖޭގެ އިގުތިސޯދު ހަރުދަނާ ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް އަލިއަޅުއްވާލެއްވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ބިނާވެފައި ވަނީ ފަތުރުވެރިކަމުގެ މައްޗަށް ކަމަށާއި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުން ޖީޑީޕީގެ 13.8 އިންސައްތަ ހިއްސާކުރިއިރު، ރިކޯޑު އަދަދެއްގެ ގޮތުގައި ދެ މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީން ވަނީ ރެވެނިއު އެޑްމިނިސްޓްރޭޝަން އެޖެންސީތަކާ ގުޅިގެން މެދު ރާސްތާގެ ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލާފައި ކަމުގަ އެވެ. މި ސްޓްރެޓެޖީގެ މަގުސަދަކީ މިހާރުގެ ރެވެނިއު ޕޮލިސީތައް ހަރުދަނާކޮށް، އެތެރޭގެ އާމްދަނީ އިތުރު ކުރުމާ އެކު، ބޭރުގެ ދަރަންޏަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމުގަ އެވެ.

"ހާމަކަން ބޮޑު އަދި ހަރުދަނާ ޓެކްސް ނިޒާމެއް އޮތުމަކީ މޫސުމަށް އަންނަ ބަދަލުތަކާ އެކަށީގެންވާ ގޮތަށް ތައްޔާރުވުމާއި ތައުލީމު، ސިއްހަތު އަދި އުމްރާނީ ތަރައްގީ ފަދަ މުހިންމު ދާއިރާތަކަށް ފައިނޭންސް ކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއް،" ޒަމީރު ވިދާޅުވި އެވެ.

ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުމާއި ދުނިޔޭގައި ފައިސާގެ ދައުރުވުން އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި ބައިނަލްއަގުވާމީ އެއްބާރުލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފާހަގަކުރެއްވި އެވެ. އަދި ޓެކްސް ނުދެއްކުމާއި ގާނޫނީ ގޮތުން ހުއްދަ ނޫން ގޮތްގޮތުން ފައިސާ ބޭރުކުރުން ހުއްޓުވުމަށް މައުލޫމާތު ހިއްސާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވެސް ޒަމީރު ވިދާޅުވި އެވެ.

Ads by Allied Insurance