އިޒްރޭލުން އީރާނަށް ދިން ހަމަލާ ރައީސް ކުށްވެރި ކުރައްވައިފި

އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުކްލިއާ ފެސިލިޓީތައް ހިމެނޭ ގޮތުން އެ ގައުމުގެ އެކި ސަރަހައްދުތަކަށް އިޒްރޭލުން ދިން އުދުވާނީ ހަމަލާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި އެވެ.
ފަތިހުގެ ވަގުތެއްގައި އިޒްރޭލުން ހަމަލާ ދިން ތަންތަނުގެ ތެރޭގައި އީރާނުގެ އެންމެ ބޮޑު ޔުރޭނިއަމް ފައްކާކުރާ މަރުކަޒާއި ތިބްރީޒުގައި ހުންނަ ނިއުކްލިއާ ރިސާޗް ސެންޓަރު ހިމެނެ އެވެ. އޭގެ އިތުރުން އެ ގައުމުގެ ވެރިރަށް، ތެހެރާނުގެ އެކި ސަރަހައްދުތައް ވެސް ހިމެނެ އެވެ.
އެ ހަމަލާތަކުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކޮމާންޑާ އިން ޗީފް، ހޮސެއިން ސޮލާމީ އާއި އާމްޑް ފޯސެސްގެ ޗީފް އޮފް ސްޓާފް، މުހައްމަދު ބަޣޭރީ އަދި އެމަޖެންސީ ކޮމާންޑުގެ ކޮމާންޑަރު ވަނީ ޝަހީދުކޮށްލާފަ އެވެ. އަދި އެ ގައުމުގެ ހަ ނިއުކްލިއާ ސައިންޓިސްޓުން ވެސް އެ ހަމަލާތަކުގައި ޝަހީދުވެފައިވެ އެވެ.
ރައްދުގައި އީރާނުން ވަނީ އިޒްރޭލަށް ހަމަލާތަކެއް ދީފަ އެވެ. އެ ގައުމުން ދިން ހަމަލާތައް އަވަށްޓެރި ޖޯޑަންގެ އެހީތެރިކަމާ އެކު އިޒްރޭލުން ވަނީ ހުއްޓުވާފަ އެވެ.
އީރާނަށް ދިން ހަމަލާތަކާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ރައީސް ވަނީ އިޒްރޭލުގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު އަދި އެ ސަރަހައްދުގެ ސުލްހަ އާއި ހަމަޖެހުމަށް ވެސް ނުރައްކާވާ ފަދަ އަމަލުތަކެއް ކަމަށެވެ. ނުތަނަވަސްކަން އިތުރުވިޔަ ނުދޭން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އިޒްރޭލުގެ ހަމަލާތައް ރައީސް ކުށްވެރި ކުރައްވާފައިވާއިރު، ފޮރިން މިނިސްޓްރީން ވެސް ވަނީ ކަމާ ގުޅިގެން ބަޔާނެއް ނެރެފަ އެވެ.
ދިވެހި ސަރުކާރުން އެ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަން ހާމަކޮށް ފޮރިން މިނިސްޓްރީން ބުނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު މި އަމަލީ މެދުއިރުމަތީގެ ސުލްހަ އާއި ސަލާމަތަށް ހުށަހެޅިގެންދާ ނުރައްކަލެއް ކަމަށެވެ. އަދި މި އަމަލަކީ އެ ސަރަހައްދުގެ ސަލާމަތަށް އިތުރަށް ނުރައްކާވާނެ ކަމެއް ކަމުގައި ފާހަގަކުރި އެވެ.
އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ގާޒާއަށް މެދުކެނޑުމެއް ނެތި ދެމުން ގެންދާ ހަމަލާތަކާ ދިމާކޮށް އީރާނަށް ދިން މި ހަމަލާ އާ ގުޅިގެން މުޅި މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް މީގެ ސަބަބުން އަސަރު ފޯރާނެ ކަަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް އިޒްރޭލުން ކުރަމުންދާ ގައިރު ގާނޫނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް އެ ގައުމަށް މަޖުބޫރު ކުރުވުމަށް ވަގުތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށާއި ސަރަހައްދުގެ މަސްލަހަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފަ އެވެ.
