ޚަބަރު ސަރުކާރު

ޝެއިހް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވައިފި، ޣައިބަށް ކަށުނަމާދު ކުރުން ހުކުރު ދުވަހު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޝެއިހް ފަރީދު ދަރުހެއް ދެއްވަނީ: ޝެއިހުގެ ޖަނާޒާ މެލޭޝިއާގައި ވަނީ ބާއްވާފައި --

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު އަހުމަދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވައިފި އެވެ.

Ads by MPL

އުމުރުފުޅުން 53 އަހަރުގައި ފަރީދު އަވަހާރަވީ ދީނީ ދައުވަތާ ގުޅުންހުރި ކަމެއްގައި މެލޭޝިއާއަށް ކުރެއްވި ދަތުރުގައި މިދިޔަ ހޯމަ ދުވަހު ހަވީރު އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް ހާލު ދެރަވެގެންނެވެ.

ފަރީދުގެ ހަށިގަނޑު ގެނެސް ރާއްޖޭގައި ކަށުނަމާދު ކުރުމަށް އާއިލާއިން މަސައްކަތްކުރި އެވެ. އެހެންނަމަވެސް އެކަން ކުރާ ނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ އާއިލާއިން ނިންމީ ޖަނާޒާ މެލޭޝިއާގައި ބޭއްވުމަށެވެ.

ޝެއިހް ފަރީދުގެ ޖަނާޒާ ބާއްވާފައި ވަނީ މިއަދު މެންދުރު ނަމާދަށް ފަހު ސެލަންގޯގެ ރާޖާ ހާޖީ ފީސަބީލިﷲ މިސްކިތުގަ އެވެ. ފަސްދާނުލީ ތަނާހް ޕަރްކުބުރަން އިސްލާމް ރައުދަތުލް ބަޤީ ގަބުރުސްތާނުގަ އެވެ.

ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ ރަށު ކައުންސިލުތަކަށާއި އަތޮޅު ކައުންސިލުތަކަށާ އަދި ސިޓީ ކައުންސިލުތަކަށް މިއަދު ސާކިއުލާއެއް ފޮނުވާފަ އެވެ.

އެ ސާކިއުލާގައި ބުނީ އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ޝެއިހް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވުމާ އެކު މި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވަނީ އެދިފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި ފަރީދަކީ ދައުވަތުގެ މައިދާނުގައި ރާއްޖެއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަގުހުރި ދިވެހި އިލްމީ ދަރިއެއް ކަމުގަ އެވެ.

"ޝެއިހް ފަރީދު، މި ވަގުތީ ދުނިޔެ އާ އަބަދުގެ އަބަދަށް އަލްވަދާއު ކީ އެންމެހައި ދިވެހިން ރޮއްވައިލައިފަ އެވެ. ޝެއިހް ފަރީދު ދަންނަ އެންމެހައި މީސްތަކުންގެ ހިތްތަކުގައި މިއަދު އާލާވަމުން ދަނީ އެ ބޭފުޅާގެ ހެޔޮ ހަނދާންތަކެވެ." ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ ފަރީދަކީ ހިތްވަރުގަދަ، ހުލްގުހެޔޮ، މީހުންނާ ގާތް ރަހުމަތްތެރި ބޭފުޅެއް ކަމަށެވެ. ރީތި އަޑުފުޅުން ކީރިތި ޤުރްއާން ތިލާވަތު ކުރެއްވި ފަރީދުގެ މުޅި ހަޔާތް ހޭދަކުރެއްވީ އިސްލާމީ ދައުވަތު ފެތުރުއްވުމުގައި ކަމަށެވެ. ދުނިޔެ އާ ވަކިވެވަޑައިގެންނެވީ ވެސް އެ މަގުގައި ހިންގަވާފައި ވަޑައިގަންނަވަނިކޮށް ކަމުގައި ފާހަގަކުރެއްވި އެވެ.

"ޝެއިހް ފަރީދު ފަދަ ބޭފުޅުންގެ ހަޔާތުން ފިލާވަޅުތައް ލިބިގަނެ، އެ ބޭފުޅުން ކޮށައިދެއްވި މަގުން ހިނގައި، އިސްލާމްދީނާއި ވަތަނުގެ ދިފާއުގައި ދެމި ތިބޭނެ ޒުވާން އިލްމީ ޖީލެއް ބިނާކުރުމުގެ ބުރަ ބޮޑު މަސްއޫލިއްޔަތު އަޅުގަނޑުމެންގެ ކޮނޑުގައި މިއަދު މި ވަނީ އެޅިފަ އެވެ." ޝަހީމް ވިދާޅުވި އެވެ.

ފަރީދު އިސްކޮށް ހުންނަވާ ހިންގަވަމުން އައި ހިދުމަތް ޖަމިއްޔާއިން ވަނީ އޭނާ އަވަހާރަވުމާ ގުޅިގެން، ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް އަޅަން ނިންމާފައިވާކަން ހާމަކޮށް، އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް އިއްޔެ އިއުލާނުކޮށްފަ އެވެ.

އެ ޖަމިއްޔާއިން ކުރި ޕޯސްޓުގައި ބުނެފައި ވަނީ 250 އަކަމީޓަރުގެ 455 މީހުންގެ ޖާގައިގެ އެ މިސްކިތް އެޅުމަށް ގާތްގަނޑަކަށް 760،000 ރުފިޔާ ހޭދަވާނެ ކަމަށެވެ.

ހިދުމަތް ޖަމިއްޔާއިން މިއަދު ހެނދުނު ވަނީ މިސްކިތް އެޅުމަށް ބޭނުންވާ އަދަދަށް ފައިސާ ހަމަވެފައިވާކަން ހާމަކޮށްފަ އެވެ. އެ ޖަމިއްޔާއިން މީގެކުރިން ވެސް އެހީ އެއްކޮށްގެން މިސްކިތްތައް ބިނާކޮށްފައިވެ އެވެ.

Ads by HDC