ކުދި ފަންތީގެ މަސްވެރިކަން ތަރައްގީ ކުރަން ބައިނަލްއަގުވާމީ މައިދާނުގައި އަޑު އުފުލަން ޖެހޭ: ޝިޔާމް

ކުދި ފަންތީގެ މަސްވެރިކަން ތަރައްގީ ކުރަން ބައިނަލްއަގުވާމީ މައިދާނުގައި އަޑު އުފުލަން ޖެހޭ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވީ ރާއްޖެއިން އިސް ނަގައިގެން ބޭއްވި ކުދި ފަންތީގެ މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމާ ގުޅޭ ސައިޑް އިވެންޓް, ޔުނައިޓެޑް ނޭޝަން އޯޝަންސް ކޮންފަރެންސްގެ ތިން ވަނަ ބައްދަލުވުމުގައި އިއްޔެ ވާހަކަ ދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި ވަނީ ސަރުކާރުތަކުންނާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފަރާތްތަކުން ދެމެހެއްޓެނިވި ގޮތެއްގައި ކުދި ފަންތީގެ މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ކޭސް ސްޓަޑީސްތައް ހިއްސާކޮށްފަ އެވެ. އަދި އެ ތަޖުރިބާގެ އަލީގައި، އެހެން ގައުމުތަކަށް ވެސް އެޅިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާ ކޮށްފައިވެ އެވެ.
އެ ސެޝަނުގައި ޝިޔާމް ވިދާޅުވީ ކުދި ފަންތީގެ މަސްވެރިކަން ތަރައްގީ ކުރުމާއި އެ މަސްވެރި ކަމަށް އިންވެސްޓްކުރުމާ ގުޅޭގޮތުން ބައިނަލްއަގުވާމީ މައިދާންތަކުގައި އަޑުއުފުލަން ޖެހޭ ކަމަށެވެ.
އެހެންނަމަވެސް ކުދި ފަންތީގެ މަސްވެރި ކަމުގެ ވާހަކަ އަންނަނީ ބައިނަލްއަގުވާމީ އެފަދަ މަޝްވަރާތަކުގެ ހަވާސާގައި ކަމަށާއި ކުދި ފަންތީގެ މަސްވެރިކަން ކުރާ ފަރާތްތައް ތިބީ ސިޔާސަތުތަކާއި އިންވެސްޓްމަންޓާއި އިނޮވޭޝަންގެ މާ ފަހަތުގައިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަން ބަދަލުވާން ޖެހޭ ކަމަށެވެ.
އަދި ސައިންސާއި ޓެކްނޮލޮޖީގެ އަލީގައި މި މަސްވެރިކަން ތަރައްގީ ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ވެސް ޝިޔާމުގެ ވާހަކައިގައި އަލިއަޅުއްވާލެއްވި އެވެ.

ރާއްޖެއިން އިސްނަގައިގެން ބޭއްވި ކުދި ފަންތީގެ މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމާ ގުޅޭ ސައިޑް އިވެންޓް / ފޮޓޯ:ފިޝަރީޒް މިނިސްޓްރީ
އެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ޑރ. ހުސެއިން ސިނާން ވަނީ ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގުމުގައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފަ އެވެ.
އެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ދެމެހެއްޓެނިވި މަސްވެރިކަމުގެ އުސޫލުތަކަށާއި ހަމަހަމަ ކަމަށް އިސްކަންދޭ މިންވަރު ސިނާންގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އަދި މަހުގެ ބައިނަލްއަގުވާމީ މާކެޓުތަކަށް ވަނުމުގެ ފުރުސަތުތައް ފަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ކުދި ފަންތީގެ މަސްވެރިކަމުން ލިބޭ ނަފާ މުޅި މުޖުތަމައަށް ބެހިގެންދާނެ ފަދަ ގޮތަކަށް މަސްވެރިކަން މެނޭޖުކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.
