ފަށާ މަދަދު ލޯނުގެ ދެ ވަނަ ފިޔަވަހި މި މަހު 15 ގައި ހުޅުވާލަނީ

ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް ހާއްސަކޮށް ދޫކުރާ "ފަށާ މަދަދު" ލޯނު ސްކީމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށް ނިންމައިފި އެވެ.
މި ލޯނު ސްކީމަކީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުމަށް އަންހެނުންނަށް ހާއްސަ ލޯނު ސްކީމެއް ތައާރަފު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ކުރިއަށް ގެންދާ ސްކީމެކެވެ. މިއީ 100 މިލިއަން ރުފިޔާގެ ސްޓާޓަޕް ލޯނު ސްކީމެކެވެ.
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނީ ލޯނު ސްކީމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ލޯނަށް އެޕްލިކޭޝަން ބަލައިގަތުން މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ.
ފަސް ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ލޯނު ސްކީމުގެ ކޮންމެ ފިޔަވައްސެއްގައި 20 މިލިއަން ރުފިޔާ ދޫކުރާނެ އެވެ. ސްކީމުގެ 25 އިންސައްތަ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކޮށްފަ އެވެ.
އަލަށް ފަށާ ވިޔަފާރިތަކަށް މި ސްކީމުގެ ދަށުން 100،000 ރުފިޔާ އާއި 500،000 ރުފިޔާ އާ ދެމެދުގެ ލޯނު ދޫކުރުުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ލޯނު ދޫކުރާނީ އަހަރަކު 6 އިންސައްތައިގެ އިންޓްރަސްޓަކާ އެކުގަ އެވެ. ހަތް އަހަރު ދުވަހަށް ބަހާލައިގެން ލޯނު ދެއްކުމުގެ ފުރުސަތު ދޭއިރު، ގްރޭސް ޕީރިއަޑުގެ ގޮތުގައި ގިނަވެގެން 12 މަސް ދުވަހުގެ މުއްދަތެއް ލިބެ އެވެ.
"ފަށާ މަދަދު" ލޯނު ސްކީމަކީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓްރީ އަދި ސޯޝަލް މިނިސްޓްރީ ގުޅިގެން ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ ސްކީމެކެވެ.
