ޚަބަރު ސަރުކާރު

ހައްޖު ދުވަހުގެ ތަހުނިޔާ އާއެކު، ރައީސްގެ ހެޔޮ ދުއާ ދިވެހި ގައުމާއި ރައްޔިތުންނަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައީސްގެ ދެކަނބަލުން ދިވެހި ހައްޖާޖީންނާ ބައްދަލުކުރެއްވުން: ހައްޖު ދުވަހުގެ ތަހުނިޔާ އާއެކު ދިވެހި ގައުމާއި ރައްޔިތުންނަށް ރައީސް ވަނީ ހެޔޮ ދުއާ ދަންނަވާފައި / ފޮޓޯ:ރައީސް އޮފީސް

މި އަހަރުގެ ހައްޖު ދުވަހުގެ ތަހުނިޔާ އާއެކު ދިވެހި ގައުމާއި ރައްޔިތުންނަށް ރައީސް ޑރ. މުހަައްމަދު މުއިއްޒު ހެޔޮ ދުއާ ދަންނަވައިފި އެވެ.

Ads by STELCO

ހައްޖު ދުވަހާ ގުޅިގެން މިއަދު ހެނދުނު އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓުގައި ރައީސް ވަނީ ކޮންމެ ހައްޖުވެރިއަކަށް މަބްރޫރު ހައްޖެއް މިންވަރު ކުރައްވައި، ކޮންމެ މުސްލިމެއްގެ ދުއާ އިޖާބަ ކުރެއްވުން އެދިވަޑައިގެން ދުއާ ދަންނަވާފަ އެވެ.

ރާއްޖެ އާއި ރާއްޖޭގެ ކޮންމެ ރައްޔިތެއް ވެސް މާތް ﷲ ގެ އޯގާވަންތަ ކަމުގައި ލަހައްޓަވައި، ތާއަބަދުމެ ވިޔަވަތިކަން ދެއްވުން އެދިވަޑައިގެން އެ ޕޯސްޓުގައި, ހެޔޮ އަމަލުތައް ގަބޫލު ކުރައްވައި، ދުނިޔެ އާއި އާހިރަތުގައި ﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުމަށް އެދިވަޑައިގެން ރައީސް ދުއާ ދަންނަވާފައިވެ އެވެ.

ދުވަހާ ގުޅިގެން ރައީސް އޮފީހުން ވެސް ވަނީ އެމަނިކުފާނުގެ ހާއްސަ ވީޑިއޯ މެސެޖެއް އާންމުކޮށްފަ އެވެ.

"އަޅުގަނޑުމެންގެ ހިތްތަކުގައި އަޅުގަނޑުމެންނަކީ އެއްބައެއްވަންތަކަން އާލާކުރެވި، އެކުވެރިކަމާއި އުހުއްވަތްތެރިކަން އަޅުގަނޑުމެންގެ ތެރޭގައި ބަދަހިވެގެން ދިއުން،" އެ މެސެޖުގައި ރައީސް ވިދާޅުވި އެވެ.

ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިވަގުތު ތިއްބެވީ މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާގަ އެވެ.

ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއި އެ ވަފުދުގެ ބައެއް މެމްބަރުންގެ އަނބިއަނބިކަނބަލުން ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. ރައީސްގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ އެންމެހާ ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ ސައުދީގެ ސަރުކާރުންނެވެ.