މަސްވެރިކަމުގެ ތަފާސް ހިސާބުގެ މުހިންމުކަން ފާހަގަކުރައްވަމުން ސިނާނު ވިދާޅުވީ 1950 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި އެއްކޮށް، ބަލަހައްޓަމުން އަންނަ މަސްވެރިކަމުގެ ތަފާސް ހިސާބު ޑިޖިޓައިޒް ކުރުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މި މިކަމަކީ ރާއްޖޭގައި ޒިންމާދާރު ގޮތެއްގައި ކުރެވޭ ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖުކުރުމަށް ޓަކައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން އިސްނަގައިގެން ބޭއްވި ކުދި ފަންތީގެ މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމާ ގުޅޭ ސައިޑް އިވެންޓް / ފޮޓޯ:ފިޝަރީޒް މިނިސްޓްރީ
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިންޑޮނޭޝިއާގެ ޑިރެކްޓަ ޖެނެރަލް އޮފް ކެޕްޗަ ފިޝަރީޒް ވަނީ އިންޑޮނޭޝިއާގައި މަސްވެރިކަން ކުރަމުން އަންނަ ގޮތް ހިއްސާކުރައްވާފަ އެވެ. އެ ގައުމުން ކޯޓާ ބަހައިގެން މަސްވެރިކަން ކުރާ ގޮތާއި މަސްލަހަތުވެރިންގެ ބައިވެރިވުން އިތުރުކޮށްގެން އަދި ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ނޫ އިގުތިސޯދު ކުރިއަރުވަމުންދާ ގޮތް ހިއްސާ ކުރެއްވި އެވެ. އަދި އެކަން ކުރެވެމުން ދަނީ ސައިންސްގެ އަލީގައި ކަމަށާއި ދެފުށް ފެންނަ ވަރުގަދަ ނިޒާމުތަކެއްގެ މައްޗަށް ބިނާކޮށް ކަމުގައި ފާހަގަކުރެއްވި އެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެރިން ބައޮލޮޖިސްޓެއް ކަމަށްވާ ޑރ. ލިލިއަން ޖޭ އިބެންގް ވަނީ ޓެންޒޭނިއާގެ ކުދި ފަންތީގެ މަސްވެރިކަމުގެ ތަޖުރިބާ ހިއްސާކުރައްވާފަ އެވެ. ޓެންޒޭނިއާއަކީ ދުނިޔޭގައި އެންމެ ފުރަތަމަ ކުދި މަސްވެރިކަމަށް ގައުމީ އަމަލީ ޕްލޭނެއް އެކުލަވާލި ގައުމެވެ. އެ ނެޝަނަލް ޕްލޭން އޮފް އެކްޝަންގެ ސަބަބުން މަސްވެރިކަމުގެ ސިޔާސަތު އެކުލަވައިލުމުގައި އަދި މަސްވެރިކަން ބެލެހެއްޓުމުގައި މަސްލަހަތުވެރިންގެ ބައިވެރިވުން ޔަގީންކުރެވި، އެ ފަރާތްތައް ބާރުވެރިކުރެވޭ ކަމަށް ވިދާޅުވި އެވެ. އަދި ކާބޯތަކެތީގެ ޖަމިއްޔާ، އެފްއޯއިން ތައްޔާރުކޮށްފައިވާ ސްމޯލް-ސްކޭލް ފިޝަރީޒް ގައިޑްލައިންތައް ފުރިހަމައަށް ތަންފީޒު ކުރުމަށް އެ އެންޕީއޯއޭ ބާރަކަށްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން އިސްނަގައިގެން ބޭއްވި ކުދި ފަންތީގެ މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމާ ގުޅޭ ސައިޑް އިވެންޓް / ފޮޓޯ:ފިޝަރީޒް މިނިސްޓްރީ
ރާއްޖެއިން އިސްނަގައިގެން ބޭއްވި އެ ބައްދަލުވުމުގައި ގައުމުތަކުގެ އިތުރުން ސަރަހައްދީ ޖަމިއްޔާތަކުން ވެސް ބައިވެރިވެފައިވެ އެވެ. އެގޮތުން ބޭ އޮފް ބެންގޯލް ޕްރޮގްރާމް، އިންޓަގަވަމެންޓަލް އޯގަނައިޒޭޝަން (ބީއޯބީޕީ-އައިޖީއޯ) ގެ ޑިރެކްޓަ، ޑރ. ކްރިޝްނަން ސަރަހައްދީ ފެންވަރުގައި ކުދި ފަންތީގެ މަސްވެރިކަން ތަރައްގީކޮށް ބާރުވެރި ކުރުމަށް ކުރެވިދާނެ ކަންކަން ހިއްސާކުރެއްވި އެވެ. އަދި ބީއޯބީޕީ-އައިޖީއޯގެ ހުރިހާ މެމްބަރު ގައުމުތަކުގައި ކުދި ފަންތީގެ މަސްވެރިކަމަށް ގައުމީ އަމަލީ ޕްލޭންތައް އެކުލަވާލުމަށް އެހީތެރިވެދޭނެ ކަމަށް އިއުލާނު ކުރެއްވި އެވެ.
ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމިއްޔާގެ އެސިސްޓެންޓް ޑިރެކްޓަ ޖެނެރަލް، ޑރ. މެނުއެލް ބަރަންޖް ވެސް އެ ސެޝަނުގައި ވާހަކަ ދައްކަވާފައިވެ އެވެ. ބަރަންޖްގެ ވާހަކައިގައި މަސްވެރި މުޖުތަމައުތަކުގެ ކުރިއެރުމަށާއި ދުޅަހެޔޮކަން އިތުރުކުރުމަށް ޓަކައި އެފްއޭއޯއިން އެކުލަވާލާފައިވާ ވަސީލަތްތަކަށް އަލިއަޅުވާލެއްވި އެވެ. އަދި ކުދި ފަންތީގެ މަސްވެރިކަމަށް ގައުމީ އަމަލީ ޕްލޭންތައް އެކުލަވާލުމަށް ބީއޯބީޕީ-އައިޖީއޯއިން ކުރާ މަސައްކަތްތަކަށް އެފްއޭއޯގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވި އެވެ.