ޑައިވިނަށް ފޭބި ފަހުން ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

ކ. މާފުށި ކައިރިން ޑައިވިނަށް ފޭބި ފަހުން ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައީ 26 އަހަރުގެ ޖަޕާނު ފިރިހެނެކެވެ.
އެ މީހާއަކީ މިއަދު ހެނދުނު މާފުށީގެ ގެސްޓް ހައުސްއަކުން ފަތުރުވެރިން ގޮވައިގެން އެ ރަށް ކައިރީގައި އޮންނަ ކަނޑޫމާ ތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ޑައިވިނަށް ފޭބި މީހެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި ހާދިސާ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް، މެެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނީ ހެނދުނު 10:02 ހާއިރު ކަމުގަ އެވެ.
އެ މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ޑައިވަރުންނާ އެކު ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ގޮސް ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.
އެމްއެންޑީއެފުން ބުނީ ކަނޑޫމާ ތިލަ ކައިރިއަށް ގެއްލުނު ފަތުރުވެރިޔާ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން މިއަދު ހަވީރު 5:17 ހާއިރު ނަގާފައިވާ ކަމަށެވެ.
