މިނިވަން ދުވަހުގެ ލޯގޯ ފަރުމާކޮށްގެން 30,000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

މި އަހަރުގެ މިނިވަން ދުވަހުގެ ލޯގޯ ފަރުމާކޮށްގެން 30,000 ރުފިޔާ ހޯދުމުގެ ފުރުސަތު ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ހެރިޓޭޖް މިނިސްޓްރީން އިއްޔެކުރި އިއުލާނުގައި ބުނީ މި އަހަރަކީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވާތީ މި އަހަރު އާންމުކޮށް ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ބޭނުންވާ ކަމަށެވެ.
ލޯގޯއިން އިސްލާމްދީނާއި ދިވެހި ބަހާއި ސަގާފަތާއި ދިވެހި ތަރިކަ ރަމްޒުކޮށްދިނުމާއި ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހީންގެ ދައުލަތް މިނިވަންކަމާ އެކު ދެމިއޮތުން ރަމްޒުކޮށްދޭން ޖެހޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިއުލާނާ އެކު ހެރިޓޭޖް މިނިސްޓްރީން ވަނީ ލޯގޯ ފަރުމާ ކުރުމުގައި އަމަލުކުރުމަށް އެކުލަވާލާފައިވާ އުސޫލު އާންމުކޮށްފަ އެވެ. ލޯގޯ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 2 ޖެހުމާ ހަމައަަށެވެ.
ލޯގޯ ފަރުމާ ކުރުމުގައި ބަލަން ޖެހޭ ކަންކަން:
- ދިވެހި ދައުލަތުގެ އެވޭލާކަމާއި މިނިވަންކަމުގެ 60 އަހަރު ރަމްޒުކޮށްދިނުމާއި ކުރިމަގުގައި މިނިވަންކަމުގައި ދެމިތިބުމަށްކުރާ އުންމީދުތައް ރަމްޒުކޮށްދިނުން
- މިނިވަންކަމުގެ 60 އަހަރުގައި ދިވެހި ގައުމު ހޯދި ކުރިއެރުމާއި ކުރިއަށް އޮތް ތަނުގައި ހޯދުމަށް އުންމީދުކުރާ ކުރިއެރުން ރަމްޒުކޮށްދިނުން
- ލޯގޯގައި ބޭނުންކުރެވޭ ކުލަތަކަކީ ގައުމީ ކުލަތައް ކަމަށް ވެފައި އިތުރު ކުލައެއް ބޭނުންކުރާ ނަމަ ދިވެހި ކަނޑާއި ރާއްޖޭގެ މާހައުލު ރަމްޒުކުރާ ކުލައެއް ކަމުގައިވާ ނޫކުލަ ބޭނުންކުރުން
- މުނާސަބަތާއި ގުޅިގެން އެކި ކަންކަމުގައި ބެޖުގެ ގޮތުގަ އާއި ސްޓިކާގެ ގޮތުގައި ބޭނުންކުރަން ފަސޭހަ ފަރުމާއަކަށް ވުމާއި ބެނާ އާއި ޗާޕުކުރެވޭ ލިޔުންތަކުގައި ބޭނުންކުރަން ފަސޭހަ ފަރުމާއެއް ކަމަށް ވުމާއި ޓީޝާޓް ފަދަ ތަކެތީގައި ބޭނުންކުރަން ފަސޭހަ ފަރުމާއަކަށްވުން
- އިލެކްޓްރޯނިކް މީޑިއާ އާއި އެނިމޭޝަނާއި ވީޑިއޯތަކުގައި ބޭނުންކުރެވޭ ފަދަ އެއްޗަކަށްވުން
ހުށަހަޅާ ލޯގޯތަކުން އެންމެ ރަނގަޅު ލޯގޯއެއް ހޮވާނީ އެކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.
އެއް ވަނައަށް ހޮވޭ ލޯގޯއަކަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ލޯގޯއަށް ވަނަ ދިނުމުގައި ހަތަރު ކަމަކަށް ބަލާނެ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުންޏެވެ. އެއީ ކޮލިޓީ އާއި ޓެކްނިކަލް ފެންވަރު، އަސްލުވަންތަކަމާއި އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން، ދިވެހިވަންތަކަން، މިނިވަން 60 ގެ ސިފަތައް ރަމްޒުކޮށްދީފައިވާ މިންވަރަށް ކަމުގައި ފާހަގަކުރި އެވެ.
