ސުޕްރީމް ކޯޓަށް އައްޔަންކުރަން ހަމީދާއި ސަލީމުގެ ނަން ރައީސް މަޖިލިހަށް ފޮނުއްވައިފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލިހަށް ރައީސް ޑރ. މުހަައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.
ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރެއްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުތަކުގައި ތިއްބެވި ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅިގެންނެވެ. ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ބޭއްވި މަޖިލިހުގެ ޖަލްސާއިން ފާސްކޮށްގެނެވެ.
ހުސްވި ދެ ފަނޑިޔާރުންގެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެންމެ މަތިން މާކްސް ދީފައި ވަނީ ހަމީދާއި ސަލީމަށެވެ.
އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަންކުރަން ޖޭއެސްސީން މިދިޔަ އަންގާރަ ދުވަހު ވަނީ ރައީސަށް ލަފާ އަރުވާފަ އެވެ.
ޖޭއެސްސީގެ ލަފާގެ މަތިން އެ ދެ ބޭފުޅުން އައްޔަންކުރުމަށް ރުހުން ހޯދުމަށް މިއަދުގެ މަޖިލިހުގެ ޖަލްސާއަށް ރައީސް ވަނީ ފޮނުއްވާފަ އެވެ. ރައީސް ފޮނުއްވި ސިޓީގައި ވަނީ ހަމީދާއި ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ މެދު މަޖިލިހުން ގޮތެއް ނިންމައިދިނުމަށް އެދިވަޑައިގެންފަ އެވެ. ތަޅުމަށް ސިޓީ އިއްވުމުން މައްސަލަ ދިރާސާ ކުރުމަށް މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
އަޒްމިރާލްދާ އާއި މަހާޒުގެ މައްސަަލަ އާއެކު އެކީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ސަސްޕެންޑުކޮށް ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފެށުމުން ސުއޫދު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފަ އެވެ. ސުއޫދުގެ ބަދަލުގައި އެ މަގާމަށް ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ އައްޔަންކޮށްފަ އެވެ.
