އައިޖީއެމްއެޗަށް 218 މުވައްޒަފުން ނަގަނީ

އައިޖީއެމްއެޗަށް 218 މުވައްޒަފުން އިތުރުކުރަން ނިންމާފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައިން ހިމެނޭނީ ނަރުހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ގެނެސްދިން "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސިއްހީ ހިދުމަތް ވަރުގަދަކުރަން ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމަށެވެ.
އަދި އެ ސިޔާސަތާ އެއްގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ވެސް ފާހަގަކުރެއްވި އެވެ. އެގޮތުން ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، އައްޑޫ ސިޓީ އަދި އުނގޫފާރު ފަދަ ރަށްތަކުގައި ވައުދާ އެއްގޮތަށް ޓާޝަރީ ހޮސްޕިޓަލުތަކުގެ މަސައްކަތް ހިނގަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިހާރު 200 އަށް ވުރެ ގިނަ މުވައްޒަފުން މުޅި ސިއްހީ ދާއިރާއަށް އިތުރުކުރުން. މުޅި ރާއްޖެއަށް އިތުރުކުރުން ވެސް އެ ވަނީ ހުޅުވާލެވިފައި. އޭގެތެރެއިން ވެސް ވަރަށް ގިނަ މުވައްޒަފުން ނެގިގެން އެބަދޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އައިޖީއެމްއެޗްއަށް އިތުރު 75 އެނދުގެ ޖާގަ މިހާރު އިތުރުކުރެވިފައިވާކަން ވިދާޅުވެފަ އެވެ. އެ އާއެކު އައިޖީއެމްއެޗަށް އެކަނިވެސް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަން ނިންމާފައިވާކަން ފާހަގަކުރެއްވި އެވެ.
"މިހާރު ފުރުސަތު ހުޅުވާލައި ގާތްގަނޑަކަށް ނިމިފައި އެ ވަނީ 218 މަގާމަށް މުވައްޒަފުން ނެގުން. އޭގައި ގިނަ އަދަދަކަށް ހިމެނިގެން ދަނީ ނަރުހުން. މިއީ ހަމަ ހުރިހާ ކަމެއް ހަމަޖެހިފައި އޮތް ކަމެއް. އެހެންވީމާ މުވައްޒަފުން އިތުރު ކުރެވި، ވަސީލަތް އިތުރުކުރެވި، އިމާރާތުގެ ޖާގައިގެ ގޮތުން އައިޖީއެމްއެޗް ވަރަށް ބޮޑު ތަނުން މި ފުޅާކުރެވުނީ،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން އިމާރާތާއި ވަސީލަތުގެ ގޮތުން މަޝްރޫއުތައް ހިންގަން ހުޅުވާލެވި ގިނަ މަޝްރޫއުތަކުގައި ސޮއިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ސިއްހީ ދާއިރާ މި އަހަރާއި އަންނަ އަހަރުގެ ތެރޭގައި ވަރަށް ބޮޑު ތަނުން ރަނގަޅުވާނެ ކަމުގައި ފާހަގަކުރެއްވި އެވެ.
