ޚަބަރު ސިޔާސީ

ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީ އާ އެނބުރި ގުޅެން ނިންމައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޑިމޮކްރެޓްސްއިން ބޭއްވި ނޭޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމުގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ --

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ އެނބުރި ގުޅުމަށް ނިންމައިފި އެވެ.

Ads by MPL

އެގޮތަށް ނިންމާފައި ވަނީ ޑިމޮކްރެޓްސްއިން މިއަދު ބޭއްވި އެ ޕާޓީގެ ނޭޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމުގައި ފާސްކުރި ގަރާރަކާ އެކުގަ އެވެ.

ރައީސް ނަޝީދުގެ އެދިވަޑައިގަތުމަށް އެ ގަރާރު ހުށަހެޅުއްވީ ވިމެން ޑިމޮކްރެޓްސްގެ ލީޑަރު ފާތިމަތު ހަމްދާ މުހައްމަދެވެ.

"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށް ޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިިނދު، މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީ އާ ގުޅުމަށް އިގުރާރުވަމެވެ." ގަރާރުގައިވެ އެވެ.

ހަމްދާގެ ގަރާރު ފާސްކޮށްފައި ވަނީ ވޯޓު ދެއްވި 44 މެމްބަރުންގެ ތެރެއިން 35 މެމްބަރުންގެ ތާއީދާ އެކުގަ އެވެ. ބައްދަލުވުމުގައި އެގޮތަށް ފާސްކުރީ އެސެމްބްލީގެ މެމްބަރުން މެދުގައި އެ ނިންމުމާ މެދު ފުޅާދާއިރާއެއްގައި ހިޔާލު ބަދަލުކުރުމަށް ފަހުގަ އެވެ.

ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީ އާ ގުޅެން ނިންމައި އެ ޕާޓީން ގަރާރެއް ފާސްކުރިއިރު، ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާ އިއްޔެ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައި ވަނީ ނަޝީދު އާއެކު ބޭއްވި ބައްދަލުވުމުގައި ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރަން ހުރި މަސައްކަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ހިޔާލު ބަަދަލުކޮށްފައިވާ ކަމަށެވެ.

ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމުގައި ފައްޔާޒު ވަނީ ފާހަގަކުރައްވާފަ އެވެ.