ޚަބަރު

އެޗްޑީސީ އާ ގުޅޭ މައްސަލަތައް ހުށަހަޅަން ވިސްލްބްލޯވާ ޕޯޓަލްއެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) --

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅުންހުރި މައްސަލަތައް އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭ ގޮތް ފަހިކޮށްދީފި އެވެ.

Ads by STELCO

އެޗްޑީސީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ބަދަލު ގެނެވިފައިވާ ވެބްސައިޓް ރަސްމީކޮށް އިފުތިތާހުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ވެބްސައިޓް ތަރައްގީ ކޮށްފައި ވަނީ އާންމުންނަށް ބޭނުންވާ ހިދުމަތްތައް ލުއިފަސޭހަކަމާ އެކު އަވަހަށް ލިބިގަނެވޭނެ ގޮތަކަށް ކަަމުގަ އެވެ. އެގޮތުން ގެނެސްފައިވާ ބަދަލުތަކާ އެކު ބިލްޑިން އެޕްރޫވަލްސް އަދި ބިޑް އެޕްރޫވަލްސްގެ ދުވެލި ހަލުވިވާނެ ކަމުގަ އެވެ. އެ އާއެކު ކުންފުނީގެ މަސައްކަތްތަކުގެ ހާމަކަން އިތުރުކުރުމުގެ ގޮތުން ވެބްސައިޓުގައި ވިސްލްބްލޯވާ ޕޯޓަލްއެއް ހިމަނާފައިވާކަން ވެސް ފާހަގަކުރި އެވެ.

ވިސްލްބްލޯވާ ޕޯޓަލް މެދުވެރިކޮށް ކޮރަޕްޝަނާއި ރިޝްވަތާއި ފްރޯޑްގެ މައްސަލަތަކާ އަދި ގާނޫނުތަކާއި އެ ކުންފުނީގެ ސިޔާސަތުތަކާ ހިލާފު އަމަލުތައް ހުށަހެޅޭނެ އެވެ. މަގާމުގެ ނުފޫޒު ނުވަތަ ކުންފުނީގެ އެސެޓުތައް ނަހަމައިން ބޭނުން ކުރުމުގެ އިތުރުން އާންމު ސަލާމަތާއި ތިމާވެށި ރައްކާތެރި ކުރުމާއި އިންސާނީ ހައްގުތަކަށް ނުރައްކާވާ ފަދަ އަމަލުތައް ވެސް ރިޕޯޓު ކުރެވޭނެ އެވެ.

ޕޯޓަލްއިން މައްސަލަ ހުށަހެޅުމުން ވިސްލްބްލޯވާ ޕްރޮޓެކްޝަން ކޮމިޓީން އެކަން މުރާޖައާކޮށް، މައްސަލަ ބެލުމަށް ޝަރުތު ހަމަވާކަން ނުވަތަ ނޫންކަން އެ ފަރާތަކަށް އަންގާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. ވިސްލްބްލޯވާގެ ރައްކާތެރި ކަމަށް، އެ ފަރާތުގެ މައުލޫމާތު ސިއްރު ކުރެވޭނެ ކަމަށާއި ބަދަލު ހިފުމާއި ގާނޫނީ ގޮތުން ކުރިމަތިވެދާނެ ކަމަކުން ހިމާޔަތް ކޮށްދެވޭނެކަން ފާހަގަކުރި އެވެ.

އެޗްޑީސީން ބުނެފައި ވަނީ މައްސަލަ ހުށަހަޅާތާ 21 ދުވަހުގެ ތެރޭގައި އެކަމަކާ މެދު ގޮތް ނިންމާނެ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި އިސްލާހީ ފިޔަވަޅުތައް އެޅުމާއި ބޮޑެތި މައްސަލަތައް ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނުވަތަ ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ. އަދި މުއްދަތު އިތުރުކުރާ ނަމަ އެކަން މައްސަލަ ހުށަހެޅި ފަރާތަށް އަންގާނެ ކަމަށެވެ.

ރިޕޯޓުކުރި މައްސަލަ އެ ކުންފުނިން ބެލީ އިންސާފުވެރިކަމާ އެކުގައި ކަމަށް ނުދެކޭ ނަމަ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް އެ މައްސަލައެއް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.

Ads by Allied Insurance