ޚަބަރު

އޯޝަން ކޮންފަރެންސަށް މިނިސްޓަރު ތޯރިގު ފްރާންސަށް ފުރާވަޑައިގެންފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިނިސްޓަރު ތޯރިގު ފްރާންސަށް ވަޑައިގެންނެވުމުގެ ކުރިން އެއާޕޯޓުގައި/ ފޮޓޯ: ސަރުކާރުން

ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް، ފްރާންސްގެ ނިސް ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ.ގެ އޯޝަން ކޮންފަރެންސް 2025 ގައި ބައިވެރިވެ ވަޑައިގަތުމަށް އިއްޔެ ފުރާވަޑައިގަންނަވައިފި އެވެ.

Ads by MPL

މިނިސްޓްރީން ބުނީ އެ މުހިންމު ބައިނަލްއަޤްވާމީ ޖަލްސާގެ މައިގަނޑު މަގްސަދަކީ ކަނޑުތަކާއި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމާއި، މިކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުން ކަމަށެވެ.

އޭގެ އިތުރުން، އ.ދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ 14 ވަނަ ލަނޑުދަނޑި ޙާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރުމަށްވެސް މި ޖަލްސާގައި އަލިއަޅުވާލެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ތާރިގު ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމުން، ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކާއި، ކަނޑުތަކާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރެއްވުމުގެ ފުރުސަތު ލިބޭނެ އެވެ.

އޯޝަން ކޮންފަރެންސް 2025 ގައި ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި، އަމިއްލަ ޖަމާއަތްތަކުގެ އިސް ފަރާތްތައް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. މި ޖަލްސާ ކުރިއަށްދާނީ ޖޫން 9 އިން 13 އަށެވެ.

Ads by Ooredoo