ޚަބަރު ސަރުކާރު

ގުޅިފަޅުގެ އާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގުރުނަގައި ލޮޓް ނަމްބަރާއި ގޯތިތަކުގެ ބޮޑުމިން އާންމުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި އާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގުރުނަގަނީ / ފޮޓޯ:ހައުސިން މިނިސްޓްރީ

އެމްޑީޕީގެ މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ހިއްކި ސަރަހައްދުން ދޫކުރާ ގޮތަށް ބަދަލުކޮށް، އެންމެފަހުން އާންމުކުރި ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުނެގުމަށް ފަހު، އެ ފަރާތްތަކުގެ ފޯމު ނަމްބަރާއި ލޮޓް ނަމްބަރު އަދި އެ ގޯތިތަކުގެ ބޮޑުމިނުގެ ތަފްސީލު ހިމެނޭ ލިސްޓެއް އާންމުކޮށްފި އެވެ.

Ads by STELCO

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ހަތަރު ފަހަރެއްގެ މަތިން ބަދަލު ގެނެސް ވަނީ އާންމުކޮށްފަ އެވެ. އެ ބަދަލުތަކާ ގުޅޭގޮތުން ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިދިޔަ މަހު ވިދާޅުވެފައި ވަނީ ‏ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން އެންމެ ފުރަތަމަ އިއުލާނުކުރީ 2023 ވަނަ އަހަރުގެ އޮގަސްޓް 24 ވަނަ ދުވަހު ކަމަށެވެ.

އޭރުގެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ޖެހޭ މުހިންމު ބައިތައް ނެތުމާ އެކު، އެ ޕްލޭން ބަދަލުކޮށް މިދިޔަ އޮކްޓޫބަރު 27 ގައި އާ ޕްލޭނެއް އިއުލާނުކުރި ކަމަށެވެ. އެ ޕްލޭނުގައި ސަރުކާރުން އިތުރަށް ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދު ހިމެނޭހެން ގޯތި ދިނުމަށް ނިންމައި ގުރުއަތު ނެގުން ވެސް ބާއްވާފައިވާ ކަަމަށެވެ.

ނަމަވެސް 2023 ވަނަ އަހަރުގެ އޮގަސްޓް 24 ގެ ޕްލޭނުގެ ދަށުން ގޯތި ލިިބުނު ބައެއް ފަރާތްތަކަށް އާ ޕްލޭނުގެ ދަށުން ގުރުއަތު ނެގުނުއިރު އަދި ނުހިއްކާ ނަމަވެސް ހިއްކުމަށް ޕްލޭން ކުރެވިފައިވާ ސަރަހައްދުން ގޯތި ލިބޭ ގޮތް ވެފައިވާ ކަމަށް މުއްތޮލިބް ވިދާޅުވި އެވެ. ގޯތީގެ ރަޖިސްޓްރީ ހެދުން ދަތި ކަަމަކަށް ވެފައި ވަނީ ކުރިން ރަޖިސްޓްރީ ދެވިފައިވާ ފަރާތްތަކަށް އަދި ނުހިއްކާ ސަރަހައްދުން ގޯތި ލިބޭ ގޮތަށް ގުރުއަތު ނެގިފައިވާތީކަން ފާހަގަކުރައްވާފައިވެ އެވެ.

ހައުސިން މިނިސްޓްރީން ރޭ ނެރުނު އިއުލާނުގައި ބުނީ އެ މިނިސްޓްރީން މިދިޔަ ހުކުރު ދުވަހު ކޮށްފައިވާ އިއުލާނާ އެކު ގެޒެޓުކޮށްފައިވާ "ގުޅިފަޅުގެ އާ ލޭންޑް ޔޫސް ޕްލޭން" ގެ ދަށުން އައިސްފައިވާ ބަދަލާ ގުޅިގެން ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް ބަދަލު އައިސްފައިވާ ކަމަށެވެ.

އެ ބަދަލާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީން ކުރި އިއުލާނާ އެއްގޮތަށް ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން ބާއްވާފައިވާ ކަމަށެވެ.

މިނިސްޓްރީގެ އިއުލާނާ އެކު އުސްފަސްގަނޑު ސަރަހައްދުގައި ހުކުރު ދުވަހު ބޭއްވި އެ ގުރުނެގުމަށް ފަހު ގޯތި ލިބިފައިވާ ފަރާތްތަކުގެ ފޯމު ނަމްބަރާއި ލޮޓް ނަމްބަރު އަދި އެ ގޯތިތަކުގެ ބޮޑުމިނުގެ ތަފްސީލު ހިމެނޭ ލިސްޓެއް ވަނީ އާންމުކޮށްފަ އެވެ.

ގުޅިފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފުސީލު:

  • 1،250 އަކަފޫޓުގެ 684 ގޯތި
  • 1،650 އަކަފޫޓުގެ 1،242 ގޯތި
  • 2،050 އަކަފޫޓުގެ 923 ގޯތި
  • 2،450 އަކަފޫޓުގެ 479 ގޯތި
  • 2،850 އަކަފޫޓުގެ 158 ގޯތި
  • 3،250 އަކަފޫޓުގެ 49 ގޯތި
  • 3،650 އަކަފޫޓުގެ 22 ގޯތި

ހައުސިން މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ގުޅިފަޅުން ދިނުމަށް ކަނޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަހައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެވި ގެޒެޓުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ގޯތިތަކުގެ ރަޖިސްޓްރީ ވީހާވެސް އަވަހަކަށް ދިނުން ކަމަށް ވާތީ ކަމުގަ އެވެ.

މި ބަދަލާ އެކު ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމަށް ކަޑައަޅާފައިވާ ސަރަހައްދަށް ބަދަލު ކުރެވިފައިވާ ކަމުގަ އެވެ. މި ބަދަލު ގުޅިފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރާ ޖަމިއްޔާ އާ ހިއްސާކުރެވި ބިންތައް ދޭނެ ގޮތަކާ މެދު މަޝްވަރާ ކޮށްފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.

މުއްތޮލިބް ވިދާޅުވެފައި ވަނީ މި ބަދަލަކީ ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބިމުގެ ރަޖިސްޓްރީ ހަދައި ގޯތި ހަވާލުކުރުން އަވަސްކުރުމަށް ގެނެވުނު ބަދަލެއް ކަމަށެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާ އެކުވާ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު އެ މިނިސްޓްރީން ފަހުގެ ތާރީހެއްގައި ހިއްސާކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

Ads by Allied Insurance