މިދިޔަ ވެރިކަމުގައި ސަރުކާރުގެ ކުންފުނިތަކުން 10 ބިލިއަން ރުފިޔާ ވަގަށް ނެގި: ސަލީމް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މިދިޔަ ވެރިކަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން 10 ބިލިއަނެއްހާ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.
ސަލީމް އެހެން ވިދާޅުވީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ގައުމުގެ އިގުތިސޯދީ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތާ ގުޅޭގޮތުން މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ދިރާސާތަކެއް ހަދަމުން އަންނަ ކަަމަށް ސަލީމް ވިދާޅުވި އެވެ. އެ މަސައްކަތުގެ ތެރެއިން 2018 އިން 2023 ގެ ނިޔަލަށް ފާހަގަވެފައިވާ ބައެއް ކަންކަމަށް އަލިއަޅުއްވާލެއްވި އެވެ.
މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވި ގޮތުގައި ބޮޑު އަގުގައި ތަކެތި ގަނެގެންނާއި މަސައްކަތް ހަވާލުކޮށްގެން ހަމައެކަނި ފެނަކަ ކޯޕަރޭޝަނަށް ހަތަރު ބިލިއަނެއްހާ ރުފިޔާގެ ގެއްލުންވެފައިވާ ކަމަށެވެ. އެ ފައިސާއަކީ ކުންފުންޏަށް ވި ގެއްލުމެއްގެ ބަދަލުގައި "ވަގަށް ނަގާފައިވާ" ފައިސާ ކަމަށް ތުހުމަތު ކުރެއްވި އެވެ.
"މުޅި ހުރިހާ ކުންފުންޏަކަށް ބަލާއިރު، ގާތްގަނޑަކަށް އެ ފަސް އަހަރުގެ ތެރޭގައި އެ ކުންފުނިތަކުން 10 ވަރަކަށް ބިލިއަން ރުފިޔާ އެބަހުރި ހަމަ ސީދާ ވަގަށް ނަގާފައި. މި ދެންނެވީ ބާޒާރުގައި ހުންނަ އަގުތަކަށް ވުރެ ބޮޑު އަގުގައި ތަކެތި ގަނެގެންނާއި ބޮޑު އަގުގައި މަސައްކަތްތައް ދީގެން 10 ބިލިއަނާ ކައިރިއަށް އެބަހުރި،" ސަލީމް ވިދާޅުވި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ސަލީމް ވިދާޅުވީ ކުންފުނިތަކުގެ މާލީ ހާލަތަކީ އާންމުންނަށް ސާފުކޮށް އެނގެން ޖެހޭނެ ކަމެއް ކަމަށެވެ. އަދި އެ ތަފުސީލުތައް ތަކުރާރުކޮށް އާންމުންނަށް ހަނދާންކޮށް ނުދޭ ނަމަ، ކަމުގެ ހަގީގަތާއި ވެރިކަމާ ހަވާލުވިއިރު އޮތް ހާލަތު އާންމުންނަށް ނޭނގޭނެކަން ފާހަގަކުރެއްވި އެވެ.
ސަރުކާރާ ހަވާލުވިއިރު، ގައުމުގެ އިގުތިސޯދީ ހާލަތު އޮތީ ގޯސްކޮށްކަން އެނގުނު ނަމަވެސް ހާލަތު އޮތީ ލަފާކުރެއްވި ވަަރަށް ވުރެ ވެސް ގޯސްކޮށް ކަމަށް ސަލީމް ވިދާޅުވި އެވެ.
މަޖިލިހުގައި ހަތަރު ވަނަ ދައުރެއް ފުރިހަމަ ކުރައްވަމުން ގެންދަވާ މެމްބަރު ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ބޮޑެތި ދަރަނިތަކެއް ނުނަގައި ގައުމަށް ލިބޭ ފައިސާއިން ކަންކަން ހަމަޖައްސަަވަމުން ކަމުގަ އެވެ.
"މުސާރަ ދޭކަށް އަޅުގަނޑުމެން ނުޖެހޭ ވިޔަފާރިވެރިއެއް ކައިރިއަށް ގޮސްފައި ލާރި ހޯދާކަށެއް. މުސާރަ ވެސް ބަރާބަރަށް މަހުން މަހަށް، ދުވަހުން ދުވަހަށް ދޭ. މީގެ ކުރީގެ ސަރުކާރުތަކުގައި ބޮޑެތި މުއްސަނދިންގެ ކިބައިން ފައިސާ ހޯދައިގެން މުސާރަ ދީފައި ހުރިކަން އަޅުގަނޑުމެންނަށް އިނގެއޭ،" ސަލީމް ވިދާޅުވި އެވެ.
