ސުޕްރީމް ކޯޓަށް ހަމީދާއި ސަލީމް އައްޔަންކުރަން ކޮމިޓީން ރުހުން ދީފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.
ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރެއްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުތަކުގައި ތިއްބެވި ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅިގެންނެވެ. ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ބޭއްވި މަޖިލިހުގެ ޖަލްސާއިން ފާސްކޮށްގެނެވެ.
ހުސްވި ދެ ފަނޑިޔާރުންގެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެންމެ މަތިން މާކްސް ދީފައި ވަނީ ހަމީދާއި ސަލީމަށެވެ.
އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަންކުރަން ޖޭއެސްސީން މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ ރައީސަށް ލަފާ އަރުވާފަ އެވެ.
ޖޭއެސްސީގެ ލަފާގެ މަތިން އެ ދެ ބޭފުޅުން އައްޔަންކުރުމަށް ރުހުން ހޯދުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލިހުގެ ޖަލްސާއަށް ރައީސް ވަނީ ފޮނުއްވާފަ އެވެ. ރައީސް ފޮނުއްވި ސިޓީގައި ވަނީ ހަމީދާއި ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ މެދު މަޖިލިހުން ގޮތެއް ނިންމައިދިނުމަށް އެދިވަޑައިގެންފަ އެވެ. ތަޅުމަށް ސިޓީ އިއްވުމުން މައްސަލަ ދިރާސާ ކުރުމަށް މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
އެ މައްސަލަ ދިރާސާ ކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ރައީސް ފޮނުއްވި ދެ ނަމަށް ރުުހުން ދޭން ފެންނަ ކަމަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އެވެ.
އެގޮތަށް ހުށަހަޅުއްވައި ސައްތާރު ވިދާޅުވީ އެ ދެ ބޭފުޅުންނަކީ ހައި ކޯޓުގައި މަސައްކަތް ކުރައްވައި އަދި ތައުލީމީ ބޭފުޅުންނަށް ވުމާ އެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޝަރުތު ފުރިހަމަވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ޝަރުތު ފުރިހަމަނުވާ ކަމަށް ދެކެވޭ ވާހަކައަށް ވެސް ކޮންމެވެސް އެއްޗެއް ދަންނަވާލަން އަޅުގަނޑު ބޭނުން. ސަބަބަކީ އޭގައި އެ ބުނަނީ އެންމެ އަސާސީ ސަބަބު ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެކަމަކު އެއަށް ވުރެ މަތީ މަސައްކަތްތައް އެބަހުރި. މިސާލަކަށް ގާނޫނީ މަސައްކަތް ކުރާނެ ގާނޫނީ ވަކީލުން ވެސް އަދި ފަނޑިޔާރުން ވެސް ކުރައްވަނީ އެ މަސައްކަތް. އެހެންކަމަށް ވެއްޖިއްޔާ އެއީ ޝަރުތު ހަމަނުވާ ސަބަބެއް ކަމަށް ބަލާނެ ޖާގައެއް ނެތް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ސަޓޯ ވިދާޅުވި އެވެ.
ސަޓޯގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފޭދޫ އުތުރު ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އިސްމާއީލް ނިޒާރެވެ.
ހަމީދާއި ސަލީމުގެ ޝަރުތު ފުރިހަމަވާ ކަމަށް ނިންމައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ރުހުން ދިނުމަށް ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ވޯޓު ދެއްވި ނުވަ މެމްބަރުންގެ އިއްތިފާގުންނެވެ.
އަޒްމިރާލްދާ އާއި މަހާޒުގެ މައްސަަލަ އާއެކު އެކީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ސަސްޕެންޑުކޮށް ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފެށުމުން ސުއޫދު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފަ އެވެ. ސުއޫދުގެ ބަދަލުގައި އެ މަގާމަށް ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ އައްޔަންކޮށްފަ އެވެ.