އޭދަފުށި ދާއިރާގެ މެމްބަރު ވިދާޅުވީ ގައުމު މިހާ ދަތި ހާލުގައި އޮތްއިރު ވެސް، ސަރުކާރުގެ ތެރެއިން މުސާރަ އާއި އިނާޔަތްތަކާއި އެހެނިހެން ކަންކަން ހަމަޖައްސަމުން ގެންދިއުމަކީ އާދައިގެ މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމުގައި ރައީސް ދައްކަވަމުން ގެންދަވާ ކުޅަދާނަ ކަމަށް ޝުކުރު ދަންނަވަން ޖެހޭ ކަމަށެވެ.
ދައުލަތުގެ އާމްދަނީ އާ ގުޅޭގޮތުން ދައްކަމުން އަންނަ ވާހަކަތަކަށް އިޝާރަތް ކުރައްވައި ސަލީމް ވިދާޅުވި ގޮތުގައި އެއް ދުވަހުން އަނެއް ދުވަހަށް އާމްދަނީ ދަނީ މައްޗަށް ކަމުގަ އެވެ. މައްސަލައަކީ ލިބޭ އާމްދަނީއަށް ވުރެ ކުރިއަށް އޮތް އަހަރު ތަކުގައި ދައްކަން ޖެހޭ ދަރަނީގެ ނިސްބަތް އިތުރުވުން ކަމުގަ އެވެ. އެ ދަރަނިތައް ނުދައްކާ އެހެން ކަންތައްތައް ނުކުރެވޭނެކަން ފާހަގަކުރެއްވި އެވެ.
"މީހެއްގެ ސިކުނޑިން ވިސްނާލަބަލަ އެއް ބިލިއަން ޑޮލަރު އެއް އަހަރުން ދައްކާ ގޮތަށް، 30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭ ގައުމެއްގައި މީހަކު ކުރާނެތޯ. މީ ހެޔޮނުވާ ވަރުގެ ކަމެއްނުން ކުރަން. އެއް ބިލިއަން ރުފިޔާ ދެއްކީމާ ދައުލަތަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބައި އެ ދިޔައީ،" ސަލީމް ވިދާޅުވި އެވެ.
ކޮންގްރެސް ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ސަލީމް ވިދާޅުވީ މުސާރައަށް ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ ހަރަދު ކޮށްފައި އިތުރަށް ކަމެއް ކުރުމަށް ފައިސާ ބާކީނުވާނެ ކަމަށެވެ. ގައުމުގެ ހާލަތު އޮތް ގޮތަކީ މިއީ ކަމުގައި ސިފަކުރެއްވި އެވެ.
އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ސަލީމް ވިދާޅުވި ގޮތުގައި މަޝްރޫއުތައް ހިނގަމުން އަންނަ ކަމުގަ އެވެ. އެހެންނަމަވެސް އެކަން ކުރެވޭނީ ވެސް "ވާވަރުން" ކަމުގަ އެވެ. "ނުވާވަރުން" ހިންގުމުގެ ނަތީޖާއަކީ ދައުލަތުގެ ބަޖެޓަށް ބާރު ބޮޑުވެ، ދަރަނީގެ ނިސްބަތް އިންތިހާއަށް މައްޗަށް ދިއުން ކަމުގަ އެވެ.
"އޭގެ ނަތީޖާއަކީ ކޮބާ. މިއަދު އަޅުގަނޑުމެން ކުރިމަތިލާން ޖެހުނީ. ކޮންމެވެސް ހިސާބަކުން އެބަ ޖެހޭ މިކަން ހުއްޓުވަން. ކޮންމެވެސް ހިސާބަކުން އެބަ ޖެހޭ މަޑުޖައްސާލާފައި، ގައުމު ހަމައަކަށް އަޅުވަން. އަދި މި ބުރަ ރައްޔިތުން ވެސް އުފުލަން ޖެހޭ،" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުން ޝާމިލުވާހެން އެ ބުރަ އުފުލަން ޖެހެނީ ގައުމަށް ޓަކައި ކަމަށެވެ. އެއީ މުސްތަގުބަލާ މެދު ވިސްނައި ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.
